ކޮރޯނާ ވައިރަސް

ކޮވިޑް 19 : އިންޑިއާގެ ފިލްމު އުފައްދާ ފަރާތްތަކުން މިމަހު 19އިން 31 އަށް ޕްރޮޑަކްޝަން މަޑުޖައްސާލަނީ

ހަލުވިކަމާއެކު ފެތުރޭބަލި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ފިލްމު އުފައްދާ ފަރާތްތަކުން، ޝޫޓިންތައް މިމަހު 19 އިން 31އަށް މަޑުޖައްސާލަން ނިންމައިފިއެވެ.

އިއްޔެ ނިންމި އެ ނިންމުމުގައި ބުނީ ހުރިހާ ޝޫޓިން ތަކެއް އެއީ ފިލްމާއި ޓީވީ ސީރީޒާއި ވެބް ސީރީޒްތައް ވެސް ހިމެނޭ ގޮތަށް ހުއްޓާލާނެ ކަމަށެވެ.

އިންޑިއާގެ ގިނަ ފިލްމުތައް އުފައްދާ ފަރާތްތަކާއެކު އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި މޯޝަން ޕިކްޗާސް ޕްރޮޑިއުސާސް އެސޯސިއޭޝަން، ވެސްޓާން އިންޑިއާ ފިލްމު ޕްރޮޑިއުސާސް އެސޯސިއޭޝަން އަދި އިންޑިއަން ފިލްމު އެންޑް ޓީވީ ޕްރޮޑިއުސާސް ކައުންސިލުން ވެސް ބައިވެރިވިއެވެ. މި ނިންމުމަށް ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއަން ސިނެ އެމްޕްލޯއީސް އާއި އިންޑިއަން ފިލްމު އެންޑް ޓެލެވިޒަން ޑިރެކްޓާސް އެސޯސިއޭޝަން އަދި ޕްރޮޑިއުސާސް ގައިޑް އޮފް އިންޑިއާއިންވެސް ވަނީ ތާއިދުކޮށްފައެވެ.

"އެންމެ މުހިންމީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން. މުޅި އިންޑަސްޓްރީ އެކުވެގެން މި ނިންމި ނިންމުމަކީ މިދަނޑިވަޅުގައި ކުރުން ވަރަށް މުހިންމު ކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް19 ފެތުރޭ ގޮތް މޮނިޓާ ކުރެވި އިތުރަށް އެހެން ގޮތްތަކެއް ނިންމަން ޖެހިއްޖެޔޭ އެކަންވެސް އެންމެން އެކުގައި ކުރެވޭނެ" ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާގެ ސީއީއޯ ކުލްމީތު މައްކަރު ވިދާޅުވިއެވެ.

އިންޑިއާގައި މިހާރުވެސް ވަނީ އިވްނެޓުތަކާއި އެވޯޑު ހަފުލާތަކާއި އިންޓަވިއުތަކާއި ބައެއް ޝޫޓިންތައްވެސް ރީޝެޑިއުލް ކޮށްފައެވެ.

ހޮނިހިރު ދުވަހު ޝާހިދު ކަޕޫރު ވަނީ ފިލްމު "ޖާޒީ"ގެ ޝޫޓިން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ. އަކްޝޭގެ "ސޫރްޔަވަންޝީ" ގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ފިލްމު "ސަރ"ގެ ޝޫޓީންތައް ވަނީ ފަސްކޮށްފައެވެ.

ހުކުރު ދުވަހު ވަނީ އިރްފާން ޚާނާއި ކަރީނާ ކަޕޫރުގެ ފިލްމު "އަންގްރޭޒީ މީޑިއަމް" ރިލީސްކޮށްފައެވެ. ނަމަވެސް ދިއްލީ، ކެރެލާ، ޖައްމު އަދި ކަޝްމީރުގައި މި ފިލްމެއް ނޭޅުވުނެވެ. އެ ސިޓީތައް ވަނީ މިމަހު 31 ވަންދެން ބަންދުކޮށްފައެވެ. އެހެންކަމުން އެސިޓީތަކުގައި ފިލްމު ފަހުން އަޅުވާނެ ކަމަށް ވަނީ ބުނެފައެވެ.

ހޮލީވުޑް ފިލްމުތަކުގެ ތެރެއިން "އަ ކުއެޓް ޕްލޭސް 2"، "މުލާން" އަދި ޖޭމްސް ބޮންޑުގެ "ނޯ ޓައިމް ޓު ޑައި"ވެސް ވަނީ ރިލީސްކުރުން ފަސްކޮށްފައެވެ.

އިންޑިއާގައި ކޮވިޑް19 އަށް ޕޮޒިޓިވް 107 މީހުން ފެނިފައިވާއިރު ދެމީހަކު ވަނީ މަރުވެފައެވެ.