ކުޅިވަރު

އެޗްޕީއޭއިން އަންގަނީ އެއްވެ އުޅުން ހުއްޓާލުމަށް، އެފްއޭއެމުން އަންގަނީ މިމަހު 20ގައި ކޮންގްރެސް އޮންނާނެ ކަމަށް!

އައިދާ އަބްދުލް ހަކީމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް އެއިދާރާއިން ބުނެފިއެވެ.

އެފްއޭއެމުން މިކަން އިއުލާނު ކުރި އިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް ޓަކައި، ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި މީހުން އެއްވެ އުޅުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މާލޭގައި ހުރި މީހުން އެއްވެ އުޅޭ ޒާތުގެ ހުރިހާ ތަނެއް ވަނީ ބަންދުކޮށްފަ އެވެ. ސަރުކާރުން ހިންގާ އެފަދަ ހުރިހާ ހަރަކާތެއް ވެސް ވަނީ ހުއްޓާލާފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފީފާއިން އަންގާފައިވާ މުއްދަތުގައި ކޮންގްރެސް ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ "ވަން" އިން ކުރިސުވާލަކަށް ޖަވާބު ދެއްވަމުން ޖަވާ ވިދާޅުވީ އޭއެފްސީ އާއި ފީފާއިން ކޮންގްރެސް ނުބޭއްވުމަށް އަދި އަންގާފައި ނުވާ ކަމަށެވެ.

ޖަވާ ވިދާޅުވީ އެ ބައްދަލުވުމަކީ 20 ވަރަކަށް މީހުން ބައިވެރިވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެހެން ތަންތާނގަ ވެސް އެފަދަ ބައްދަލުވުންތައް މިހާރުވެސް ބާއްވަމުން އަންނަކަން ޖަވާ ފާހަގަކުރެއްވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޮންގްރެސްގައި އެފްއޭއެމްގެ އިންތިހާބު ވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތި ލާފައިވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. އެހެންކަމުން މި ކޮންގްރެސްގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.