Close
ޚަބަރު

ކޮވިޑް 19 : ފަނޑިޔާރަކު އެކަހެރި ކުރަން ޖެހިއްޖެނަމަ މުސާރައާއި ޗުއްޓީން ނުކެނޑޭ ގޮތަށް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުމަށް ފަނޑިޔާރަކު އެކަހެރި ކުރަންޖެހޭ ހާލަތްތަކުގައި މުސާރައާއި ޗުއްޓީ ދުވަސްތައް ނުކެނޑޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ނުރައްކަލާ ގުޅިގެން މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެޗްޕީއޭ އިން ސެލްފް އައިސޮލޭޝަނާއި އައިސޮލޭޝަނަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަރާތްތައް ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އަހަރީ ޗުއްޓީ އާއި އެހެނިހެން ޗުއްޓީތަކުން ވެސް ދުވަސްތައް ނުކެނޑޭގޮތަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ހާލަތުގައި ޝަރުއީދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނެފައެވެ.

ކޮވިޑް 19 އަށް ރާއްޖެއިން ވަނީ މިހާތަނަށް 13 މީހުން ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.