ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މަޑުޖައްސާލުމަށް ފެމިލީ ކޯޓުން ނިންމައިފިއެވެ.
ރާއްޖޭގައި ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު ކޯޓުތަކުން ވެސް ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ކޯޓުތަކަށް އަންގައިފައެވެ.
ޑީޖޭއޭއިން އިިއްޔެ އެންގި އެ އެންގުމާ ގުޅިގެން ފެމިލީ ކޯޓުން ނިންމާފައިވަނީ، ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން ވަގުތީގޮތުން މަޑުޖައްސާލުމަށާއި ބަންދު ދުވަސްތަކުގައި ކައިވެނިކޮށް ނުދިނުމަށެވެ. އަދި އާންމު އުސޫލުން ނުރަސްމީ ގަޑީގައި ކައިވެނިކޮށް ނުދޭން ވެސް ވަނީ ނިންމައިފައެވެ. ނަމަވެސް ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ކަމުގެ ލިޔުން މިހާރު ދޫކޮށްފައިވާ ފަރާތްތަކަށް، އެފަރާތްތަކުން ބޭނުންވާ ނަމަ، އެ ކައިވެނިތައް ކޯޓުން ބޭރުގައި ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
މީގެ އިތުރުން ކޯޓުގައި ކައިވެނި ކުރާއިރު ވެސް، ކައިވެނީގެ މަޖިލީހަށް ހާޒިރުވާން ޖެހޭ މީހުން ފިޔަވައި އިތުރު މީހުންނަށް ކައިވެނީގެ މަޖިލީހަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ކައިވެންޏާ ގުޅިގެން ގޭގެއަށް ގޮސް ހަދަންޖެހޭ އެސެސްމަންޓްތައް ވެސް، ކޮންމެހެން ހަދަންޖެހޭ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި މަޑުޖައްސާލުމަށް ވަނީ ނިންމައިފައެވެ. އަދި ސުލްހައިގެ މަޖިލިސްތައް މެދުކަނޑާލަން ވަނީ ނިންމައިފައެވެ. ނަމަވެސް ގެވެށި އަނިޔާގެ މަައްސަލަތަކާއި ތިން މަސް ހަމަވާން ގާތްވެފައިވާ މައްސަލަތަކުގެ ސުލްހައިގެ މަޖިލިސް ކުރިއަށްގެންދާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ކައިވެންޏަށް ފޯމު ހުށަހަޅާއިރު، ފޯމުގައިވާ މައުލޫމާތު ވަގުތުން ޗެކްކުރާ އުސޫލު ކުރިން އޮތް ނަމަވެސް އެ އުސޫލަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ސްލިޕެއް ދޫކުރުމަށް ފަހު މައުލޫމާތު ފަހުން ޗެކް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ފެމިލީ ކޯޓުން ބުނީ ކޯޓަށް ހާޒިރުވުމުގެ އަމުރު މީގެ ފަހުން ހަވާލުކުރާނީ މީސް މީޑިއާގެ މަންސަތައް މެދުވެރިކޮށް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ވަނީ ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.