ޚަބަރު

ޗައިނާގެ ދަރަނީގެ ވާހަކަ ފުރަތަމަ ދައްކަންވީ ޗައިނާއާ، ދަރަނި ހޯދަން އަދިއެއް ނާދޭ: ޑރ. ޝަހީދު

ޗައިނާގެ ދަރަނީގެ ވާހަކަދެއްކުން އެންމެ ފުރަތަމަ ރަނގަޅީ ހަމަ ޗައިނާއާ ކަމަށާއި އެގައުމަށް ދަރާފައިވާ ފައިސާ ހޯދަން އަދި ނާންނަ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވީ އޭނާ މިއަދު މެންދުރު ފަހު ކުރެއްވި ޓުވީޓެއްގަ އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި ޗައިނާއާ ވެސް ޖެހިގަންނާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް އިންޑިއާ އިން ފައިސާގެ އެހީ ދެނީ މިލިޓަރީ ފައިދާއެއްގެ ބަދަލުގައި ކަމަށް ވާނަމަ، އޭގަ ނަތީޖާ ރާއްޖެ އަށް ނުރައްކާ ވާނެ ކަމަށް ޝަހީދު ވަނީ ވިދާޅުވެފަ އެވެ.

"ޗައިނާގައި އޮތް ދަރަނި އެހެން ގައުމަކަށް ބަދަލުކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫން. އެކަހަލަ ވިސްނުމެއް މިސަރުކާރުން ނުގެންގުޅުއްވާނެކަން ޔަގީން." ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ނިންމި ހިސާބުން ފެށުމަށްވުރެ ރަނގަޅީ ރައީސް ޔާމީންގެ ތަރައްގީގެ މޮޑެލްގެ ނުރައްކާތެރިކަން ހަނދާން ބަހައްޓައިގެން އެހެން މޮޑެލެއް ބައްޓަން ކުރުން ކަމަށެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ޗައިނާ އަށް ގިނަ އަދަދެއްގެ ފައިސާ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭތީ އެކަމަށް ބޭނުންވާ ފައިސާގެ އެހީއަށް އެދި ދިވެހި ސަރުކާރުން އަންނަނީ ބޭރުގެ އެހީއަށް އެދެމުންނެވެ. އެ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްކޮށް ހުންނަވައިގެން ފެއްޓެވި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އިންޑިއާއަށެވެ.

އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ބޭތިއްބުމާއި ޗައިނާއާ ގުޅުން ކުޑަކޮށް އިންޑިއާއާ އޮންނަ ގުޅުން ބޮޑު ކުރުން ފަދަ ޝަރުތުތަކަކަށް ރާއްޖެ އެއްބަސްވާ ނަމަ، އެއް ބިލިއަން ޑޮލަރުގެ އެހީގެ ފެސިލިޓީއެއް ހުޅުވަން އިންޑިއާ އޮތީ ތައްޔާރަށެވެ.