ޚަބަރު

ކޮވިޑް 19 : މެލޭޝިއާގައި މިއަދު އެކަނިވެސް 190 މީހުން ޕޮޒިޓިވް، ޔުނިވާސިޓީތައް ބަންދުކޮށް އޮންލައިން ކްލާސްތަކަށް

ހުސެއިން އަލީ

މެލޭޝިއާގައި މިއަދު އެކަނިވެސް 190 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެ، ގިނަ ޔުނިވާސިޓީތަކެއް ބަންދުކޮށް އޮންލައިން ކްލާސްތަކަށް ބަދަލުކޮށްފި އެވެ.

މެލޭޝީއާ ސަރުކާރުން އާންމުކުރި ގޮތުގައި މިއަދު ޕޮޒިޓިވް ވި 190 މީހުންނާއެކު ކޮވިޑް19އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ޖުމްލަ 428އަށް އަރާނެއެވެ. އަދި މިއީ އެއްދުވަހުގެ ތެރޭގައި މި ބައްޔަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަސް ކަމަށް ވެސް މެލޭޝިއާ ސަރުކާރުން ބުނެއެވެ. މިހާތަނަށް މެލޭޝިއާގައި 41 މީހަކު މި ބަލިން ރަނގަޅުވެފައި ވާއިރު، ކުރިއަށް އޮތްތަނުގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މަސްޖިދް ޖަމެކް ޝްރީ ޕިޓާލިންގްގައި ބޭއްވި ދީނީ އެއްވުމެއްގައި 16،000 މީހުން ބައިވެރިވިކަމާއި މީގެ ތެރެއިން ބޭރު ގައުމުތަކުން އައި ބައެއް މީހުންވަނީ އެމީހުންގެ ގައުމަށް އަނބުރާ ދިއުމުން ކޮވިޑް19އަށް ޕޮޒިޓިވް ވެފައެވެ. އެއަށްފަހު ސަރުކާރުން އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދައި، އެތަނަށް އެއްވި މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މެލޭޝިއާގައި ކޮރޯނާވައިރަސް ހަލުވިކަމާއިއެކު ފެތުރެމުންދާއިރު ޔުނިވާސިޓީތައްވެސް ދަނީ ބަންދުކުރަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ ޓޭލާސް ޔުނިވާސިޓީވެސް އޮންލައިން ކްލާސްތައް ހިންގުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި ކުޅިވަރުގެ ހަރަކާތްތަކާއި އިތުރު ހަރަކާތްތައް މިވަގުތަށް ހުއްޓާލުމަށްވެސް ވަނީ ނިންމާފަ އެވެ.

ޓޭލާސް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރަކު "ވަން" އަށް ކިޔައިދިން ގޮތުގައި ޗުއްޓީއަށްފަހު ކްލާސްތައް ދެން ފެށުމަށް ހަމަޖައްސާފައިވަނީ މާޗް 30ގައެވެ. ނަމަވެސް ކްލާސްތައް ފެށޭއިރު ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ އޮންލައިންކޮށެވެ.

"މިހާރު މިއީ އަޅުގަނޑުގެ ސެމިސްޓާ ބްރޭކް. ދެން ޔުނިވާސިޓީ ހުޅުވޭނީ މާޗް 30ގައި. ހުޅުވޭއިރު އޮންލައިން ކްލާސްތަކެއް މިހާރު ރާވާފަވަނީ. އެ ކުއްޖެއްގެ ގޭގައި ހުރެގެން ހުރިހާ ފިލާވަޅެއް ލިބޭނެހެން އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ޔުނިވާސިޓީން އަންގާފަ އެބައޮތް. އެގޮތަށް އޮންލައިންކޮށް ކިޔަވައިދޭނީ އޭޕްރިލް 19 ވަނަ ދުވަހާ ހަމައަށް. ދެން އޭގެ ފަހުން އަނބުރާ ކެމްޕަސްގައި ކްލާސްތައް ފަށަން ހަމަޖައްސާފަ މި އޮތީ،" އެ ދަރިވަރު ބުންޏެވެ.

ޓޭލާސް ޔުނިވާސިޓީގެ އިތުރުން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ، ޔޫއޯޑަބްލިއު މެލޭޝިއާ ކޭޑީޔޫ އަދި ގިނަ ޕަބްލިކް ޔުނިވާސިޓީތަކެއް ވެސް ދަނީ ބަންދުކޮށް، އޮންލައިން ކްލާސްތައް ފައްޓަމުންނެވެ. މީގެ ތެރޭގައި ޔުނިވާސިޓީ މަލޭޔާވެސް ހިމެނެއެވެ. މިއީ ދިވެހި ދަރިވަރުން ގިނަ އަދަދަކަށް ކިޔަވަމުންދާ ޔުނިވާސިޓީތަކެއްކަންވެސް ފާހަގަކޮށްލެވެ އެވެ.