ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީ ގައި މިރޭ ފްރާންސްގެ ގަދަ ބާރު ޕީ.އެސް.ޖީ ގެ މުހިއްމު ދެ ތަރިންކަމަށްވާ ބްރެޒިލްގެ ކެޕްޓަން ނޭމާ ޖޫނިއާ އާއި ފްރާންސްގެ ވޮންޑަރ ކިޑް ކިލިއަން އެމްބާޕޭ ލޮޓިން އާ ކުރިމަތިލާން ޖެހުނަސް ލިވަޕޫލްގެ ކުޅުންތެރިން ޖެހިލުންވެ ބިރު ނުގަންނާނެ ކަމަށް އެޓީމުގެ ކޯޗު ޖާގަން ކްލޮޕް ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނެފައިވަނީ، ޔޫޓިއުބު މެދުވެރިކޮށް ނޭމާ، އެމްބާޕޭ އަދި ކަވާނީގެ ފަސް ލައްކައެއްހާ ވީޑިއޯ ލިވަޕޫލް ކުޅުންތެރިން ބަލާފައި ވީނަމަވެސް، އެކަމާ ޖެހިލުން ނުވާނެކަމަށާއި، އަދި ބިރެއްވެސް ނުގަންނާނެ ކަމަށެވެ.
"އަހަރެމެން ކުޅުންތެރިންނަށް މެޗުގެ ކުރިން ވީޑިއޯ ދައްކަން. އެކަމު މިހާރުގެ ޖެނެރޭޝަންގެ ކުޅުންތެރިން ޔޫޓިއުބް މެދުވެރިކޮށް ހުންނާނީ މާކުރިން ބަލާފަ. އެހެންވީމަ، އަހަރެމެން ނުބުންޏަސް އެކުޅުންތެރިންގެ ވަކިވަކި ހުނަރާއި ވަރުގަދަކަން ހުންނާނީ އެނގިފަ" ކްލޮޕް ބުންޏެވެ.
މީގެ އިތުރުން ކްލޮޕް ބުނެފައިވަނީ، އިދިކޮޅަށް އަރާ ޓީމުގެ ގޮތް ނޭގޭ ކަމުގައިވާނަމަ، ތައްޔާރުވާން މާބޮޑަށް އުނދަގުވާކަމަށާއި، ނަމަވެސް، ޕީއެސްޖީ އަކީ ގޮތް އެނގޭ ޓީމެއްކަމަށެވެ.
މިރޭގެ މެޗާއި ބެހޭގޮތުން ޕީއެސްޖީގެ މެނޭޖަރު ތޯމަސް ޓުޗެލް ބުނެފައިވަނީ، މިރޭގެ މެޗަށް އެންމެ ފަހުން އެޓީމު ލީގުގައި އަނިޔާގެ ސަބަބުން ނުކުޅޭ ނޭމާ އާއި އެމްބާޕޭ ފިޓުވެފައިވާކަމަށާއި، މިރޭގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށެވެ. ނޭމާ އާއި އެމްބާޕޭ އަށް އަނިޔާވެފައިވަނީ، ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގެ ތެރޭގައެވެ.
މިރޭގެ މެޗަށް ލިވަޕޫލް ނިކުންނައިރު، މިދިޔަ ސީޒަނުގައި 42 ގޯލު ކާމިޔާބުކުރި އެޓީމުގެ ފޯވާޑު މުޙައްމަދު ސަލާހް އަންނަނީ ފޯމަކަށް އެޅެމުންނެވެ. އަދި މި ސީޒަނުގައި މިހާތަނަށް 7 ގޯލު ކާމިޔާބުކޮށްފައިވާ ސަޑިއޯ މާނޭވެސް ވަނީ މިރޭގެ މެޗަށް ފިޓުވެފައެވެ.
މިރޭގެ މެޗުން ޕީއެސްޖީ ބަލިވެ، މި ގްރޫޕްގެ އަނެއް މެޗުގައި އިޓަލީގެ ނަޕޯލީ ރެޑް ސްޓާރ ބެލްގްރޭޑް އަތުން މޮޅުވެއްޖެނަމަ، ޕީއެސްޖީ މުބާރާތުން ކަޓާނެއެވެ. މިިރޭގެ މެޗުތަކާ ލައިގެން ގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އަދި 2 މެޗު އޮތްއިރު، ހުރިހާ ޓީމަކަށްވެސް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު އެބައޮތެވެ.
މި ގްރޫޕްގައި ނަޕޯލީ އާއި ލިވަޕޫލް އަށް 6 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ ތިންވަނައިގައި އޮތީ 5 ޕޮއިންޓާއެކުއެވެ. އެންމެ ފުލުގައި 4 ޕޮއިންޓާއެކު އޮތީ ރެޑް ސްޓާއެވެ.
މި ދެ މެޗުވެސް ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.