އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 42

އަބްދުﷲ ފާރޫގް ހަސަން

2

(މާޗް 09 ގެ އަދަދާއި ގުޅޭ)

قبــاد ބޭސްވެރިޔާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިހާރު އަޅުގަނޑަށްވުރެ ބޮޑަށް ކަލާގެ އެހީ ބޭނުންވެފައިވަނީ އީރާނުގެ ލަޝްކަރަށެވެ. ބޭނުމެއްނެތް މުސްކުޅިޔެއްގެ ބަދަލުގައި ކަލާގެ މަސައްކަތްޕުޅުން ބޭނުންތެރި އެތަކެއްހާސް ޒުވާނުންގެ ފުރާނަ ސަލާމަތް ކޮށްދެއްވިދާނެއެވެ. އެހެންކަމުން އަޅުގަނޑު އެދެނީ ކަލާ މަޒާރަށް ދުރުވުމެވެ. އަޅުގަނޑު ޤަވާޢިދުން ކަލާގެ ބޭސް ބޭނުންކުރަމުން ގެންދާނަމެވެ."

ބޭސްވެރިޔާ ޖަވާބުދިނެވެ. "އަޅުގަނޑުގެ ވާޖިބުވެސް ގޮވައިލަނީ ލަސްނުކޮށް އަވަހަށް ދަތުރު ފެށުމަށެވެ. މުސްލިމުން މަޒާރާ ދިމާޔަށް އަތުވެއްޖެނަމަ ހީރަތުގެ ލަޝްކަރުވެސް މައިދާނަށް ނުކުންނާން ޖެހޭނެއެވެ. އެހެންވެއްޖެ ހިނދެއްގައި އަޅުގަނޑު ރަށަށް ނުގޮސްހުރުންވާނީ ކުށެއްކަމުގައެވެ. އަޅުގަނޑު އެންމެފުރަތަމަ ދާނީ ހީރަތުގެ ގަވަރނަރގެ އަރިހަށެވެ. އެއަށްފަހު އަޅުގަނޑުގެ ޚިދުމަތަށް އެންމެ ބޭނުމީ ކޮންދިމާއަކަށްތޯ ބަލާނަމެވެ. މަނިކުފާނު ހުއްދަ ދެއްވައިފިނަމަ ހެނދުނު ފަތިހާ އަޅުގަނޑު ދަތުރު ފަށާނަމެވެ."

قبــاد ވިދާޅުވިއެވެ. "އަޅުގަނޑު އަމުރު ދީފީމެވެ. ދެން އަރާމު ކުރައްވާށެވެ."

ބޭސްވެރިޔާ ތެދުވެގެން އެކޮޓަރިކޮޅުން ބޭރަށް ނުކުމެއްޖެއެވެ.

ޒަރުބަޚުތު އިރުކޮޅަކު قبــاد އާއި ماه بانو އާ ވާހަކަދައްކަވާން އިންނެވިއެވެ. ޚާދިމާ ފަރީއްކޮޅު ގެނައުމުން އަވަސްއަވަހަށް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައިފިއެވެ. އޭނާ ފަރީއްކުޅުއްވައި ނިމިވަޑައިގަތުމާއެކު قبــاد ގެ އަރިހުން އަމުރުފުޅު ހޯއްދަވައިގެން އޭނާގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އޭނާ އޮށޯވެވަޑައިގެންނެވިތަނާ ماه بانو މަޑުމަޑުން އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ހީކުރީ ބޭބޭފުޅު އަވަހާރަފުޅު ލައްޕަވައިފާނެކަމަށެވެ. އަޅުގަނޑު މިއައީ ބައްތި ނިއްވައިލާންކަމަށެވެ. އެކަމަކު ބޭބެ ހެދުންކޮޅުވެސް ބަދަލެއް ނުކުރެއްވީމުއެވެ. އަޅުގަނޑު އާ ހެދުންކޮޅެއް ނަގަންތޯއެވެ؟"

ماه بانو ޒަރުބަޚުތުގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. ޒަރުބަޚުތު އިރުކޮޅަކު ހިމޭނުން އޮންނަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު حسّان ދުށީމެވެ. އޭނާ އަޅުގަނޑުގެ ކުރިމަތީގައި އަޅުގަނޑުމެންގެ ތިންމީހުން ޤަތުލުކޮށްލެއްވިއެވެ. އޭނާ އަޅުގަނޑުގެ ލޮންސީގެ އަމާޒަކަށް ވެވަޑައިގަތެވެ. އަޅުގަނޑު ކުއްލިޔަކަށް ޒަޚަމްނުވިނަމަ ކޮއްކޮއަށް އަޅުގަނޑުގެ ލޮންސި އޭނާގެ ލޭފޮދުން ފެންވަރައިލި ޚަބަރު އެރުވުނީހެވެ."

ماه بانو ގެ މޫނުފުޅު ދިޔައީ ރީނދޫވެގެންނެވެ.

ޒަރުބަޚުތު އަނެއްކާވެސް އިރުކޮޅެއްކޮށްލައްވައިފައި ވިދާޅުވިއެވެ. އަޅުގަނޑު އޭނާ ތިންފަހަރަށް ދުށީމެވެ. އޭނާ ފާހަގަކުރުމުގައި އަޅުގަނޑުގެ ލޯ ކުށެއްނުކުރާކަން އަޅުގަނޑަށް ކަށަވަރެވެ. ނަމަވެސް އޭނާއަކަށް އަޅުގަނޑެއް އެނގިވަޑައެއް ނުގެންނެވިއެވެ. ދެވަނަ ފަހަރަށް އޭނާ ފެނުނީ ކުއްލިޔަކަށް އަޅުގަނޑުމެންގެ ލަޝްކަރުގެ ފަހަތަށް ސޮއްސައިލައި އަޅުގަނޑުމެންގެ ލަޝްކަރު ފަހަތުން ތަޅައި ރޯނާގެންނެވި އަސްވާރުންގެ ތެރެއިންނެވެ. އޭނާ ކުރިމަތިލައްވާ ކޮންމެ ދިމާޔަކުން އަޅުގަނޑުމެންގެ ސަފުތައް އެފުށްމިފުށަށް ޖައްސަވައިލައްވައެވެ. ކޮންމެ ސިކުންތަކީ އޭނާ މަރުގެ ދޮރޯށީގައި ޓަކިދެއްވަމުން ގެންދަވާ ހިނދުކޮޅެކެވެ. ބޭބެއަށް ހީވަނީ އޭނާ ދިރިހުންނަވާކަމީވެސް މުޢުޖިޒާއެއް ހެންނެވެ. އީރާނު މީހަކު އެހާ ފޯރިއާއި ޖޯޝާއެކު ހަނގުރާމަކުރަނިކޮށް ފެނުނުނަމަ އެމީހެއްގެ އަހުގެ ރިކާބުގައި ބޮސްދިނުމަކީވެސް ފަޚުރެއްކަމުގައި ބޭބެ ދުށީމުހެވެ. ހަނގުރާމަ ނިނުމަށްފަހު އަޅުގަނޑުމެން ފަހަމުންއައި އަސްވާރުންގެ ތެރެއިންވެސް އެންމެ ކުރީސަފުގައި އޭނާ ހުންނެވިއެވެ."

ماه بانو ފެންކަޅިފުޅުވެވަޑައިގަތުމާއެކު ވިދާޅުވިއެވެ. "އަޅުގަނޑު ބޭބޭފުޅުގެ އަރިހަށް މިއައީކީ حسّان ގެ ޚަބަރު އޮޅުންފިލުވާކަށެއް ނޫނެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު ކޮއްކޮ އަރިހު ދަންނަވާން ބޭނުމީ އީރާނާއި ޢަރަބީންނާ ދެމެދު މިހާރުވަނީ ހަނގުރާމަ ފެށިފައެވެ. އަޅުގަނޑުމެން ބޭބެއެއްކަމުގައި ބެލި حسّان އަކީވެސް ޢަރަތްބެކެވެ. އެހެންމީހެއް ނޫނެވެ. ބޭބެގެ ވާހަކަ ރަނގަޅަށް އަޑުއައްސަވާށެވެ. ބޭބެ ޒަޚަމްނުވި ކަމުގައިވިޔަސް އިރުކޮޅަކަށް ގެއަށް އައީމުހެވެ. ބޭބެ ބައްޕާފުޅުގެ އަރިހުގައި ދަންނަވާން ބޭނުމެވެ. ދުޝްމިނުންގެ ލަޝްކަރު އަޅުގަނޑުމެންނާ މާދުރެއް ނޫނެވެ. ދެން އަންނަ ހަނގުރާމައެއްގައި އަޅުގަނޑުމެންނަށް އެބައިމީހުން ބަލިކޮށްނުލެވިއްޖެނަމަ ބަޔާންކުރާންވެސް ދަތި ނުރައްކަލަކާ މިސަރަޙައްދަށް ކުރިމަތިލާން ޖެހޭނެއެވެ. އެހެންވެ ބޭބެ ބޭނުންވަނީ ކޮއްކޮގެ އަރިހުގައި މަދާއިނަށް ވަޑައިގަންނަވާން ބައްޕަ ރުހިވަޑައިގަންނަވާނެ ގޮތެއް ހޯދުމެވެ. ނަމަވެސް ބޭބެ ބިރުގަންނަނީ އެވާހަކަ ދެއްކުމުން ބޭބެ ދެކެ ބައްޕަ ކޯފާވެދާނެތީއެވެ. މިހާރު ކަންހުރިގޮތުން މިތާ ހުންނެވުމުގެ ނުރައްކާ ބައްޕަޔަށް ވިސްނިވަޑައިގަންނަވާނެގޮތް ހެދުމަށްޓަކައި ބޭބެ ކޮއްކޮގެ އެހީފުޅަށް ބޭނުމެވެ. ބޭބެ އެދެނީ ކުޑަކޮށްވެސް ލަސްނުކުރައްވައި ކޮއްކޮ ބައްޕަ ގޮވައިގެން މަދާއިނަށް ވަޑައިގަތުމެވެ. ބައްޕަ އަރިހު ބޭބެ މިވާހަކަ ދައްކާއިރު ކޮއްކޮ ބޭބެއަށް ތާއީދުކުރައްވަން ވަޢުދުވެވަޑައިގަންނަވާށެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ވަޢުދުވަމެވެ. ނަމަވެސް އަޅުގަނޑު ބިރުގަންނަނީ މިހާރު ކަންހުރިގޮތުން ފިލައިގެން މަދާއިނަށްދާން ބައްޕަ ޤަބޫލުވެވަޑައިނުގެންފާނެތީއެވެ. އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތަކުން ބައްޕަ ރުއްސުނުކަމުގައިވިޔަސް ބައްޕަގެ ޙާލުކޮޅުވެސް އެފަދަ ދަތުރަކާ އެކަށީގެނެއް ނުވެއެވެ. ބޭސްވެރިޔާ އޮތީ ބައްޕަ ހިންގަވައި އުޅުއްވުންވެސް މަނާކުރައްވައިފައެވެ. މިއަދުވެސް ބައްޕަ ތެދުވެވަޑައިގެން އެއިންނެވީ ބޭބެއަށްޓަކައެވެ. ޙަޤީޤަތުގައި ބައްޕަގެ ޙާލުކޮޅު ވަރަށް ސީރިޔަހެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ލޯބިވާ ކޮއްކޯއެވެ. ބައްޕަ މަދާއިނަށް ފޮނުވާން ބޭބެ މިއުޅެނީ ތިޔަހެންވެއެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ދުޝްމިނުންގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ގެޔަކީ ބަލިމީހަކަށް ރައްކާތެރި ތަނެއް ނޫނެވެ."

ماه بانو ތެދުވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ބައްޕާފުޅަށް ވިސްނައިދޭން މަސައްކަތް ކުރާނަމެވެ. ދެތިންހަތަރު ދުވަހެއްގެ ތެރޭގައި ބައްޕާފުޅަށް ދަތުރުފުޅު ކުރެއްވޭވަރުވާނެ ނަމައެވެ."

ޒަރުބަޚުތު މެންދުރުވާންދެން އޮންނެވީ އަވަހާރަފުޅު ލައްޕަވައިފައެވެ. އޭނާއަށް ހޭފުޅުލެއްވުނުއިރު ماه بانو އޭނާގެ އެނދުދާންކޮޅުގެ ކައިރީގައި ކޮޅަށް ހުންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "ބޭބެ މާގިނައިރުވަންދެން އަވަހާރަފުޅުލައްޕަވައިފީމުއެވެ. އަޅުގަނޑަށް އެތައްފަހަރަކު އާދެވިއްޖެއެވެ. ބޭބެގެ ޙާލުކޮޅު ރަނގަޅުތޯއެވެ؟"

"ބޭބެ މުޅީން ރަނގަޅެވެ." ޒަރުބަޚުތު ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވަމުން ޖަވާބު ދެއްވިއެވެ. އެއަށްފަހު އޭނާ ސުވާލު ކުރެއްވިއެވެ. "ބައްޕަގެ ޙާލުކޮޅު ކިހިނަކުންތޯއެވެ؟"

"ބައްޕަގެ އާލާސްކަންފުޅު ކުއްލިޔަކަށް ބޮޑުވެއްޖެއެވެ. ބޭސްވެރިޔާ ބައްޕަޔަށް ނިދާބޭސް އެރުވުމުން މިހާރު އޮންނެވީ އަވަހާރަފުޅު ލެއްޕެވިފައެވެ."

"ބޭސްވެރިޔާ އެބަހުންނެވިތޯއެވެ؟"

"ނޫނެކެވެ. އޭނާ ދުރުވެއްޖެއެވެ."

"މަދާއިނަށް ވަޑައިގަތުމާ ބެހޭގޮތުން ބައްޕަގެ އަރިހުގައި ކޮއްކޮ ވާހަކަ ދެއްކެވީމުތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑު ބައްޕާފުޅަށް ވިސްނިވަޑައިގަންނަވާތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ބައްޕާފުޅު އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާންވެސް ޤަބޫލުފުޅެއް ނޫނެވެ. އެކަމަކު އަޅުގަނޑާމެދު ބައްޕާފުޅު ހުންނެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. ބައްޕާފުޅު ބާރުއެޅުއްވީ އަޅުގަނޑު ޚާދިމުންނާއެކު މަދާއިނަށް ދާށެވެ. އަޅުގަނޑަށް ވަރަށްގިނަފަހަރަށް ތަޖުރިބާ ކުރެވިފައިވާ ގޮތުގައި މާބޮޑަށް ފިކުރުފުޅު ބޮޑުވެއްޖެނަމަ ބައްޕަގެ އާލާސްކަންފުޅު ބޮޑުވެއެވެ."

ޒަރުބަޚުތު އިރުކޮޅަކު ވިސްނައިވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "ماه بانو އެވެ! ބޭބެ ވާހަކަދެއްކުމުންވެސް ބައްޕާފުޅު މަދާއިނަށް ވަޑައިގަންނަވަން އެއްބަސްވެވަޑައިނުގެންފިނަމަ ކޮންމެހެންވެސް ކޮއްކޮ މަދާއިނަށް ވަޑައިގަންނަވާން ޖެހޭނެއެވެ. އަޅުގަނޑުމެން މިތިބީ ދުޝްމިނުންނާ ވަރަށް ކައިރީގައެވެ. ކޮންމެފަދަ ވަގުތެއްގައިވެސް މިސަރަޙައްދަށް ނުރައްކަލެއް ކުރިމަތިވެދާނެއެވެ."

ماه بانو ވިދާޅުވިއެވެ. "ބައްޕާފުޅު މަދާއިނަށް ވަޑައިގަންނަވާން އެއްބަސްވެވަޑައިގެންނެވި ކަމުގައިވިޔަސް މިހާރަކު ބައްޕާފުޅަކަށް ދަތުރުފުޅެއް ނުކުރެއްވޭނެއެވެ. އަޅުގަނޑަކަށް ބައްޕާފުޅު ދޫކޮށްލައިފައެއް އެއްގޮތަކަށްވެސް ނުދެވޭނެއެވެ. ބައްޕާފުޅު ފިކުރުފުޅު ބޮޑުވާނެ ނުވަތަ ދެރަފުޅުވާނެ އެއްވެސް ވާހަކައެއް ބައްޕާފުޅުގެ އަރިހުގައި ނުދައްކަން ބޭސްވެރިޔާ އަޅުގަނޑަށްވަނީ ވަރަށް ބޮޑަށް އިންޒާރު ކުރައްވައިފައެވެ. ލޯބިވާ ބޭބެއެވެ! ފިކުރުފުޅު ބޮޑުނުކުރައްވާށެވެ. ބައްޕާފުޅަށް ދަތުރުކުރެއްވޭވަރު ވާއިރަށް އަޅުގަނޑު މަދާއިނަށް ދިޔުން އެންމެ ސިކުންތަކަށްވެސް ލަހެއް ނުކުރާނަމެވެ. އެކަމަކު މިވަގުތު ބައްޕާފުޅު ފިކުރު ބޮޑުވާނެގޮތް ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ."

ޒަރުބަޚުތު އޭނާގެ ކޮއްކޯފުޅަށް ތަސައްލީ ދެއްވުމަށްވުރެ ބޮޑަށް އޭނާގެ އަމިއްލަ ހިތްޕުޅު ހަމަޖެއްސެވުމުގެ ގޮތުން ވިދާޅުވިއެވެ. "އަޅުގަނޑު ޔަޤީނެވެ. ދުވަސްކޮޅެއްފަހުން މަސްރަޙު މިގޮތަކަށް ނޯންނާނެއެވެ. މަދާއިނުގެ ލަޝްކަރު އެއްވެސް ޙާލެއްގައި މުސްލިމުން މަޒާރު ފަސްދީ ކުރިއެރިޔަކަ ނުދޭނެއެވެ. ކުރިން ލަފާނުކުރެވޭ ނުރައްކަލެއް ކުރިމަތިވިނަމަވެސް ވަގުތުއޮއްވައި ބޭބެ ކޮއްކޮއަށް ޚަބަރު ފޮނުވާނަމެވެ."

ماه بانو ވިދާޅުވިއެވެ. "މިސަރަޙައްދަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެކަން އަޅުގަނޑަށް ޔަޤީނެވެ. ޙުފައިރުގެ ހަނގުރާމައިގެ ޙާދިޘާތައް ބޭބޭފުޅު ހާސްކުރުވަނީއެވެ."

ޒަރުބަޚުތު ވާހަކަފުޅުގެ މައުޟޫޢު ބަދަލުކުރެއްވުމުގެގޮތުން ވިދާޅުވިއެވެ. ماه بانو އެވެ! އަޅުގަނޑުގެ ހިތަށް ވަރަށްގިނައިން އަރައެވެ. حسّان އަށް ޙުފައިރުގެ މައިދާނުން އަޅުގަނޑު ފެނިވަޑައިގެންނެވިނަމަ ހައްދަވާނީ ކިހިނަކުން ބާވައެވެ؟"

"ލޯބިވާ ބޭބޭއެވެ! ބޭބެއަށް حسّان ގެ މަތީން ހަނދުމަފުޅު ނައްތަވައެއް ނުލެއްވޭނެތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑަށް އޭނާއަށް ނަފްރަތުކުރެވިދާނެއެވެ. އަޅުގަނޑަށް ޔަޤީނެވެ. އޭނާ ދެން އަޅުގަނޑުގެ ކުރިމައްޗަށް ވަޑައިގެންފިނަމަ އޭނާ ޤަތުލުކުރާކަށްވެސް އަޅުގަނޑު ފަހެއް ނުޖެހޭނަމެވެ. ނަމަވެސް އޭނާ ހަނދާން ނައްތައިލުމަކީ އަޅުގަނޑަށް ކުރެވޭނެކަމެއް ނޫނެވެ. ދެންމެއަކު އަޅުގަނޑަށް ހުވަފެނުން ފެންނަނީ ދުޝްމިނުންގެ ސިފައިން އަޅުގަނޑު ފަހަމުން އަންނާތީއެވެ. އަޅުގަނޑު ގެއަށް އަންނައިރު ދޮރާށި ހުންނަނީ ބަންދުކޮށްފައެވެ. އެހައިތަނުން ސިފައިން އަޅުގަނޑު ހައްޔަރުކޮށްފިއެވެ. އަޅުގަނޑުގެ ކަރުގައި ވާޖަހައިގެން ގެންދިޔައީ ކޯރުގެ އައްސޭރިޔަށެވެ. އެތާނގެ ގަހެއްގައި އަޅުގަނޑު ބަނުމަށްފަހު މީހަކު ވަރަށްބޮޑު ލޮންސިއެއް ހިފައިގެން އަޅުގަނޑާ ދިމާޔަށް އާދެއެވެ. ނަމަވެސް ކުއްލިޔަކަށް ޖަންގަލީގެ ތެރެއިން އަސްވާރަކު ފާޅުވެއެވެ. އަޅުގަނޑުގެ ޤާތިލު ލޮންސި ތިރިކޮށްލައެވެ. އެ އަސްވާރު އަޅުގަނޑު ބަނދެފައިހުރި ވާތައް އޭނާގެ ކަނޑިން ކޮށައިލައިފައި ބުނެއެވެ. "ކަލާ މިނިވަންވީއެވެ." އެސަވާރަކީ حسّان އެވެ. އެބިރުވެރި ހުވަފެނުން ހޭލެވުނުއިރު އަޅުގަނޑުގެ މުޅިހަށިގަނޑުވަނީ ދާހިއްލައި ތެމިފޯވެފައެވެ. ماه بانو އެވެ! ކޮއްކޮޔާ ސުވާލެއް ކޮށްލާން ބޭބެ ބޭނުމެވެ. އަނެއްކާވެސް އޭނާ ޒަޚަމްވެވަޑައިގެން މިގެއަށް ވަޑައިގެން ކޮއްކޮގެ އަރިހުން ސަލާމަތަށް އެދިވަޑައިގެންފިނަމަ ހައްދަވާނީ ކިހިނަކުންތޯއެވެ؟"

"ބޭބެއެވެ. އޭނާ ޒަޚަމްވެވަޑައިގެން ދެވަނަފަހަރަށް މިގެއަށް ވަޑައިގެންފާނެ ކަމުގައި ބޭބެއަށް ހީފުޅުވަނީ ކީއްވެގެންތޯއެވެ؟"

"ތިޔަގޮތެއް ނޭނގެއެވެ. އަޅެ ފަހަރެއްގައި ވަޑައިގެންފިނަމަ ........"

ماه بانو އޭނާގެ ދެއަތްޕުޅުން މޫނު ފޮރުއްވައިގެން ގިސްލައްވަމުން ވިދާޅުވިއެވެ. "ނޫނެކެވެ! ބޭބެއެވެ. ދެނެއް އޭނާ ވަޑައެއް ނުގަންނަވާނެއެވެ. އޭނާ ދެން ދުވަހަކުވެސް ވަޑައެއް ނުގަންނަވާނެއެވެ."

ޒަރުބަޚުތު އަވަސްއަވަހަށް ތެދުވެވަޑައިގެން ވަޑައިގެން ماه بانو އޭނާގެ މޭފުޅުގައި ޖައްސަވައި ބޮނޑިކޮށްލައްވަމުން ވިދާޅުވިއެވެ. "ކޮއްކޮ ކީރިތި ކުރައްވަނީތޯއެވެ؟ ދެން އޭނާ އަޅުގަނޑުމެންގެ ގާތަށް ވަޑައިނުގަންނަވާނެތީ ކޮއްކޮ ދެރަފުޅުވީތޯއެވެ؟"

ماه بانو އޭނާގެ އަތްޕުޅު ތިރިކޮށްލައްވަމުން ވޭނުން ފުރިފައިވާ ގޮތަކަށް ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ލޯބިވާ ބޭބޭއެވެ! ބޭބެ އެކަމަކާ ދެރަފުޅެއް ނުވޭތޯއެވެ؟"

"އަޅުގަނޑުވެސް ތިޔަކަމާ ވަރަށް ދެރަވެއެވެ. އަޅުގަނޑުގެ ހިތަށްވެސް ވަރަށްގިނަފަހަރަށް އަރައެވެ. މިއީ ހުވަފެނަކަށްވާނެ ނަމައެވެ. އޭނާއަކީ އަޅުގަނޑުގެ ދުޝްމިނެއްކަމުގައި ދުށުމާއެކުވެސް ބައެއްފަހަރަށް އަޅުގަނޑުގެ ހިތަށް އަރައެވެ. حسّان އެބަރުދާސްކުރެއްވިފަދަ އަނިޔާތަކެއް ހުރުމުޒުގެ ފަރާތްޕުޅުން އަޅުގަނޑަށް ބަރުދާސްކުރަން ޖެހުނުނަމަ އަޅުގަނޑަށްވެސް ކަންތައް ކުރެވުނީހީ حسّان ވެސް ކަންތައް އެކުރެއްވި ގޮތަށެވެ."

(ނުނިމޭ)