އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކެމްޕޭން ހަރަކާތްތަކެއް މެދުކަނޑައިލަން އެމްޑީޕީން ނިންމައިފި

މަރިޔަމް ޝަހުދާ

އަންނަ އޭޕްރީލް މަހު 18ގައި ބޭއްވުމަށް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކުރިޔަށް ގެންދާ ހުރިހާ ކެމްޕެއިން ހަރަކާތްތަކެއް މެދުކަނޑާލުމަށް އެ ޕާޓީން ނިންމައިފިއެވެ.

ކެމްޕެއިން ހަރަކާތްތައް މެދުކަނޑާލަން ނިންމިކަމަށް އެމްޑީޕީގެ ވެބްސައިޓުގައި އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. އެމްޑީޕީން މިގޮތަށް ނިންމީ، ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން، ގައުމާ މުހާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދުގެ މަތިން ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ރައީސް ސޯލިހު ދެއްވި އިރުޝާދު ތަކަށް އެޕާޓީން މަރުހަބާ ކިޔާކަމަށް އެމްޑީޕީން ބުނެއެވެ.

ކޮވިޑް 19ގެ ސަބަބުން ކުރިން އޭޕްރީލް ހަތަރެއްގައި ބޭއްވުމަށް ނިންމާފައި އޮތް އިންތިހާބު އެޕްރީލް 18 އަށް ފަސް ކުރުމުން ނުކުންނަ އެހެން ނަތީޖާއެއް ވެސް އެބަ އޮތް ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ. އެއީ މިހާރަށް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ބަންދުވެފައި ވުމުން އިންތިހާބާއި ދެމެދަށް ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ލިބޭނީ ހަ ދުވަސް ކަމަށް ވާތީ ކަމަށް އެމްޑީޕީން ބުނެއެވެ.

މިއީ ކެންޑިޑޭޓުން އިންތިހާބަށް ކެމްޕެއިން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް އެމްޑީޕީން ފާހަގަ ކުރެއެވެ. އަދި މިއީ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ދިނުމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައް ވުރެ ކުރު މުއްދަތެއް ކަމަށް އެމްޑީޕީން ބުނެއެވެ. ގާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނެކަން ކަށަވަރުކޮށްގެން ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވުމަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.