ކޮވިޑް 19

ކޮވިޑް 19 އާ ގުޅިގެން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ޕްރިމިއާ ލީގު ވެސް މެދުކަނޑާލައިފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އިނގިރޭސި ޕްރިމިއާ ލީގު ވެސް މެދުކަނޑާލައިފިއެވެ.

އަންނަ ހަފްތާ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް މެދުކަނޑާލަން ނިންމާފައިވާކަން ޔޫއެފާ އިން ވަނީ އިއުުލާންކޮށްފައެވެ. އަދި އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލަން ނިންމާފައިވާކަން ޕްރިމިއާ ލީގުން ވަނީ އިއުލާންކޮށްފައެވެ.

ޔޫއެފާ އިން ޗެމްޕިއަންސް ލީގު މެދުކަނޑާލަން ނިންމާފައިވާ އިރު، ގަދަ 16ގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗާއި ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗު މީގެ ކުރިން ވެސް ވަނީ ފަސްކޮށްފައެވެ.

ޗެމްޕިއަންސް ލީގު މެދުކަނޑާލަން ނިންމުމާ ގުޅިގެން ބަޔާން މިއުނިކް އާއި ޗެލްސީ ބައްދަލުކުރާ މެޗާއި ބާސެލޯނާ އާއި ނަޕޯލީ ބައްދަލުކުރާ މެޗު ވެސް ފަސްކުރަން ޖެހޭނެއެވެ.

ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ބުނީ ހަލުވިކަމާއެކު ޔޫރަޕުގައި ވެސް ކޮވިޑް 19 ފެތުރެމުންދާތީ ޔޫއެފާގެ ކްލަބު މުބާރާތްތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި ފަސްކުރާ މެޗުތައް ތާވަލުކުރާ ތާރީހުތައް ފަހުން އިއުލާންކުރާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމާފައިވަނީ މިއަދު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހުއެވެ. އެ ބައްދަލުވުމުގައި ޕްރިމިއާ ލީގުގެ އިތުރުން ވެސް އިނގިރޭސިވިލާތުގެ އެހެން ފުޓުބޯޅަ މުބާރާތްތައް ވެސް މެދުކަނޑާލަން ވަނީ ނިންމައިފައެވެ.

ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމާފައިވާ އިރު، އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އަދި ޗެލްސީގެ ފޯވަޑް ކެލަމް ހަޑްސަން އޮޑޮއި ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ އާއި ލެސްޓާ ސިޓީގެ ކުޅުންތެރިންތަކެއް ވަނީ އެކަހެރިކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އިޓާލިއަން ސެރީއާ އާއި ސްޕެނިޝް ލަލީގާ އާއި އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) އަދި ފްރާންސް ލީގު ވެސް ވަނީ މެދުކަނޑާލައިފަިއެވެ.