ކޮރޯނާ ވައިރަސް

ޔުވެންޓަސްގެ ރުގާނީއަށް ފަހު ސެމްޕްޑޯރިއާގެ ގަބިއަޑިނީ ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީއަށް ފަހު ސެމްޕްޑޯރިއާގެ ފޯވަޑް މިނޯލޯ ގަބިއަޑިނީ ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ނިންމައިފައެވެ. އޭގެ އިތުރުން ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ބޭސް ފިހާރަތައް ފިޔަވައި ހުރިހާ ފިހާރަތަކެއް ބަންދުކުރަން ވެސް ނިންމާފައިވެއެވެ.

ސެމްޕްޑޯރިއާ އިން ނެރުނު ބަޔާނެއްގައި ބުނީ އެކްލަބުގެ ފޯވަޑް ގަބިއަޑިނީ، ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.

"ކަމާ ބެހޭ އިދާރާތަކުން އަންގާފައިވާ ގޮތަށް ކްލަބުން އެކަހެރިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ. ގަބިއަޑިނީގެ ހާލު ރަނގަޅު،" އެކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގަބިއަޑިނީއަކީ ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓާލިއަން ސެރީއާގެ ދެވަނަ ކުޅުންތެރިޔާއެވެ. އެ ބައްޔަށް ފުރަތަމަ ޕޮޒިޓިވްވި ސެރީއާގެ ކުޅުންތެރިޔަކީ ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ރުގާނީއެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން ޔުވެންޓަސް އިން އިއުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އިޓަލީގައި 12،000 އަށްވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިރު، އެ ބަލީގައި އެގައުމުން 827 މީހުން ވަނީ މަރުވެފައެވެ.