ސްޕެނިޝް ލަލީގާ

ރެއާލް މެޑްރިޑް ކަރަންޓީނުކޮށް، ލަލީގާގެ މެޗުތައް ވަގުތީގޮތުން މެދުކަނޑާލައިފި

ރެއާލް މެޑްރިޑް ކަރަންޓީނުކޮށް، ސްޕެނިޝް ލަލީގާގެ މެޗުތައް ވަގުތީގޮތުން މެދުކަޑާލައިފިއެވެ.

ރެއާލް މެޑްރިޑް ކަރަންޓީނުކޮށްފައިވަނީ އެ ކްލަބުގެ ބާސްކެޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ފުޓުބޯޅަ ޓީމު ވެސް ބޭނުންކުރާ ޓްރެއިނިން ފެސިލިޓީތައް ބޭނުންކޮށްފައިވާ ކުޅުންތެރިއެކެވެ.

ލަލީގާ އިން ނެރުނު ބަޔާނެއްގައި ބުނީ ރެއާލް މެޑްރިޑް ކަރަންޓީނުކުރަން ޖެހި، އެހެން ކްލަބުތަކުން ވެސް ކޮވިޑް 19ގެ ކޭސްތަކެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންކަމުން ކޮވިޑް 19 އާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މިމަހު ކުޅެން ތާވަލުކުރި މެޗުތައް ފަސްކޮށްފައިވާ ކަމަށެވެ.

ލަލީގާގެ އިތުރުން އިޓަލިއަން ސެރީއާ ވެސް ވަނީ ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލައިފައެވެ. އެ ނިންމުން ނިންމާފައިވަނީ އިޓަލީގެ ބޮޑުވަޒީރު ޖިއުސެއްޕޭ ކޮންޓޭއެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުގައި އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ތާވަލުކުރި މެޗު ވެސް ވަނީ ފަސްކޮށްފައެވެ.