މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

އިންޑިއާއަށް ދިޔަ މާޒިޔާ ކަރަންޓީނުގައި ތިބޭކަށް ނުޖެހޭނެ: މަބްރޫކު

އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗަށް އިންޑިއާގެ ޗެންނާއީއަށް ދިޔަ މާޒިޔާ ސްޕޯޓްސް ކްލަބު ކަރަންޓީނުގައި ތިބެން ނުޖެހޭނެ ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވެއްޖެއެވެ.

މާޒިޔާ ކަރަންޓީނު ކުރަން ނުޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވެފައިވާ އިރު، އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗަށް ބަންގުލަދޭޝްއަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބު އެނބުރި ރާއްޖެ އަންނާނީ 14 ދުވަހު ކަރަންޓީނުގައި ތިބުމަށްފަހުއެވެ.

މަބްރޫކު ވިދާޅުވީ މާޒިޔާ ތިބީ އިންޑިއާގެ ޗެންނާއީގައި ކަމަށާއި އިންޑިއާ އިން ރާއްޖެ އެތެރެވުން މަނާކޮށްފައި ނުވާ ކަމަށެވެ.

ބަންގުލަދޭޝް އިން ކޮވިޑް 19 ފެނުމާ ގުޅިގެން އެގައުމުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ބަންގުލަދޭޝްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ބަންގުލަދޭޝް އިން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

އިންޑިއާ އިން ވެސް ވަނީ ކޮވިޑް 19 ފެނިފައެވެ. އިންޑިއާ އިން މިހާތަނަށް 50 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ އިރު، ތިން މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ. އަދި ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 76 އަހަރުގެ މީހަކު މިއަދު ވަނީ މަރުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހިފައިވާ އަށް މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިއަދު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.