ޚަބަރު

އުރީދޫ ނަންބަރުތަކުގެ ޑައިލް ޓޯނުގެ ބަދަލުގައި ކޮވިޑް 19 އަށް ހޭލުންތެރިކުރުމުގެ މައުލޫމާތުތަކެއް

މަރިޔަމް ޝަހުދާ

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ އަދި ރާއްޖެއިން މިހާރު ފެނިފައިވާ ކޮވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އުރީދޫ ނަންބަރުތަކުގެ ޑައިލް ޓޯނުގެ ބަދަލުގައި ކޮވިޑް-19 އަށް ހޭލުންތެރި ކުރުމުގެ މައުލޫމާތުތަކެއް ފޮނުވަން ފަށައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ވިދާޅުވީ މި މެސެޖަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހާއްސަ މެސެޖެއް ކަމަށެވެ. އަދި އުރީދޫ ނަންބަރުތަކަށް ގުޅުމުން އާންމުކޮށް އިވޭ ޑައިލް ޓޯނުގެ ބަދަލުގައި މި މެސެޖު ފޮނުވަން ފެށީ މިއަދު ހެނދުނުން ފެށިގެން ކަމަށް ނޫރާ ވިދާޅުވިއެވެ.

އެޗްޕީއޭގެ މި މެސެޖުގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް އާންމުންނަށް ފަރުދީ ޒިންމާއެއްގެ ގޮތުން ކުރެވިދާނެ އެކިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ސައިބޯނިލައިގެން އަތް ރީތިކޮށް ދޮވުމަށާއި ހޭންޑް ސެނެޓައިޒާ ބޭނުން ކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. އަދި ކެއްސާ ކިނބިއަޅާ، ރޯގާ ޖެހިއްޖެ ހާލަތެއްގައި ގޭގައި މަޑު ކުރުމަށާއި، މާސްކު އަޅާއިގެން އުޅުމަށް އެޗްޕީއޭ އިން މި މެސެޖުގައި އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާއި، ހުންއައިސް ހުންނަ ހާލަތެއްގައި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ. އަދި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭގެ މެސެޖުގައި އިލްތިމާސްކޮށްފައިވެއެވެ.

މި މެސެޖަކީ އެޗްޕީއޭ އިން ރިކޯޑު ކުރުމަށް ފަހު އުރީދޫއާ ހިއްސާކޮށްފައިވާ މެސެޖެއް ކަމަށް ނޫރާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮސިޓިވްވެފައިވަނީ އަށް މީހެކެވެ. މީގެ އިތުރުން ފަރުކޮޅު އައިސޮލޭޝަންގައި 15 މީހަކު ހުރި ކަމަށާއި ވިލިވަރު ކަރަންޓީނުގައި މިހާރު ތިބީ 13 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.