އޭއެފްސީ ކަޕް

ފަހު ވަގުތު މާޒިޔާ އަތުން ޗެންނާއީ ސަލާމަތްވެއްޖެ

އޭއެފްސީ ކަޕުގައި ފަހު ވަގުތު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން އިންޑިއާގެ ޗެންނާއީ އެފްސީ ސަލާމަތްވެއްޖެއެވެ.

އިންޑިއާގައި ރޭ ޗެންނާއީ އާއި މާޒިޔާ ބައްދަލުކުރި "ގްރޫޕު އީ"ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ޗެންނާއީ އިންނެވެ. އެޑޮލްފޯ މިރާންޑާގެ އެ ލަނޑާއެކު ޗެންނާއީ އިން ފުރަތަމަ ހާފު ނިންމާލީ 1-0ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ ކުޅުން ވަރުގަދަކޮށް، ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާއަށް މުހައްމަދު އިރުފާން (އިރޭ) ނަތީޖާ ހަމަހަމަކޮށްދިން އިރު، އޭގެ ތިން މިނެޓު ފަހުން މާޒިޔާއަށް ލީޑު ހޯދައިދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

ޗެންނާއީ އިން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ޗެންނާއީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މިރާންޑާއެވެ.

އެ ގްރޫޕުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ބަންގުލަދޭޝްގައި ކުޅުނު އެ މެޗުން ޓީސީ ބަލިވީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗުތަކަކީ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުތަކެވެ.