ބޮލީވުޑް

އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާގޮތާމެދު ސައިފް އަދި ދަރިފުޅު ސާރާގެ ވިސްނުން ތަފާތު

މައިންބަފައިންނާއި ދަރިންގެ ހިޔާލު ތަފާތު ވުމަކީ އާންމު ކަމެކެވެ. ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބަތަލާ ސާރާ އަލީ ޚާން ވަނީ އޭނާގެ ބައްޕަ ސުޕަސްޓާ ސައިފް އަލީ ޚާންއާއެކު ބައެއް ކަންކަމުގައި ދެބަސްވެ ދެމީހުންގެ ހިޔާލަށް މަޝްވަރާ ކުރުމަކީ އޭނާ ވަރަށް ގަޔާވާ ކަމެއް ކަމަށް ބުނެފަ އެވެ.

މިފަހަރު މިއޮތީ އެކަހަލަ ކަމެއް މީޑިއާއަށް ތިލަވެފައެވެ. ޓައިމްސް އޮފް އިންޑިއާއަށް ސައިފް ދިން އިންޓަވިއުއެއްގައި ވަނީ އެމީހުންގެ ޖެނެރޭޝަނާއި މިހާރުގެ ޖެނެރޭޝަން މަސައްކަތް ކުރާ ގޮތް ތަފާތުވާ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

"މިހާރު ފެންނަނީ އަބަދުވެސް ކޮންމެވެސް މީހަކު އެކްޓަރު މެނޭޖް ކުރާ މަންޒަރު ނުވަތަ މިސްމެނޭޖް ކުރާ މަންޒަރު. ބަޔަކު މިއުޅެނީ އެކްޓަރުގެ އަމިއްލަވަންތަކަން ނައްތާލައި އެހެން މީހަކަށް އޭނާ ހަދަން. މާބޮޑަށް އެކްޓަރު ކޮރިއޯގްރާފް އެބަ ކުރޭ. އަހަރެން ގަބޫލު ކުރާ ގޮތުގައި ކޮންމެ މީހަކުވެސް ވާން ޖެހޭނީ އެމީހާގެ އަމިއްލަ ގޮތްތަކެއް ހުންނަ މީހަކަށް" އިންޓަވިއުގައި ސައިފް ބުންޏެވެ.

މި އިންޓަވިއުއަށް ދަރިފުޅު ސާރާގެ ފަރާތުން ބަހެއް ހޯދުމަށް ނޫސްވެރިން ސުވާލު ކުރުމުން ސާރާ ވަނީ ބައްޕަ ދިން ޖަވާބުގެ މުޅިން އިދިކޮޅު ޖަވާބެއް ދީފައެވެ.

"އަހަންނަކަށް ނުބެނެވޭނެ އެންމެން ވާން ޖެހޭނީ އޭނާގެ އަމިއްލަ ސެލްފަށޭ. ބައެއް މީހުން އަސްލުވެސް ވަރަށް ޝޭޑީ. އެމީހުން ޖެހޭ މެނޭޖް ކުރަން. އެމީހުން ޖެހޭ ކްރިއޯގްރާފް ކުރަން. އެމީހުންގެ ޕާސަނަލިޓީ އަކީ މީހުން ބަލައިގަންނަ ޕާސަނަލިޓީއަށް ނުވެދާނެ. އެހެންކަމުން އެކަން ބަދަލު ކުރަން ޖެހޭ. އަހަންނަކީ އޭގެ މީހެއް ނޫން. ނަމަވެސް މިއީ ވެސް އެއީވެސް ވަޒީފާއެއް. އެކްޓަރުން މެނޭޖްކޮށްގެން ނުވަތަ ޕަބްލިކް އިމޭޖް ރީތި ކޮށްގެން ކައިބޮއި އުޅޭ މީހުން މަދެއް ނޫން. ބަލަން ޖެހޭނީ ގިނަ ބަޔަކަށް ވަޒީފާ ދެވޭތޯ. ގިނަ ބަޔަކަށް ކާން ދެވޭތޯ" ސާރާ ބުންޏެވެ.

ސާރާގެ އެންމެ ފަހުން ރިލީސްވި ފިލްމަކީ އޭނާގެ ބައްޕަ ސައިފް ކުޅެފައިވާ ފިލްމު ލަވް އާޖް ކަލްގެ ރީމޭކެވެ. ފިލްމަށް ހީކުރިހާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.