ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ
ތަރުޖަމާ : އަބްދުﷲފާރޫގުޙަސަން
އިސްލާމީ ވެރިކަމެއް ނުވަތަ މުސްލިމުންގެ ޚިލާފަތެއް ގާއިމުކުރުމަކީ ވާޖިބު ކަމެއްކަން މިހާރުގެ ވަރަށް ގިނަ މުސްލިމުންނެއް ނުދަނެއެވެ. ތަފާތު އަސަރުތަކާއި ނުފޫޒުތަކުގެ ސަބަބުންނެވެ. ނަމަވެސް އިސްލާމީ ވެރިކަމެއް ގާއިމުކުރުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުކަމެކެވެ. ކޮންމެވެސް މީހަކު ވެރިޔަކަށް ނުވަތަ ޚަލީފާއަކަށް ހޮވުމަކީ ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ. އިސްލާމީވެރިކަމެއް ގާއިމުކުރުމާއި، ޙަޤީޤީ މާނައިގައި އިސްލާމީ ވެރިޔަކު ހޮވުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއްކަމުގައި ނުބެލުމުގެ ކުށްވިސްނުން މުސްލިމުންގެ މެދުގައި އާއްމުވުމުގެ އެއްސަބަބަކީ ދީނާއި ސިޔާސަތަކީ ތަފާތު ދެކަމެއް ކަމުގައި ބަޔަކު ދެކޭންފެށުމުގެ ނަތީޖާއެވެ. ދީނަކީ ހަމައެކަނި އަޅުކަމާއި ހެޔޮ ޚުލްގުތައްކަމުގައި އެންމެންވެސް ބަލައިގަތުމެވެ.
ޝައްކެއްނެތެވެ. އިންސާނަކު އެކަނިމާ އެކަނި ސަހަރާއެއްގައި ދިރިއުޅޭނަމަ ނުވަތަ އެމީހަކު ދިރިއުޅެނީ މުސްލިމުންގެ ދާދިކުޑަކުޑަ އަގައްލިއްޔަތެއް އެކުލެވޭ ޣައިރު މުސްލިމު ގައުމެއްގައި ކަމުގައިވާނަމަ އެތަނެއްގައި ފުރިހަމަ އިޚްތިޔާރު ލިބިގެންވާ އިސްލާމީ ވެރިކަމެއް ބިނާކޮށް އަމީރަކު އިންތިޚާބު ކުރުމުގެ ސުވާލެއް ނުއުފެދެއެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި މުސްލިމުންގެ އިޖްތަމާއީ ދިރިއުޅުމާބެހޭ ދާއިރާ މުސްލިމުންގެ ނަޒަރުން ކެހިދާނެއެވެ. އެއަށްފަހު ދީނުގެ އުނި ތަސައްވުރެއް މީސްތަކުންގެ ހިތްތަކުގައި މަޑުމަޑުން އަށަގަންނަމުން ހިނގައިދާނެއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ ގައުމަކުން އިސްލާމީ ނިޒާމު ފެންނަމުން ނުދިޔަކަމުގައިވިޔަސް، އިސްލާމީ ގާނޫނު ތަންފީޒުވަމުންނުގޮސް ހުޅަނގުން އުފައްދައިފައިވާ ލާދީނީ ގާނޫނުތައް ހިންގަމުން ގެންދިޔަ ކަމުގައިވިޔަސް އެތަނެއްގެ މުސްލިމުންގެ ހިތްތަކަށް މާކަބޮޑު އުނދަގުލެއްނުވެ ހިނގައިދާނެއެވެ. ދީނާއި ސިޔާސަތު ވަކިކުރުމުގެ ހުޅަނގުގެ ތަޞައްވުރު ގަސްތަކާނުލައި އެތަނެއްގެ އާބާދީގައި އާއްމުވެދާނެއެވެ. އެފަދަ ހާލަތެއް ކުރިމަތިވެފައިވާ އިސްލާމީ ގައުމެއްގައި އިސްލާމީ ގާނޫން ތަންފީޒުކުރުމުގެ މުހިންމަތެއް އުފެދުނުކަމުގައި ވިޔަސް އެތާނެއްގެ މުސްލިމުންވަނީ ދުރުގައި ކުޅިބަލާން ތިބޭ ބަޔަކު ކަމުގައެވެ. އެތަނެއްގެ މުސްލިމުންގެ ހަށިތަކާއި ހިތްތައް ވެސްވަނީ އެ މިޝަނަކާ ދުރުގައެވެ. ޝަރީއަތް ތަންފީޒުކުރަން ގޮވައިލައްވާ ގާއިދުންނަށް މަރުގެ އަދަބު ދެވުނު ކަމުގައި ވިޔަސް މުސްލިމު އާބާދީގެ ގިނަބަޔަކަށް އެކަމަކުން އަސަރެއް ނުކުރެއެވެ. ގިނަ ބައެއްގެ ހިތްތަކުގައި ރިހުމެއް ނުއުފެދެއެވެ. މިހާލަތަށް ވެއްޓެނީ ހަމައެކަނި އާއްމުންނެއް ނޫނެވެ. ތަނުގެ ކަމުވޮށީންނާއި އާލިމުންގެ ބަޔަކުވެސް އެހާލަތަށް ވެއްޓިވަޑައިގެންފައެވެ. ސަބަބަކަށްވަނީ ކުރީންވެސް ދެންނެވި ފަދައިން ދީނުގެ ކުށްތަސައްވުރެއް އެފަދަ ހިތްތަކަށް މޫލައިފައި އޮތުމެވެ.
އިސްލާމީ ޤައުމުތަކުގައި އިސްލާޙާއި ދީނީ ފިކުރިއްޔާތު އަލުން ދިރުވައި އާލާކުރުމުގެ ބޮޑެތި ތަހްރީކުތައް އުފެދެއެވެ. ނަމަވެސް އެތަހްރީކުތަކުގެ މުބައްލިޣުންނާއި، ގައުމުގެ އާއްމުންނާއި ޚާއްސުންގެ ތެރޭގައިވެސް ދީނުގެ ޖާމިއު ތަސައްވުރެއްނޯވެއެވެ.
ޝައްކެއްނެތެވެ. މިހާރުކަންހުރިގޮތުން ދީނުގެ ހުރިހައި ކަންކަމަކާއި ހުރިހާ ހުކުމްތަކަކާއި ދާއިރާތަކެއް އެކީއެއްފަހަރާ މުޖްތަމައުގައި ފުރިހަމަޔަށް ތަންފީޒުކުރުމަކީ ހުރިހައި ހާލަތެއްގައި ހުރިހައި ގައުމުތަކެއްގައި ކުރެވޭނެ ކަމެއް ކަމުގައި ނުވެ ހިނގައިދާނެއެވެ. އެހެންކަމާއެކުވެސް އެންމެ ކުޑަމިނުން ދީނުގެ ސައްޙަ ތަސައްވުރެއް ހިތްތަކުގައި އޮންނާން ޖެހޭނެއެވެ. ދީން ގާއިމުކުރާން މަސައްކަތް ކުރާ ފަރާތްތައް ހިލިހިލާ ޖަހައިގެން ޖަލުތަކަށް ގެންދެވޭއިރު މުސްލިމުންގެ ހިތުގެ ހަމްދަރުދީއާއި ޖަޒުބާތީ ވުޖޫދު އެމީހުނާ އެކުގައި ވާންޖެހޭނެއެވެ. އެބައިމީހުންނަށްޓަކައި މުސްލިމުންގެ ލޯތަކުން ކަރުނަ ހިލެން ޖެހޭނެއެވެ. މުސްލިމުންގެ ދޫތަކުން އެބައިމީހުންނަށްޓަކައި ހެޔޮދުޢާ ކުރެވޭންޖެހޭނެއެވެ.
އަޅުކަމުގެ އަހަންމިއްޔަތަކީ އޭގެ ދާއިރާ އެންމެ މުހިންމު ކަންތަކެވެ. ދީނުގައި އެކަންކަމަށް މަރުކަޒީ ޙައިޘިއްޔަތު ލިބިގެންވާ ކަންކަމެވެ. ހަމައެފަދައިން އިސްލާމީ ވެރިކަމެއް ގާއިމުކުރުމަކީވެސް އިސްލާމީ ޝަރީއަތުގައި އިންތިހާ ދަރަޖައިގެ މުހިންމު ކަމެއްކަން މީސްތަކުންނަށް އެނގޭންޖެހޭނެއެވެ. އަހްލުއްސުންނަތި ވަލްޖަމާއަތިގެ މަސްލަކުގައިވާ ގޮތުން އިސްލާމީ ވެރިކަމެއް ޤާއިމުކުރުމަކީ މުސްލިމުންގެ މައްޗަށްވާ ކިފާޔަތުގެ ފަރުޟެކެވެ. އެކަމުގެ އެކަށޭނަކަން ލިބިގެންވާ ނަމައެވެ. ކީރިތި ޤުރްއާނުގެ ސަރީހު ބަސްފުޅުން އަންގައިފައިވަނީ މިދަންނަވާގޮތަށެވެ.
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއަށާއި، ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! ( އެބަހީ : އެކަމާމެދު ﷲ އާއި އެކަލާނގެ ރަސޫލާގެ ހުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ! ) ތިޔަބައިމީހުން ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައިވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (އައްނިސާއު: 59)
އިސްލާމީ ވެރިކަމެއް ގާއިމް ކުރާން ޖެހޭކަމަށް މި މާތް އާޔަތުން ދަލީލު ލިބެނީ މި ދަންނަވާގޮތްގޮތުންނެވެ.
1. މި މާތް އާޔަތުގައި ވަނީ ވެރީންނަށް ކިޔަމަންވުމަށް އަމުރު ކުރައްވައިފައެވެ. ވިސްނައިވަޑައިގަންނަވާށެވެ. އުލިލްއަމްރުން ނެތްކަމުގައިވާނަމަ އެއުރެންނަށް ކިޔަމަންވެވޭނީ ކިހނަކުންތޯއެވެ؟ މި އާޔަތުން އެނގޭގޮތުގައި އަމީރުން އިންތިޚާބު ކުރުމަކީވެސް ވާޖިބެކެވެ. އަމީރުންނަށް ކިޔަމަންވުމަށްޓަކައެވެ. އަމީރުން ނެތި އަމީރުންނަށް ކިޔަމަން ނުވެވޭވެތީއެވެ.
2. މި އާޔަތުގައި ވަޙީކުރައްވައިފައިވަނީ "މިންކުމް" (ތިޔަބައިމީހުންގެ ތެރެއިން) މިފަދައިންނެވެ. އެހެންކަމުން މިނައްސުން އެނގެނީ މުސްލިމު އާބާދިއެއްކަމުގައިވާނަމަ އެތަނެއްގައި ވެރިކަން ތަމްކީނުކުރުމާއި މުސްލިމުންގެ ތެރެއިން ކަމާ އެކަށޭނަކަށް ހުރި މީހަކު ވެރިކަމަށް އައްޔަން ކުރުން މުސްލިމުންގެ މައްޗަށް ލާޒިމުކަމެކެވެ.
3. ކަނޑީގެ ތުނޑުން ވެރިކަން ގާއިމުކުރުން ނުވަތަ އަސްކަރީ ޖެނަރަލަކު އިންގިލާބެއްގެނެސް ތިމާ އަމިއްލަޔަށް ގައުމުގެ ވެރިކަމަށް އަތްގަދަކޮށްލައި ޑިކްޓޭޓަރަކަށް ވެގަތުމަކީ އިސްލާމްދީން ރުހޭ ކަމެއް ނޫނެވެ.
އަމީރުލް މައުމިނީން އުމަރުބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު ވަނީ ވަރަށް ސަރީހު ބަސްފުޅުން މި ވާހަކަ ބަޔާން ކުރައްވައިފައެވެ. " މުސްލިމުންގެ މަޝްވަރާގެ މަތީން ހޮވޭ އަމީރަކު ފިޔަވައި އެހެން އަމީރަކީ އަމީރަކު ނޫން ފަދައެވެ. " އަމީރަކު އައްޔަންކުރުމުގެ މުހިންމު ކަމުން މުސްލިމުންނަކީ އެތަނެއްގެ ބައިމަދު މީހުންކަމުގައިވިޔަސް އެފަދަ ތަންތާނގައި ވެސް މުސްލިމުންގެ ކަންތައް އިންތިޒާމު ކުރާނެ މުސްލިމު އަމީރަކު ހުރުން ލާޒިމު ކަމުގައި އިސްލާމީ އިލްމުވެރީންވަނީ ވަކާލާތު ކުރައްވައިފައެވެ. އެފަދަ ގައުމެއްގައި މުސްލިމުންގެ ވަކި ޖަމާއަތަކުން ހަމައެކަނި އެޖަމާއަތެއްގެ މީހުން ބައިވެރި ކޮށްގެން އެބައެއްގެ އޮފީހުގައި ނުވަތަ އެބައެއްގެ މިސްކިތުގައި އަމީރަކު ކަނޑައެޅިކަމުގައި ވިޔަސް އެކަންވާނީ އުމަރުގެފާނުގެ ބަސްފުޅާ ޚިލާފުކަމެއްކަމުގައެވެ. ދީން ނުދަންނަކަމުގައި އަލާމަތަކަށެވެ. އުމަރުގެފާނު ވިދާޅުވެފައިވަނީ " މުސްލިމުންގެ އެންމެންނާ މަޝްވަރާ ނުކޮށް މީހެއްގެ އަތްމައްޗަށް ބައިޢަތު ހިފިކަމުގައިވިޔަސް އެއީ ބައިޢަތެއް ކަމުގައެއް ނުބެލެވޭނެއެވެ. އެބައިޢަތު ތަންފީޒެއް ނުކުރެވޭނެއެވެ." ވިފަދައިންނެވެ. ( ޞަޙީޙުބުޚާރީ ކިތާބުއްރަޖުމް) ހަމައެފަދައިން އަމީރުލް މުއުމިނީން އަލީ ކައްރަމަﷲ ވަޖުހަހޫ ވިދާޅުވެފައިވެއެވެ. "އަހަރެންގެ އަތްމައްޗަކަށް ސިއްރަކުން ބައިޢަތެއް ނުހިފޭނެއެވެ. މުސްލިމުންގެ ރުހުމާ ނުލައެއްވެސް އެކަމެއް ނުކުރެވޭނެއެވެ." ( ތާރީޚު ޠަބަރީ ޖިލްދު : ދޭއް، ސަފުޙާ : 696 )
ޙަދީޘްފުޅުތަކުގެ ނައްސުން ސާބިތުވާ ގޮތުގައި ޚިލާފަތެއް ގާއިމުކުރުމުގެ އިސްލާމީ ގޮތަކީ ބައިޢަތެވެ. ބަޢަތުގެ އުސޫލު އިސްލާމީ ތާރީޚުގައި އަބަދުވެސް ދެމިއޮތެވެ. ވެރީންނަށް ބައިޢަތު ހިފުން ނިމުމަކަށް އައީ ވެރީން ހުޅަނގުގެ ސިޔާސީ ނިޒާމު އިޚްތިޔާރު ކުރެއްވުމުންނެވެ. އިސްލާމީ ތާރީޚުގައި ބައެއް ފަހަރަށްވެރީންނަށް ބައިޢަތު ހިއްޕަވައިފައިވަނީ ދައުލަތުގެ ފުރަދާނައިންނާއި މޮހުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންނެވެ. އެބޭކަލުން ޚަލީފާއަކު ނުވަތަ ސުލްޠާނަކު އިންތިހާބު ކުރައްވަނީއެވެ. އާއްމުންގެ ބައިޢަތުހިފުންވެސް ބާއްވައިފައިވެއެވެ. ކޮންމެއަކަސް ބައިޢަތުގެ އުސޫލު ހުރިހައި ދުވަސްވަރެއްގައިވެސް ދެމިއޮތެވެ. އިސްލާމީ ޚިލާފަތުގެ މުހިންމު އެއް ސިފައެއް ކަމުގައި އެކަންތައް ދެމިއޮތެވެ. އިސްލާމީ އުންމަތް އޮތީ މައިގަނޑު އެއް ރިޔާސަތެއްގެ ގޮތުގައެވެ. ތަފާތު ސަރަހައްދުތަކުގައި ވާލީން ތިއްބެވިއެވެ. ވާލީންގެ މަސައްކަތްޕުޅާއި ދާއިރާގެ ސަބަބުން ޚިލާފަތު ގެ ދާރުބާރުން ޤަބޫލުކުރެއްވުމުގެ ސަނަދުވެސް ދެއްވައެވެ. އެކަމަކު މިންބަރުތަކުން ޚުތުބާތަކުގައި ބޭނުން ކުރެވެނީ އެއް ޚަލީފާއެއްގެ ނަންފުޅެވެ. އެއްވަގުތެއްގައި އެތައް ޚަލީފާއިންނަކަށް ތާނިޔާއެއް ނުކިޔައެވެ. މުސްލިމުންގެ ޚިލާފަތުގެ ވަޙުދަތު އުވިދިޔައީ ޢުޘްމާނީ ޚިލާފަތު އުވުމަށް ފަހުގައެވެ. ޝައްކެއްނެތެވެ. މުސްލިމުންގެ ތެރޭގައި މަދުއަދަދެއްގެ މިނިވަން ޚިލާފަތުތަކެއްވެސް އޮތެވެ. ސްޕޭންގައި އޮތް ޚިލާފަތެވެ. މިސުރުގެ ފާޠިމީ ޚިލާފަތަކީވެސް މިނިވަން ޚިލާފަތެކެވެ. ޢުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އީރާނުވެސް އޮތީ ޚިލާފަތުގެ ދާއިރާއިން ބޭރުގައެވެ. އެއީ ހައްތާވެސް ބައެއްކަހަލަ ސިޔާސީ ސަބަބު ތަކާހުރެއެވެ. ކުރީންވެސް ދެންނެވިފަދައިން މުސްލިމުންގެ ޚިލާފަތުގެ ނިޒާމު ނިމުމަކަށްއައީ ޢުޘްމާނީ ޚިލާފަތު އުވުމުންނެވެ. އެއީ އިސްލާމީ ވަޙްދަތު ފުނޑުފުނޑުވުމެވެ. ހުޅަނގުގެ އަދުއްވުންގެ ހުވަފެން ޙަޤީޤަތަކަށްވުމެވެ.
(ނުނިމޭ)