ޕީޕީއެމް

ޕީޕީއެމްގެ ގައުމީ ޖަލްސާއެއް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ގައުމީ ޖަލްސާއެއް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ގައުމީ ޖަލްސާއެއް އެ ދެ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. އެ ޕާޓީން ވަނީ އެކަން ޕާޓީގެ އާންމުންނަށް އަންގައި އިއުލާންކޮށްފައެވެ.

ޕާޓީތަކުގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ޕާޓީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެންމެ ފަހުން ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވާފައިވަނީ 2013 ވަނަ އަހަރެވެ.

އާންމު ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމުން އިއުލާންކޮށްފައިވާ އިރު، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.