ކޮވިޑް 19

މި ހާލަތަށް ބަލާ އިރު ބުއްދިވެރިގޮތަކީ ސްކޫލުތައް ބަންދުކޮށްފައި ބޭއްވުން: ޑރ. ނިޔާފް

1

ކޮވިޑް19ގެ މި ވަގުތުގެ ހާލަތަށް ބަލާ އިރު އެންމެ ބުއްދިވެރި ގޮތަކީ ސްކޫލުތައް ބަންދުކޮށްފައި ބޭއްވުން ކަމަށް ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު، ޑރ. ނިޔާފް ވިދާޅުވެއްޖެ އެވެ.

ޑރ. ނިޔާފަކީ ރާއްޖޭގައި އެކި ކަހަލަ ރޯގާ އާއި ބަލިމަޑުކަން ފެތުރޭ ވަގުތުތަކުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ގޮތުން ބަލީގެ އަލާމާތްކާއި ރައްކާތެރިވުމަށް އަޅަން ވީ ފިޔަވަޅުތައް ފަދަ މުހިންމު މައުލޫމާތުތައް އޭނާ ގެންދަވަނީ ސޯޝިއަލް މީޑިއާގައި ހިއްސާކުރައްވަމުންނެވެ. އަދި އާންމުން ކުރާ ސުވާލު ތަކަށް ވެސް އޭނާ ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތައް ބަންދުކޮށްފައި ބޭއްވުމަކީ މި ވަގުތަށް ބަލާ އިރު އެންމެ ރައްކާތެރި ގޮތް ކަމަށް ޑރ. ނިޔާފް ވިދާޅުވީ ވެސް ސޯޝިއަލް މީޑިއާގައި އާންމުންގެ މީހަކު އޭނާއާ ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

އަހުމަދު ސޮފްވާން ކިޔާ މީހަކު ސުވާލު ކުރީ، ސްކޫލް ޗުއްޓީއަށް އެކި ރަށް ރަށާއި ގައުމުތަކަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނަން ގާތްވެއްޖެ ކަމަށާއި ސްކޫލްތައް ހުޅުވުން ރައްކާތެރިތޯ އެވެ.

ޑރ. ނިޔާފް ވިދާޅުވީ، ސްކޫލްތައް ބަންދުކޮށްފައި ބޭއްވުމާއި އެކު، ކިޔަވައި ދެވޭނެ އެހެން ގޮތްތައް ހޯދުމަކީ މި ވަގުތަށް ބަލާ އިރު އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން އޮންލައިން ޕްލެޓްފޯމަކީ ބޭނުންކުރެވިދާނެ ގޮތެއް ކަމަށާއި ވަކީން ހާއްސަކޮށް މަތީ ގުރޭޑް ތަކާއި ކޮލެޖު ފަދަ ތަންތަނުގައި ކިޔަވާ ދަރިވަރުންނަށް އެ ގޮތް އިހުތިޔާރު ކުރެވިދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދީން ގެއިން ބޭރަށް ނުގެންދިޔުމަށް ވެސް ޑރ. ނިޔާފް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮވިޑް 19 ޖެހިފައިވާ ހަ މީހަކު ރާއްޖޭން މިހާ ތަނަށް ފެނިފައިވާ އިރު، އިތުރު މީހުންނަށް އެކަހެރިކޮށްގެންނާއި ކަރަންޓީނުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މި ހާލަތުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި މީހުން އެއްވާ ފަދަ ހަރަކާތްތައް ވެސް ނުހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭގެ މި އިލްތިމާސާއި ގުޅިގެން ރާއްޖޭގައި އެކި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ގިނަ ހަރަކާތްތައް ވަނީ ހުއްޓާލާފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟