ޚަބަރު

ބިދޭސީންގެ ބައިތިއްބާފައި ތިބޭ ތަންތަނުގެ މައުލޫމާތު ހުށަހަޅަން އެދިއްޖެ

އަލީ ޔާމިން

ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން، ހަމަޖައްސައިދޭ އެކަމަޑޭޝަން ފެސިލިޓީތަކުގެ މައުލޫމާތު ދެނެގަތުމަށް ބޭނުންވާ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން، ހަމަޖައްސައިދޭ އެކަމަޑޭޝަން ފެސިލިޓީ ތަކުގެ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ އެހެނިހެން ހިދުމަތްތައް 16 މާޗް 2020 ވާ ހޯމަ ދުވަހުން ފެށިގެން ފޯރުކޮށްދެވޭނީ، އެ ސިސްޓަމްގައިވާ އެކަމަޑޭޝަނަށް ކަނޑައަޅާފައިވާ ބައި ފުރިހަމަ ކުރުމުން ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

"ވަން" އަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު، އާމިނަތު ނާދިޔާ ވިދާޅުވީ، އެ މިނިސްޓްރީން ހޯދަން އިއުލާންކޮށްފައިވަނީ މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އެކަމޮޑޭޝަން ފެސިލިޓީތަކުގެ މައުލޫމާތު ކަމަށެވެ.

ބިދޭސީންނަށް ފޯރުކޮށްދޭ އެކަމަޑޭޝަންގެ މައުލޫމާތު ހިއްސާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައި މިވަނީ ގިނަ ބިދޭސީންނާ މެދު އެ ބިދޭސީން ގެންނަ ފަރާތްތަކުން އަމަލުކުރަމުން ދަނީ ލާއިންސާނީ ގޮތެއްގައި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ސިއްހީ ފިޔަވަޅުތައް ވެސް ވަރުގަދަކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ވަގުތެއްގަ އެވެ.