ޚަބަރު

ގައުމު ހުއްޓުމަކަށް ނައިސް މުވައްޒަފުނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަނީ

1

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް19) ރާއްޖެއިން ވެސް ފެނިފައިވާތީ އޭގެ ސަބަބުން ރާއްޖޭގެ ހާލަތު ގޯސްވި ނަމަވެސް ސަރުކާރު ހުއްޓުމަކަށް ނައިސް މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކޮމިއުނިކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން އިސްނަގައިގެން މިއަދު ވަނީ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ އެމެޖެންސީ ނުވަތަ ކާރިސާގެ ހާލަތެއްގައި ވެސް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ކޮވިޑް19އާ ގުޅިގެން ސަރުކާރުގެ އޮފީސްތަކުގައި ފިންގަޕުރިންޓް ޖެހުން ހުއްޓާލައި ޓެގު ނުވަތަ ކާޑު ބޭނުންކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ކާރިސާ ހާލަތެއްގައި ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އަމަލުކުރާނެ ގޮތްތަކެއް ވެސް އޮންނާނެ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ގޮސްފިނަމަ މާބަޑު މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ސިއްހީ ޖަމިއްޔާ އާއި ހެލްތު މިނިސްޓްރީ ނުވަތަ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ އިމަޖެންސީ އެކި ޕްލޭނުގައި ހުދާއި ރީނދޫ އަދި ރަތް އެލާޓުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ހަމަޖައްސާފައި އޮންނަ ކަމަށާއި އެގޮތުގެ މަތިން އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރާއި އިތުރު ބިދޭސީ މުވައްޒަފެކެވެ. އަނެއް ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިންނެވެ. މި ހަތަރު މީހުން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގައި ކަރަންޓީން ކުރެވިފައެވެ.