ޚަބަރު

ދަނޑުވެެރިކަމުގެ ލޯނުގެ 30 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ނިންމައިފި

އަލީ ޔާމިން

ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްގީކޮށް، ކުރިއެރުވުމަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން އިތުރުކުރުމުގެ ދަށުން އަންހެން ދަނޑުވެރިންނަށް ހާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިިންގުން ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމަށެވެ. އެހެންވެ، މިހާރު ގާއިމް ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ 30 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަންހެނުންނަށް ލޯނު ޕްރޮގްރާމެއްގެ ވަކި އަދަދެއްގެ ހާއްސަކުރީ ދަނޑުވެރިކަމަކީ އިގްތިސާދަށް ފައިދާ ކުރާ އަދި ތިމާވެށްޓާ ރަށްޓެހި ސިނާއަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށް ކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެ ލޯނު ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ފަދަ އާބަން އެގްރިކަލްޗާ އާއި ޕްރޮޓެކްޓެޑް އެގްރިކަލްޗާ އާއި ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާ ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުމާއި ވެލިއު އެޑިޝަން އަދި އެގްރޮފްރަސްޓްރީ ފަދަ ކަންކަމަށް ލޯނު ދޫކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ އެ ޕްރޮގްރާމްގެ ފޯމް އެސްޑީއެފްސީ އާއި ފިޝަރީޒް މިނިސްޓްރީން ލިބޭނެ ކަމަށެވެ.