އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 41

އަބްދުﷲ ފާރޫގް ހަސަން

14

(07 މާޗް ގެ އަދަދާއި ގުޅޭ)

ماه بانو އަށް ފުން އަވަހާރަފުޅަކުން ހޭފުޅުލެއްވުނުއިރު އެނދުދާންކޮޅު ކައިރީގައި ޚާދިމާއެއް ބައްތިއެއް ހިފައިގެން ހުއްޓެވެ. އޭނާގެ ދެލޮލުންވަނީ ކަރުނަ އައިސްފައެވެ. "ކީއްވީހެއްޔެވެ؟" ماه بانو އަވަސްއަވަހަށް ތެދުވެވަޑައިގެން ސުވާލު ކުރެއްވިއެވެ. ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުހެއްޔެވެ؟"

"ބައްޕާފުޅުގެ ޙާލުކޮޅު ރަނގަޅެވެ. އެކަމަކު ކަމަނާގެ ބޭބޭފުޅު ......"

"އަހަރެންގެ ބޭބެއަށްވީ ކީއްހެއްޔެވެ؟"

"އޭނާ އެނބުރި ވަޑައިގެންފިއެވެ. އޭނާވަނީ ޒަޚަމުވެވަޑައިގެންފައެވެ."

"ބޭބޭފުޅު ވަޑައިގަތީ ކޮންއިރަކު ހެއްޔެވެ؟ މިހާރު ވަޑައިގެންވީ ކޮންތަނަކުހެއްޔެވެ؟"

"އޭނާ ވަޑައިގަތީ ދާދިދެންމެއަކުއެވެ. މިހާރު ވަޑައިގެންވީ ސާހިބާގެ ކޮޓަރިކޮޅުގައެވެ. ބޭބޭފުޅުގެ ޒަޚަމުގައި ބޭސްއަޅާން ބޭސްވެރިޔާ އެބައިނެވެ. ބޭސްވެރިޔާ މިތާނގައި ހުރިކަމަށްޓަކައި ކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ. އޭނާ ބުނާގޮތުން ޒަޚަމަކީ މާނުރައްކާތެރި ޒަޚަމެއް ނޫނެވެ."

"ماه بانو ފައިވާންޖޯޑުކޮޅަކާވެސް ނުލައި ދުވެވަޑައިގެންފައި ވަޑައިގެން ބައްޕާފުޅުގެ ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. ޒަރުބަޚުތު قبــاد ގެ އެނދުދާންކޮޅުގެ ކައިރީގައި ދޫލަމަތީގައި އޮށޯވެވަޑައިގެން އޮންނެވިއެވެ. ބޭސްވެރިޔާ އޭނާގެ ނިތްކުރިފުޅުގައިހުރި ޒަޚަމުގައި ބޭސްއަޅައި ނިމިގެން ބެންޑޭޖް ކުރަނީއެވެ. قبــاد ބާލީސްކޮޅުގެ އެހީގައި އިށީނދެވަޑައިގެން އެތަން ބައްލަވާން އިންނެވިއެވެ. ماه بانو އޭނާގެ ކަރުނަފޮދު ފޮއްސަވަމުން ޒަރުބަޚުތުގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ.

ޒަރުބަޚުތު އޭނާގެ މޫނުފުޅުމައްޗަށް ހިނިތުންވެވަޑައިގަތުމެއް ގެންނެވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ބޭސްވެރިޔާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލާ އަޅުގަނޑުގެ ކޮއްކޮގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވާށެވެ. އޭނާ އަޅުގަނޑުގެ ބަހެއް ޤަބޫލެއް ނުކުރައްވާނެއެވެ."

ބޭސްވެރިޔާގެ ފަހަތަށް އެނބުރި ماه بانو އާ ދިމާޔަށް ބަލައިލިއެވެ. އޭނާ ބުންޏެވެ. "ދަރިފުޅާއެވެ. ބޭބޭފުޅު މުޅީން ރަނގަޅެވެ. މި ޒަޚަމް ވަރަށް އަވަހަށް ފުރިދާނެއެވެ."

ماه بانو ޒަރުބަޚުތުގެ އަތްތިލަފުޅުގައި ހިއްޕަވައި އޭނާގެ ތުންފަތްޕުޅުގައި ޖައްސަވައިލެއްވިއެވެ.

ބޭސްވެރިޔާ ބެންޑޭޖުގައި އެންމެފަހު ގޮށްޖެހުމަށްފަހު قبــاد އާ ދިމާޔަށް ސަމާލުކަންދީފިއެވެ. އޭނާ ދެންނެވިއެވެ. "މަނިކުފާނު އޮށޯވެވަޑައިގަންނަވާށެވެ. ޒަރުބަޚުތަށްވުރެ އަޅުގަނޑު ފިކުރުބޮޑުވަނީ މަނިކުފާނާ މެދުގައެވެ."

قبــاد ވިދާޅުވިއެވެ. "މީނާގެ ޒަޚަމު ފިއްސުމުގެ ބޭނުމެއް ނެތްކަން ކަލާއަށް ޔަޤީންތޯއެވެ؟"

"އަޅުގަނޑަށް ޔަޤީނެވެ. ކަލާ އަރާމުކުރައްވާން އޮށޯވެވަޑައިގަންނަވާށެވެ."

"މިވަގުތު އަޅުގަނޑަށް ބޮޑަށް އަރާމު ލިބެނީ އިށީނދެ އިނީމައެވެ."

ޒަރުބަޚުތު ތެދުވެވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ބައްޕާފުޅާއެވެ! އަޅުގަނޑާމެދު ފިކުރު ނުކުރައްވާށެވެ. ވަރުބަލިވުމުގެ ސަބަބުން އަޅުގަނޑު އަނބުރައިގަތީއެވެ. މިހާރު އަޅުގަނޑަށް ބައްޕާފުޅުގެ ކޮންމެ ސުވާލަކަށްވެސް ޖަވާބު އެރުވިދާނެއެވެ. ކާއޫސެވެ. ބަލަހައްޓައިގެން ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ އަވަހަށްގޮސް އަހަންނަށް ކާން ތައްޔާރުކުރާށެވެ."

ކާއޫސް ބޭރަށް ނުކުމެއްޖެއެވެ. ماه بانو قبــاد ގެ އެނދުދާންކޮޅުގައި އޭނާގެ ފައިންޕުޅާ ވީކޮޅުގައި އިށީނދެވަޑައިގެންފިއެވެ. ބޭސްވެރިޔާވެސް ގޮނޑިޔެއްގައި އިށީނދެއްޖެއެވެ.

قبــاد ވިދާޅުވިއެވެ. "ހުރުމުޒު ކަހަލަ ނުލަފާ އިންސާނެއްގެ ނަސީބުގައި ފަތަޙައެއް ލިޔެވިފައެއް ނުވާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް ހަނގުރާމައިގެ ހުރިހާ ތަފްސީލެއް އަހަރެން އަޑުއަހާން ބޭނުމެވެ."

"ބައްޕާފުޅާއެވެ! އަޅުގަނޑުމެން ބަލިވިކަން ޔަޤީންކުރާން އަދިވެސް އަޅުގަނޑަށް ދައްޗެވެ. އެބައިމީހުންގެ އެޢަދަދު ވިހިހާހަށްވުރެވެސް މަދެވެ. އަޅުގަނޑުމެންގެ ޢަދަދު ސާޅީސްހާހަށްވުރެ ގިނައެވެ. ސިފައިންގެ އޮފިސަރުންގެ ތެރެއިން ވަރަށްގިނަ ބައެއްގެ ޚިޔާލަކީ އަޅުގަނޑުމެން މަދާއިނުގެ ލަޝްކަރު އަންނަންދެން އިންތިޒާރު ކުރުމެވެ. ނަމަވެސް ހުރުމުޒު ޔަޤީންކުރައްވައިގެން ހުންނެވީ އެއްގަޑިއިރުގެ ތެރޭގައި ދުޝްމިނުން ސުންނާފަތި ކޮށްލެއްވިދާނެ ކަމަށެވެ. އަޅުގަނޑުވެސް އޭނާއާ އެއްބަސްވީމެވެ. ދެލަޝްކަރު ބައްދަލުވުމުގެކުރީން ހުރުމުޒު خــالــد بــن الـوليـد އަށް މުބާރިޒާ ކުރެއްވުމުގެ ދަޢުވަތު ދެއްވިއެވެ. އެކަމާ އަޅުގަނޑު ހައިރާންވެސްވިއެވެ. އަޅުގަނޑުހުރީ އޭނާގެ ހިތްވަރުފުޅު ގަދަކަމާމެދު އުފަލުންނެވެ. ނަމަވެސް އެއީ އޭނާ ހެއްދެވި މަކަރެކެވެ. އެއީ މަކަރެއްކަން އަޅުގަނޑަށް އެނގުނުއިރު ހުރުމުޒުގެ މީހުން خــالــد އާ ޙަމަލަދީފިއެވެ. މިހާރު އަޅުގަނޑު އެ ޙާދިޘާއާމެދު ވިސްނައިލާއިރު އަޅުގަނޑަށް ހީވަނީ މުސްލިމުންގެ ކޮމާންޑަރ އިން ޗީފަށް ހުރުމުޒުގެ ރޭއްވެވުން ފުރިހަމަޔަށް އެނގިވަޑައިގެންފައި އޮތްހެންނެވެ. އޭނާ ބިރުފުޅުން ފަހަތަށް އެނބުރިވަޑައިގަންނަވާން އުޅުއްވިނަމަ ޤަތުލުވީސްކަން ކަށަވަރެވެ. ނަމަވެސް އޭނާ ކުރިޔަށް ވަޑައިގެން ހުރުމުޒު ޤަތުލުކޮށްލެއްވިއެވެ. އޭނާ ޤަތުލުކުރުމަށްޓަކައި މައިދާނަށް ނުކުތް އަސްވާރުންނަށް އޭނާގެ އެންމެ ލޯލިފުޅެއްވެސް ބޭކާރުކޮށެއް ނުލެވުނެވެ. خــالــد ގެ އެހީތެރީން ވަގުތުން އޭނާގެ އަރިހަށް އަތުވެއްޖެއެވެ. އެއަށްފަހު އަޅުގަނޑުމެންނަށް ހަތަރުފަރާތުންވެސް ޤިޔާމަތަކާ ކުރިމަތިލާން ޖެހުނުކަހަލައެވެ. އަޅުގަނޑަށް ހީވީ ޤުދުރަތުގެ ކޮންމެވެސް މުޢުޖިޒާއަކުން އެބައިމީހުންގެ ޢަދަދުވެސް އިތުރުވިހެންނެވެ. އަޅުގަނޑުމެންނާ އަޅައިބަލާއިރު އެބައިމީހުންގެ ހަތިޔާރުވެސް މާދެރަވަރެވެ. އެބައިމީހުންކުރެ ގިނަމީހުން ހަނގުރާމަކުރީ ދަގަނޑު ދަހަނާއެއް ދަގަނޑު ތާކިހަލެއްވެސް ނެތިއެވެ. އަޅުގަނޑުމެންގެ ކޮންމެ އުކުޅެއް، ކޮންމެ ތަދުބީރެއް ދިޔައީ ތާކުންތާކު ނުޖެހިއެވެ. އެބައިމީހުންގެ ކޮންމެ ރޭވުމެއްދިޔައީ ކާމިޔާބުވަމުންނެވެ. އެމީހުންގެ ތެރެއިން ގިނަމީހުން ރަނގަޅަށް އިންތިޒާމުކުރެވި ތަމްރީނުކުރެވިފައިވާ ލަޝްކަރަކާ ހަނގުރާމައިގެ މައިދާނުން ބައްދަލުކުރި މިއީ އެންމެފުރަތަމަ ފަހަރުކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ހީވީ އެއިން ކޮންމެ މީހެއްގެ މުޅި ޢުމުރު ހޭދަކޮށްފައިވަނީ ހަނގުރާމައިގެ މައިދާނުގައިހެންނެވެ. އަޅުގަނޑުމެން ތިބީ ރުޅިއައިސް ރަތްވެފައެވެ. އަޅުގަނޑުމެން ތިބީ ޖޯޝާއި ފޯރި އައިސްފައެވެ. އަޅުގަނޑުމެން ނަޢުރާކުރީމުއެވެ. އެބައިމީހުންގެ ބާވެ ހަސްނެތިފައިވާ ހެދުންތަކާމެދު މަލާމާތް ކުރީމުއެވެ. ނަމަވެސް އެބައިމީހުންގެ މޫނުމަތީން ހާމަވޭވޭހުރީ ހަމަޖެހުމެވެ. ހިމޭންކަމެވެ. ހީވަނީ އެބައިމީހުންގެ ސިފައިންގެ ވެރިޔާއިން ފެށިގެން އެންމެ އާދައިގެ ސިފައިންގެ މީހާއަށް ދަންދެން ވިސްނަނީ އެއްސިކުނޑިޔަކުން ހެންނެވެ. އަޅުގަނޑުމެން ބަލިވެގެން ފިލަންދުވިއިރު އަޅުގަނޑުމެންނަށް އެނގުނީ އަޅުގަނޑުމެންގެ އެއްވެސް މަގެއް ރޭގަނޑުގެ އަނދިރީގައިވެސް އެބައިމީހުނަށް ސިއްރުވެފައި ނެތްކަމެވެ.

ފުރާތުކޯރު ހުރަސްކުރުމަށްފަހުވެސް އަޅުގަނޑުމެންނަށް ހަމަނޭވާ ނުލެވި އުޅެނިކޮށް އެބައިމީހުންގެ އަސްތަކުގެ ފިޔަވަޅުގެ އަޑުއިވޭން ފަށައިފިއެވެ. ރޭގަނޑު ހަތަރުދަމު ދަތުރުކުރުމަށްފަހު ކޯރެއްގެ އައްސޭރީގައި އޮތް ކަދުރު ދަނޑެއްގައި އަޅުގަނޑުމެން ފޭލިގެ ޖެހީ އެތައްދަމަކަށް އިރުއަރަންދެން އަރާމުގައި ނިދައިލެވޭނެކަމުގެ ޔަޤީންކަމުގައެވެ. ނަމަވެސް ފަތިސްވުމުގު ކުރީން އަނެއްކާވެސް އަޅުގަނޑުމެންނަށް އެބައިމީހުނާ ކުރިމަތިލާން ޖެހިއްޖެއެވެ. މެންދުރެއްހައިއިރު އަޅުގަނޑުމެންނަށް މަދާއިނުން އައި ލަޝްކަރުގެ އަސްކަރުގާހު ނުފެންނަނަމަ އެބައިމީހުން ދިޖުލަތުކޯރާ ހަމައަށްވެސް އަޅުގަނޑުމެން ފަހަމުން އައީސްކަން ކަށަވަރެވެ.

އެކަމަކު ބައްޕާފުޅާއެވެ. އަޅުގަނޑުމެން އެންމެ މައިދާނަކުން ބަލިވިޔަސް އަޅުގަނޑުމެންނަށް ހަނގުރާމައިގައި ނާކާމިޔާބުވީކީ ނޫނެވެ. އަޅުގަނޑުމެންގެ ބަދުނަސީބަކަށްވީ ހުރުމުޒަކީ މިފަދަ ކަމަކަށް ލާއިގު ބޭފުޅަކަށް ނުވިކަމެވެ. ނަމަވެސް މުސްތަޤްބަލުގައި ދުޝްމިނުންނަށް ކުރިމަތިލާންޖެހޭނީ އަޅުގަނޑުމެންގެ ތަޖުރިބާކާރު ޖަނަރަލުންނާއެވެ."

ބޭސްވެރިޔާ ސުވާލު ކުރިއެވެ. "މަނިކުފާނު ޚިޔާލުފުޅުކުރައްވާ ގޮތުގައި މިހައިތަނުން ދުޝްމިނުންގެ ކުރިއެރުން ހުއްޓުނީތޯއެވެ؟ ނުވަތަ އެބައިމީހުން އިތުރަށް ކުރިޔަށްއަރާން މަސައްކަތްކުރާނެތޯއެވެ؟"

"އަޅުގަނޑުމެން ފަހާއައި ލަޝްކަރު މަދާއިނުގެ ލަޝްކަރު ފެނުމާއެކު އަނބުރައިލައިފައި ހިނގައްޖެއެވެ. ނަމަވެސް އަޅުގަނޑު ޚިޔާލުކުރާގޮތުގައި އެބައިމީހުނާ އަޅުގަނޑުމެންނާ ދެމެދު ނިޔާކަނޑައެޅޭ ހަނގުރާމައެއް ނުހިނގައެއް ނުދާނެއެވެ. މިލިބުނު ފަތަޙައަށްފަހު މާފަސޭހައަކުން އެބައިމީހުން އެނބުރިދާކަށް އެއްބަހެއް ނުވާނެއެވެ."

قبــاد ވިދާޅުވިއެވެ. "ހުރުމުޒަށް މާރަނގަޅު ނަތީޖާއެއް ނެރުއްވޭނެ ކަމަކަށް އަހަރެން ކުރިޔަކުންވެސް އުންމީދެއް ނުކުރަމެވެ. ފިނޑިޔެއްގެ ވެރިކަމުގެ ދަށުގައި ސިންގާތަކުގެ ލަޝްކަރެއްވެސް ވާނީ ކަންބަޅި އައިނަކަށެވެ. އޭނާއަށް މުސްލިމުންގެ ކޮމާންޑަރަށް ކެހިދެއްވުނު ކަމުގައި ވީނަމަވެސް ހަނގުރާމައިގެ ނަތީޖާ ތަފާތެއް ނުވީހެވެ. އެހެނީ މިހާރު އަހަރެމެންނަށް ކުރިމަތިލާން ޖެހިފައިވަނީ ކުރިންހެން އެއްބަޔަކު އަނެއްބަޔެއްގެ ލެޔަށް ފެންބޮވައިގެންފައިތިބި ޤަބީލާތަކަކާ ނޫނެވެ. އައުދީނެއްގެ ސަބަބުން އެކުވެރިވެ އެކަތިގަނޑަކަށްވެފައި ތިބި އިންސާނުންތަކަކާއެވެ."

"ބައްޕާފުޅާއެވެ. މިހަނގުރާމައިން އަޅުގަނޑުމެންނަށްވަނީ ފިލާވަޅެއް ލިބިފައެވެ. އަޅުގަނޑުމެން ބަލިވާންޖެހުމުގެ އެންމެބޮޑު ސަބަބަކީ ހުރުމުޒަށް ހަނގުރާމައިގެ ތަޖުރިބާ ލިބިވަޑައިގެންފައި ނެތްކަމެވެ. އޭނާ މަދާއިނުގެ ލަޝްކަރު އައުމުގެ ކުރީން ހަނގުރާމަ ފެއްޓެވީ خــالــد އަށް ކެއްސެއްދެއްވައިގެން ޤަތުލުކޮށްލެއްވުމުން މުސްލިމުން ފިލައިގެން ހިނގައިދާނެކަމަށް ހީފުޅުކުރައްވައެވެ. ނަމަވެސް އޭނާގެ އެއުކުޅު ކާމިޔާބެއް ނުވިއެވެ. ހުރުމުޒު ޤަތުލުވުމަށްފަހުވެސް އަޅުގަނޑުމެން ދުޝްމިނުންނާ އެތަކެއް ޙަމަލަތަކެއް ދިނީމުއެވެ. ނަމަވެސް އެމީހެއްގެ ޢަޒުމާއި ހިތްވަރުން މުޅި ލަޝްކަރުގެ ޔަޤީންކަމާއި އިތުބާރު ދެމެހެއްޓޭފަދަ ތަޖުރިބާކާރު ޖަނަރަލެއް އަޅުގަނޑުމެންގެ ތެރެޔަކު ނެތެވެ. އެމީހެއްގެ އިޝާރަތަށް ކޮންމެ ކޮމާންޑަރަކާއި ކޮންމެ ސިފައިންގެ މީހަކު ބޯލަނބާފަދަ ވެރިޔަކު ނެތެވެ. އެހެންކަމުން އަޅުގަނޑުމެން ކުރި ހިތްވަރަކީ އެކިމީހުން ވަކިވަކީން ކުރި ހިތްވަރެވެ. އެލަޝްކަރެއްގެ ކޮންމެ ސިފައިންގެ މީހަކާއި ކޮންމެ އޮފިސަރަކީ އެއްހަށިގަނޑެއްގެ ގުނަވަންތަކެއްފަދަ ލަޝްކަރެއްގެ އިޖުތިމާޢީ ބާރަކާ ފަރުދީ ހިތްވަރުގައެއް ކުރިމައްޗެއް ނުލެވޭނެއެވެ. ނަމަވެސް ކުރިޔަށް އޮތްތާނގައި ދުޝްމިނުންނަށް ކުރިމަތިލާންޖެހޭނީ އެލަޝްކަރެއްގެ އޮފިސަރުންނާއި ސިފައިންގެ ތެރެއިން ގިނަމީހުން އީރާނާއި ރޫމީންގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ލަޝްކަރުތަކާއެވެ. ބައްޕާފުޅުވެސް ޤާރަނަކީ ކޮންކަހަލަ ބޭފުޅެއްކަން ދެނެވަޑައިގަންނަވާނޫއެވެ. އޭނާ ދެދުވަހެއްގެ ތެރޭގައި މަދާއިނުގެ ލަޝްކަރާއެކު މަޒާރަށް ވަޑައިގަންނަވާނެއެވެ. ޙުފައިރުގެ ހަނގުރާމައިން ބަލިވި ސިފައިންވެސް އެލަޝްކަރާ ގުޅޭނެއެވެ. ޤާރަނަކީ ހިތްވަރުފުޅުގަދަ ބޭފުޅެކެވެ. އޭނާ ފިޔަވަޅު އަޅުއްވާނީ އެހާމެ ވިސްނުންތެރިކަމާ އެކުގައެވެ. އޭނާ ވަނީ ކިސްރާގެ އަރިހުން އިތުރު ސިފައިންނަށް އެދިވަޑައިގެންފައެވެ. އަޅުގަނޑަށް ޔަޤީނެވެ. ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ އަރިހަށް ޖަމާވާ ސިފައިންގެ ޢަދަދު ފެނިފައި މުސްލިމުން ހަނގުރާމަ ކުރުމަށްވުރެ ރަނގަޅުކަމުގައި ދެކޭނީ ފިލައިގެން ދިއުމެވެ."

قبــاد ސުވާލު ކުރެއްވިއެވެ. "ދަރިފުޅު ތިޔަ އައީ ޤާރަނާ ބައްދަލުވެފައި ހެއްޔެވެ؟"

"އާދޭހެވެ. ހަނގުރާމައަށްފަހު މަދާއިނުގެ ލަޝްކަރުގެ އަސްކަރުގާހާ ހަމައަށް ދުޝްމިނުން އަޅުގަނޑުމެން ފަހަމުންއައި ވާހަކަ ދަންނަވައިފީމެއް ނޫންތޯއެވެ؟"

"ބައްޕަ މިއެހީ ދަރިފުޅު ގެއަށްއައީ އޭނާގެ އަމުރުފުޅު ހޯދައިގެންތޯ ނުވަތަ ނޫންތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑު އައީ އޭނާގެ އަރިހުން ހުއްދަ ލިބިގެންނެވެ. އޭނާއަށް އަޅުގަނޑު ފެނިވަޑައިގަންނަވާއިރަށް ގެއަށްދާން އަންގަވައިފިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ޒަޚަމަކީ ވަރަށް އާދައިގެ ޒަޚަމެކެވެ. ނަމަވެސް އޭނާ ބާރުއެޅުއްވީ އަޅުގަނޑު ގެއަށް ފޮނުއްވާށެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެން ހަމަ މިއަދު މަޒާރަށް ދާން ފުރާނަމެވެ. އެތާނގައި ފޭލިގެ ޖަހައިގެން މަދާއިނުން އިތުރު ލަޝްކަރު އަންނާންދެން އިންތިޒާރު ކުރާނީއެވެ. އެހާތަނަށް ކަލާއަށް ފަސޭހަފުޅުވެގެން އެނބުރި ވަޑައިގެންނެވިދާނެއެވެ." އަދިވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ރަނގަޅަށް ތައްޔާރުވެގެން މެނުވީ ދުޝްމިނުންގެ ކުރިމައްޗަކަށް ނުދާނަމެވެ. ކަލާއަށް އެންމެ މަދުވެގެންވެސް އެއްހަފްތާ ވަންދެން ގޭގައި އަރާމުކުރެއްވޭނެއެވެ. މިވަގުތު އަޅުގަނޑު ބޭނުމީ ދުޅަހެޔޮކަންމަތީ ތިބި މީހުންނެވެ." "ބައްޕާފުޅާއެވެ. ޙުފައިރުގެ ނާކާމިޔާބީން އަޅުގަނޑު، ހިތްވަރު އެލިއްޖެކަމުގައި ބައްޕާފުޅު ހީފުޅުކުރައްވާކަށެއް ނުވާނެއެވެ. ޒަޚަމްވެފައިހުރި އެއްވެސް މީހަކަށް އަސްކަރުގާހުގައި މަޑުކުރުމުގެ ހުއްދައެއް ޤާރަން ނުދެއްވިއެވެ. ދުރުހިސާބު ހިސާބުގެ މީހުންތައްވެސް ކައިރި ރަށްރަށަށް ހިނގައްޖެއެވެ."

قبــاد ބޭސްވެރިޔާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިހާރު އަޅުގަނޑަށްވުރެ ބޮޑަށް ކަލާގެ އެހީ ބޭނުންވެފައިވަނީ އީރާނުގެ ލަޝްކަރަށެވެ. ބޭނުމެއްނެތް މުސްކުޅިޔެއްގެ ބަދަލުގައި ކަލާގެ މަސައްކަތްޕުޅުން ބޭނުންތެރި އެތަކެއްހާސް ޒުވާނުންގެ ފުރާނަ ސަލާމަތް ކޮށްދެއްވިދާނެއެވެ. އެހެންކަމުން އަޅުގަނޑު އެދެނީ ކަލާ މަޒާރަށް ދުރުވުމެވެ. އަޅުގަނޑު ޤަވާޢިދުން ކަލާގެ ބޭސް ބޭނުންކުރަމުން ގެންދާނަމެވެ."

(ނުނިމޭ)