އެމްޑީޕީ

ކޮރޯނާއަށް ހޭލުންތެރިކުރުވުމާ އެކު، ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތް ކުރިޔަށް ގެންދަން އެމްޑީޕީން ނިންމައިފި

އައިދާ އަބްދުލް ހަކީމް

1

ކޮރޯނާ ވައިރަހުން މިހާރު ފެތުރެމުންދާ ކޮވިޑް 19 އަށް ހޭލުންތެރިކުރުވުމާ އެކު، ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީއަކީ 93000 އަށްވުރެ ގިނަ މެންބަރުން ތިބި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޯވިޑް-19 އިން ސަލާމަތް ވުމުގެ މައްޗަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތު މިނިސްޓްރީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮވިޑް-19 އާއި ގުޅޭ ގޮތުން އާންމުކުރާ މައުލޫމާތާއި، ހަބަރު އެމްޑީޕީގެ ކެމްޕޭނު ޓީމުތަކުން އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިއާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ވެސް އެމްޑީޕީން ކުރިން ނިންމި އެވެ.