ލައިފް ސްޓައިލް

ކޮވިޑް 19: އެންމެން ސާޖިކަލް މާސްކް އަޅާކަށް ނުޖެހޭ!

އަލީ ޔާމިން

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 މިވަނީ ދުނިޔޭގެ ބޮޑު ބަޔަކަށް ފެތުރިފައެވެ. ހުރިހާ ބައްރަކަށް މިބަލި ފެތުރިފައިވާއިރު، މި ބައްޔަށް އެކަށީގެންވާ ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ކޮވިޑް 19އަށް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ހަތަރު މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން ކޮވިޑް 19 ފެނުމާއެކު މިބަލިން ރައްކާތެރިވުމަށްޓަކައި ދިވެހި ރައްޔިތުން އަވަސްވެގަތެވެ. ސެނެޓައިޒާ އާއި ހޭންޑްވޮޝްގެ އިތުރުން ސާޖިކަލް މާސްކް ގަތުމަށް ބޭސް ފިހާރަތައް ފުރާލިއެވެ. ނަތީޖާއަކަށްވީ އެތަކެތީގެ ކަޅު ބާޒާރެއް އުފެދި ތަކެތީގެ އަގު އަތްނުފޯރާ ވަރަށް އުފުލުމެވެ. ނަމަވެސް މައްސަލައެއް ނެތެވެ. އަގަށް ވުރެ ރައްޔިތުންނަށް މުހިންމުވީ އެތަކެތި ހުރިތާކުން ގަނެ ބޭނުންކުރުމެވެ.

ދެން އުފެދޭ ސުވާލަކީ މި ދަނޑިވަޅުގައި ބޮޑު އަގުގައި މިތަކެތި ބޭނުންކުރަން ކޮންމެހެން ޖެހޭތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިވަނީ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުކޮށްފަ އެވެ. އަދި "ޕެނިކް" ނުވެ މި ހާލަތުން އަރައިގަތުމަށް ކުރެވެން ހުރި ކަންކަން ވަރަށް ރަނގަޅަށް ވަނީ ބަޔާންކޮށްދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ކޮވިޑް 19ގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުންއައުމާއި، ނޭފަތުން ފެންއައުމާއި، ކެއްސުމާއި، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުމެވެ. މީގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ދިވެހިންގެ ފަރާތުން ފެންނަމުން އަންނަ އެންމެ ހާއްސަ އެއްކަމަކީ ސާޖިކަލް މާސްކް އެޅުމެވެ. ސާޖިކަލް މާސްކުގެ ޑިމާންޑް ބޮޑުވެ ބައެއް ބޭސްފިހާރަތަކުން މިވަނީ މާސްކް ހުސްވެފައެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ސާޖިކަލް މާސްކަކީ އާއްމު ފަރާތްތަކުގެ ތެރެއިން ކޮވިޑް 19ގެ އަލާމާތެއް ނުވަތަ އެނޫންވެސް ބައްޔެެއް ޖެހިފައި ނުވާ މީހުން އަޅަން ޖެހޭ އެއްޗެއް ނޫންކަމެވެ. އެޗްޕީއޭން ބުނެފައިވާ ގޮތުގައި ސާޖިކަލް މާސްކް އަޅަން ޖެހޭނީ ރޯގާ ޖެހި ކެއްސައި ނޭވާކުރުވެ، ނޭވާލާން އުނދަގޫވާ ފަރާތްތަކާއި، ކޮވިޑް 19ގެ އަލާމާތްތައް ހުރި ފަރާތްތަކާއި ގާތްކޮށް އުޅޭ މީހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް 19ގެ އަލާމާތްތައް ނުވަތަ ކޮވިޑް 19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި މަސައްކަތް ކުރާ މީހުންނެވެ.

ސެނިޓައިޒާވެސް ހަމަ މިފަދައެވެ. އާދައިގެ ސައިބޯނީން އަތް ދޮވުނަސް ޖަރާސީމުން ރައްކާތެރި ވެވޭނެއެވެ. އެހެންކަމުން ބޮޑެތި ހަރަދުތައް ނުކޮށްވެސް ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިދާނެއެވެ. މި ދަނޑިވަޅުގައި ޕެނިކް ނުވެ އާދައިގެ ދިރިއުޅުމެއްގެ ތެރެއިން ފަސޭހަ ގޮތް ގޮތް އިހުތިޔާރުކޮށްގެން އެޅޭނެ ސަލާމަތްތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުން މުހިންމެވެ.