ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގެވެށި އަނިޔާ ރިޕޯޓުކުރުމަށް ޕޯޓަލެއް ތައާރަފުކޮށް އަނިޔާ ލިބޭ މީހުނަށް ހާއްސަ އިމަޖެންސީ ފަންޑެއް ގާއިމް ކުރަނީ

އިބްރާހިމް ޒަކީ

ގެވެށި އަނިޔާ ރިޕޯޓު ކުރުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށް އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިމަޖެންސީ ފަންޑެއް ގާއިމުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "އަންހެނުންގެ ރޫހުގެ ކޮންފަރެންސް" ހުޅުވުމުގެ ގޮތުން ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެކެން ބޭނުންނުވާ ވަަރަށް ގިނަ ކަންކަން މުޖުތަމައުގައި އެބަ ހިނގާ ކަމަށެވެ. އެއިން އެއްކަމަކީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާ، ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ، އަންހެނުންނަށް ކުރާ ގެވެށި އަނިޔާ ހުއްޓުވުމަށް ސިޔާސަތުތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތެމަތިން އަންނަ 2021 ވަނަ އަހަރު ނިމޭ އިރު ގެވެށި އަނިޔާ ރިޕޯޓް ކުރަން ހާއްސަ ހޮޓްލައިނެއް ގާއިމް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2022 އަހަރު ނިމޭ އިރު ގެވެށި އަަނިޔާއާ ގުޅިގެން އެކަހެރި ކުރެވޭ މީހުންނަަށް ހަދާފައިވާ ހާއްސަ ހިޔާތައް އެކުގައި މަސައްކަތްކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނިޔަލަށް ގެވެށި އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިމެޖެންސީ ފަަންޑެއް އެކުލަވާލައި އަނިޔާ ލިބޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

"2021 ވަނަ އަހަރު ނިމޭއިރު ގެވެށި އަނިޔާގެ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް ގާއިމް ކުރެވޭނެ، 2022 އަހަރު ނިމޭއިރު ގެވެށި އަަނިޔާއާ ގުޅިގެން އެކަހެރި ކުރެވޭ މީހުންނަށް ހަދާފައިވާ ހާއްސަ ހިޔާތައް އެކުގައި މަސައްކަތް ކުރަން ފަށާނެ، އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ގެވެށި އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިމެޖެންސީ ފަަންޑެއް އެކުލަވާލައި އަނިޔާ ލިބޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" ރައީސް ވިދާޅުވިއެވެ.