ސިޔާސީ

އެމްޑީޕީގެ އަންހެނުންގެ ކޮންފަރެންސް ފަށައިފި

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ބާއްވާ އަންހެނުންގެ ކޮންފަރެންސް ފަށައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ގިނަ އަންހެން މެންބަރުންނާއި އަދި އެމްޑީޕީގެ އާންމު މެންބަރުންނާއިއެކު މިއަދު ހެނދުނު 9:00 ގައި ވިލިމާލޭގައި ފެށި ކޮންފަރެންސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ބައިވެރިންނާއި މުހާތަބު ކުރައްވާފައެވެ.

އެމްޑީޕީން ވިލިމާލޭ މުހިއްޔުއްދީން ސްކޫލުގެ ކުރިމަތީގައި އޮންނަ ހުސް ބިމުގައި ފެށި މި ކޮންފަރެންސަށް ދީފައިވާ ނަމަކީ "ރަށްވެހި ފެސްޓިވަލް"އެވެ. އެމްޑީޕީން ބުނީ މިފެސްޓިވަލަކީ ޕާޓީގެ ހުރިހާ ގުނަވަންތަކާއި ގުޅިގެން ބާއްވާ ކެމްޕޭން ހަރަކާތެއް ކަމަށާއި އަންހެނުންގެ ކުރިއެރުމާއި، އެ ކަނބަލުންނަށް ދޭން ޖެހޭ ތަމްރީނުތަކާއި ބެހޭ ގޮތުން މި ކޮންފަރެންސްގައި މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ މި ފެސްޓިވަލް ތެރޭގައި ހުންނަ ސްޓޯލްތަކުގެ މައިގަނޑު ފޯކަސް ބަހައްޓާނީ ފަސް ކަމަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ. އެއީ ނޫ އިގްތިސާދު، ޖަޒީރާ ދިރިއުޅުން، އަދުލު އިންސާފު، އޯގާތެރި ސަރުކާރު އަދި ފަހުރުވެރި އާއިލާ ކަމަށް އެ ޕާޓީން ބުނެ އެވެ.