ކޮލަމް

ކެޔޮނިރު ކޮލަމް: ބޭނުމީ "ފުރަތަމަ އިންޑިއާ" ސިޔާސަތެއް ނޫން! "ފުރަތަމަ ދިވެހިރާއްޖެ" ސިޔާސަތު!

މުހައްމަދު ބުޝްރީ

9

ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އިންޑިއާއިން ދީފައިވާ އެތައް މިލިއަން ޑޮލަރުގެ ލޯނެއް، ނަޝީދުގެ ވެރިކަން ވެއްޓި، ޑރ.ވަހީދުގެ ވެރިކަން އައުމުން އިންޑިއާއިން ވަނީ އެ ލޯނުތައް ވަގުތުން ދެއްކުމަށް ރާއްޖެއަށް އަންގައި ބިރުދައްކާފައެވެ. އިންޑިއާއިން އެއިރު ހިތްހަމަ ނުޖެހުނީ ހުޅުލޭ އެއަރޕޯރޓް އިންޑިއާގެ ޖީ.އެމް.އާރް ކުންފުންޏަށް ކުއްޔަށް ދީފައި އޮތް އެއްބަސްވުން ބާތިލް ކުރަން ދިވެހި ސަރުކާރުން މަސައްކަތް ފެށުމުންނެވެ. އެހެންކަމުން އިންޑިއާ އަކީ ދިވެހި ދައުލަތުގެ ބަޖެޓަށް ލުއިކަން ހޯދުމަށް ވެސް ލޯނު ނެގުމަށް އިތުބާރު ހިފޭ ޤައުމެއް ނޫންކަން މިމިސާލުން ވެސް އެނގެއެވެ.

އިންޑިއާ އަކީ ލޯނުގެ ލާރިކޮޅުވެސް އެންމެ ދަތިވީ ވަގުތު ބިރުދައްކާފަ ހޯދި ޤައުމެކެވެ. އަދި އެ ޤައުމަކީ، އެމީހުން ދިވެހި ދައުލަތަށް ހަދިޔާ ކުރީއޭ ކިޔާފަ ފޮނުވާފައި އޮތް ދެ ހެލިކޮޕްޓަރުވެސް ދިވެހި ދައުލަތަށް ނުދީ، އިންޑިއާގެ 60 ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ފާއިތުވި 8 ވަރަކަށް އަހަރުތެރޭ ގޮތް ނޭނގޭ ހަރަކާތްތަކެއް ހިންގުމުން އެ ދެހެލިކޮޕްޓަރު ރާއްޖެއިން ގެންދާށޭ ޔާމިނުގެ ސަރުކާރުން އެންގުމުން އެކަންވެސް ނުކޮށް، 60 ސިފައިންގެ ވިސާ އާ ނުކޮށްދީ އެ ސިފައިން އަނބުރާ ގެންދިއުމަށް އެންގުމުން އެކަންވެސް ނުކޮށް، ރާއްޖޭގެ އިސްތިގްލާލަށް ގޮންޖަހާފައިވާ ޤައުމެކެވެ. ކުރިން ނެގި ލޯނާ މެދުވެސް އެފަދައިން ކަންކުރި ބަޔަކު އަތުން އަނެއްކާ 350 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ދިވެހި ސަރުކާރުގެ ހާރިޖީ ވަޒީރު މިމަހު މެދުތެރޭ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންފައިވުމަކީ ދެކޮޅުނުޖެހޭ ސިޔާސަތެއްކަން ކަށަވަރެވެ.

ބަޖެޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި އިންޑިއާއިން ހިލޭ 350 މިލިއަން ޑޮލަރު ދޭނަމަ މައްސަލައެއް ނެތެވެ. ނަމަވެސް އިންޑިއާއިން ލޯނުނަގައިގެން މީގެ ކުރިން މަތީގައިވާ ފަދަ ތަޖުރިބާ ކުރެވިފައި ވަނިކޮށް އަނެއްކާ 350 މިލިއަން ޑޮލަރު ނުވަތަ 6 ބިލިއަން ރުފިޔާގެ ލޯނެއް ނެގުމަކީ އިންޑިއާގެ ދަރަނީގެ ދަންތުރާގައި ރާއްޖެ ޖެހުމެއް ނޫން ބާވައެވެ؟ މިހާރު އިވޭ އަޑަކީ އެއްކަލަ ދެހެލިކޮޕްޓަރު ވެސް ނުގެންގޮސް، އަނެއްކާވެސް އިތުރު ޑޯނިއަރ މަތިންދާ ބޯޓެއް އިންޑިއާއިން ރާއްޖެއަށް ދޭން އުޅޭ ވާހަކައެވެ. މިފަދަ ބޯޓަކާ އެކު އަނެއްކާވެސް ރާއްޖޭގައި ގާއިމްވެ ތިބޭން އިންޑިއާގެ އިތުރު ސިފައިން އައުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހަމަ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެންމެ ފައިދާ ހުރި ގޮތްތޯއެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ ކެތްތެރި، ލީޑަރޝިޕް ހުރި ބޭފުޅެއް ކަމަށް މިވީ މަދު ދުވަސްކޮޅު ތެރޭ ލަފާ ކުރެވެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ހާރިޖީ ސިޔާސަތުން މިހާތަނަށް ފެނުނު ކަންކަމުން ދޭހަވަނީ މާ ބޮޑަށް އިންޑިއާ ކޮޅަށް ބުރަވެފައިވާ ކަމެވެ. ރައީސް ސޯލިހް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ހަމައެކަނި ބޭރު ޤައުމެއްގެ ލީޑަރަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯޑީ އެވެ. މޯޑީއާ އެކު އެދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިސަރު އަޖިތު ދޯވާލްވެސް ރާއްޖެ ވަޑައިގަތެވެ. ރާއްޖޭގެ އާ ހާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާ އަށެވެ. އަދި ޑިސެމްބަރ 17 ގައި ރައީސް ސޯލިހްގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން މިހާރުވެސް ބުނަން ފަށައިފިއެވެ. ބަޖެޓަށް ލުއިކަން ހޯދަން ރާއްޖެއިން ފުރަތަމަވެސް އެހީ އަށް މިއެދުނީ އިންޑިއާގެ ކިބައިންނެވެ. މިިހުރިހާ ކަމަކަށް ބަލާއިރު ރައީސް ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހުންގާނުގައި ހުންނެވީ ރައީސް ސޯލިހް ތޯ ނުވަތަ ރައީސް ނަޝިދުތޯ ވެސް ސުވާލު އުފެދެއެވެ. ނަޝީދަކީ އަބަދުވެސް އިންޑިއާ ކޮޅަށް ބުރަވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ބޮޑުވަޒީރު މޯޑީ ރައީސް ނަޝިދާ ކުރެއްވި ސަލާމުންވެސް މިކަން ދޭހަވެއެވެ.

ސުވާލަކީ އިންޑިއާ ކޮޅަށް ބުރަވެގެންގޮސް އިންޑިއާގެ ދަރަނީގެ ދަންތުރާގައި ރާއްޖެ ޖެހި، އިންޑިއާ ހެލިކޮޕްޓަރާއި އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ފަށާއިރުވެސް ކޯލިޝަންގެ އެހެން ލީޑަރުންނާއި ކޯލިޝަންގެ އެހެން މެމްބަރުން ހަމަ ޗުއްޕުވެސް ވިދާޅުނުވެ ތިއްބަވާނީ ތޯއެވެ؟ ފަހަރުގައި އަޅުގަނޑުމެން ކަހަލަ އާއްމު ރައްޔިތުންނަށް ނޭނގޭ އެއްޗެއް އެބޭފުޅުންނަށް އެގިވަޑައިގެންފާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ މައުލޫމާތެއްގެ މައްޗަށް ބުރަވެތިބެ އަޅުގަނޑުމެން އަޑު އުފުލާނަމެވެ. މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް އޮތުމަށް އެދުމަކީ ކުށެއްކަމުގައި ވާނަމަ އަޅުގަނޑަކީ ނުހަނުބޮޑު ކުށްވެރިއެކެވެ. އެކަމުގައި އަޅުގަނޑަށްވުރެ ބޮޑުކުށްވެރިއަކު ނުހުނާނެކަން ކަށަވަރެވެ.

އަޅުގަނޑާ ރައީސް ނަޝީދާ ދެމެދު ޒާތީ އެއްވެސް ކަމެއް ނެތެވެ. އަދި އިންޑިއާއާ މެދުވެސް އަޅުގަނޑުގެ ޒާތީ އެއްވެސް ކަމެއް ނެތެވެ. ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެދެކެ ލޯބިވާ މީހުން ވިސްނާނީ ރާއްޖޭގެ މަސްލަހަތަށެވެ. މާޒީގެ ތަޖުރިބާއަށް ބަލާއިރު އިންޑިއާ އަކީ ރާއްޖެއަށް އެންމެ ހެޔޮއެދޭ ޤައުމެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. ލޯނެއް ދިނަސް، މާއްދީ އެހެން އެހީއެއް ދިނަސް އިންޑިއާއިން އިސްކޮށްފައިވަނީ އެމީހުންގެ އަމިއްލަ މަސްލަހަތެވެ. ކުޑަ މިންވަރަކަށް ނޫނެވެ. ދަރަނީގެ ދަންތުރައޭ ކިޔައިގެން ނަންދިނަސް، ޗައިނާއިން އަޅާފައި އެވާ ފަދަ ބްރިޖެއް އިންޑިއާއިން ރާއްޖޭގައި ނާޅާނެކަމީ ދުވާލުގެ އިރު ފެންނަ ފަދައިން ފެންނަ ހަޤީގަތެކެވެ. އައްޑޫސިޓީގައި އިންޑިއާއިން އަޅާ ޕޮލިސް ޓްރެއިނިންގ ސެނަޓަރުގެ މަސައްކަތްވެސް ފިނިހަކަ ދުވެލީގައި، އަތްގާޑިޔަަލަކަށް ދެތިންގާ ލައިގެން ކޮއްޓާލަ ކޮއްޓާލާ ތިބޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އެވަރު ބަޔަކަށް މާލެއާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުންފަދަ ކަމެއް ކޮށްދެވިދާނެ ބާއެވެ؟ އަޅުގަނޑަކަށް އެފަދަ ކަމެއް ތަސައްވުރެއް ނުކުރެވެއެވެ. އެމީހުންނަށް ނޭނގިގެއްނެއް ނޫނެވެ. އިންޑިއާއިން ރާއްޖެއަށް އެފަދަ ކަމެއް ކޮށެއް ނުދޭނެއެވެ.

އިނޑިއާއާ ގުޅުން "ވަރުގަދަ" ވުމުގެ ނަތީޖާ އަކަށް ވާނީ އިންޑިއާއިން ވެސް ރާއްޖެއަށް މާބޮޑު ކަމެއް ކޮށް ނުދީ، ޗައިނާ އާއި ޕާކިސްތާން ފަދަ ޤައުމަކުން ވެސް ކަމެއް ވިޔަ ނުދީ، ރާއްޖޭގެ ތަރައްގީގެ ދުވެލި ލަސް ވުމެވެ. އިންޑިއާއާ ސިޔާސީ ރަނގަޅު ގުޅުން އޮންނަން ޖެހެއެވެ. ނަމަވެސް ތަރައްގީގެ ބައިވެރިންގެ ގޮތުގައި ރާއްޖެއިން ހޯދަންވީ އިހްލާސްތެރި، ރަހްމަތްތެރި ޤައުމުތަކެވެ. ހުރިހާ ކަމެއްގައި އަމިއްލަ އެދުން އިސްކުރާ "އަވަށްޓެރީންނެއް" ނޫނެވެ.