ބޮލީވުޑް

ރިލީސްކުރުމުގެ ކުރިން ބާގީ ތިނެއް ލީކު ކޮށްލައިފި

އިންޑިއާގައި ފިލްމުތައް ރިލީސްކުރުމާއެކު ލީކުކޮށްލުން އާންމުވެފައިވާ ދަނޑިވަޅެއްގައި ފިލްމު ބާގީ ތިނެކަށް ދިމާވީ އެއަށްވުރެ ވެސް ދެރަގޮތެކެވެ. ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފްރެންޗައިޒް ފިލްމު ބާގީ ތިނެއް މިއަދު ރިލީސްކުރަން ހަމަޖެހިފައި އޮއްވާ އިންޓަނެޓުގައި މިވަނީ ލީކު ކޮށްލައިފިއެވެ.

ފަހަކަށް އައިސް ރިލީސްކުރާ ގިނަ ފިލްމުތައް ލީކު ކުރަމުންދަނީ ޓެމިލް ރޮކާސް ކިޔާ ވެބްސައިޓަކުންނެވެ. އެގޮތުންމިފަހުން ރިލީސްކުރި ފިލްމުތަކުގެ ތެރޭގައި ތާޕްސީ ޕަންނުގެ "ތައްޕަޑް"، ވިކީ ކުޝާލްގެ "ބޫތް ޕާޓް ވަން: ދަ ހޯންޓަޑް ޝިޕް" އަދި އަޔުޝް ކުރާނާގެ "ޝުބް މަންގަލް ޒިޔާދާ ސާވްދާން" ވަނީ ލީކު ކޮށްލައިފައެވެ.

ޝްރައްދާ ކަޕޫރާއި ރިތޭޝް ދޭޝްމުކް އަދި ޖެކީ ޝްރޮފް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ ބާގީ ތިނަކީ 70 ކުރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އާއި ޓީޒާތަކަށް ލިބުނު ބޮޑު ތަރުހީބާއެކު ގިނަ ބަޔަކު ފިލްމަށް އިންތިޒާރު ކުރަމުން ދިޔައީތީ ބޮކްސް އޮފީހުގައި މި ފިލްމު ވިދާލާނެ ކަމަށް ކުރިން ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ފިލްމު ލީކު ކޮށްލުމުން ފިލްމުގެ އާމްދަނީއަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.