ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަންގެ ފައިނަލް ރިޕޯޓް މި މަސް ތެރޭގައި ލިބުމާއެކު އަޅަންޖެހޭ ފިޔަަވަޅު އަޅާނަން: ރައީސް

ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަންގެ ފައިނަލް ރިޕޯޓް މި މަސް ތެރޭގައި ލިބިވަޑައިގަތުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި އެމްޑީޕީގެ "ރަށްވެހި ފަތިސް" ރ. އަތޮޅު ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަންގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މީގެ ހަފްތާއެއް ކުރިން ކޮމިޝަންގެ ފުރަތަމަ ޑުރާފްޓް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި އަޅުގަނޑު މިބަލަނީ އޭގެ ފައިނަލް ޑުރާފްޓް ކޮމިޝަނުން ތައްޔާރު ކުރުމާއެކު އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ތިބޭފުޅުންނަށް ހާމަކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ހާމަކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިދިޔަ މަހުގެ ތިން ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް އެމަނިކުފާނު ވަނީ، އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވެރިކަމަށް އައިއިރު ގައުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތްކަން ފާހަގަކުރައްވާ މިއަދުގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ވެރިކަމަށް އައިއިރު ޝަރުއީ ދާއިރާ އޮތީ ބަދަލުކުރަން ޖެހިފައި ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަން އޮތް މިންވަރު ފެނި ހާމަވާން އޮތްއިރު ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ތައުލީމުގެ ކަންކަން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް ވެރިކަމަށް އައިސް ޝަރުއީ ދާއިރާއަށް އެދެވޭ ބަދަލުތަކެއް ގެންނަމުން އަންނައިރު އޭގެ ނަތީޖާ ވެސް މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ތައުލީމީ ދާއިރާއަށް މިއިން ދުވަހަ ނުގެނެވޭ ވަރުގެ ތަރައްގީއެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.