ޚަބަރު

މިފްކޯގެ "ފަސްމީރު މިވަރެއް ނެތް" ޕްރޮމޯޝަން އަތޮޅުތަކުގައި ފަށައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

ރޯދަ މަހަށް ހާއްސަ ކޮށްގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުރިއަށް ގެންދާ “ފަސްމީރު މިވަރެއްނެތް" ރޯދަ ޕްރޮމޯޝަންގެ ހަރަކާތްތަައް ރާއްޖޭގެ އެކި ރަށްރަށުގައި ފަށައިފިއެވެ.

މިފްކޯ އިން ބުނީ، ހާއްސަ އަގުގައި ރާއްޖޭގެ އެކި ރަށްރަށަށް މަސް ކޭސް ފޯރުކޮށްދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ރަށްތަކަށް މިފްކޯގެ ދޯނިތައް ދަތުރުކުރަމުންދާ ކަމަށެވެ. މިގޮތުން މިވަގުތު ގއ. އަތޮޅާއި ފ. އަތޮޅުގެ އެކި ރަށްރަށަށް މިފްކޯގެ "މެންދޫ 5" އަދި "ލޯބޮޑު" ނަމަކަށް ކިޔާ ދޯނި ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްރަަށަށް މިފްކޯ އިންކުރާ މިދަތުރުތަކުގެ ޝެޑިއުލްގެ ތަފްސީލް މިފްކޯގެ ފޭސްބުކް ޕޭޖާއި ޓުވިޓާއަށް އަޕްލޯޑް ކުރަމުންދާނެ ކަމަށް ވެސް މިފްކޯ އިން ބުނެއެވެ.

މިފްކޯ އިން އިތުރަށް ބުނީ މި ދަތުރުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ނުކުރެވުނު ނަމަވެސް އުއްމީދަކީ ދަތުރުކުރެވެން ހުރި ގިނަ ރަށްރަށުގައި މި ހަރަކާތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކުންފުނީގެ އައިސްޕްލާންޓްތަކުން ވެސް ޕްރޮމޯޝަންގެ އަގުގައި މަސް ކޭސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އަންނަ މޭ މަހުގެ ނިޔަލަށް މިފްކޯ އިން ކުރިއަށް ގެންދާ ރޮމޯޝަންގެ ދަށުން މީގެ ކުރިން 680 ރުފިޔާއަށް ވިއްކަމުން ދިޔަ ތެޔޮ މަސް ކޭހެއް މިހާރު ވިއްކާނީ 640 ރުފިޔާ އަށެވެ. އަދި ކުރިން 645 ރުފިޔާއަށް ލިބޭ ފެން މަސް ކޭހެއް ޕްރޮމޯޝަންގެ ތެރެއިން 595 ރުފިޔާއަށް ލިބޭނެއެވެ.