ޚަބަރު

ރާއްޖޭގެ މައްސަލަ ތަކުގެ އެންމެ ބޮޑު އަސާސަކީ ދެވައް ދޮންކޭލާއި ކިރުތަށި ނުދެވުން: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ރާއްޖޭގެ މައްސަލަ ތަކުގެ އެންމެ ބޮޑު އަސާސަކީ ހެނދުނު ނާސްތާގެ ގޮތުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ ދެވައް ދޮންކޭލާއި ކިރުތަށި ދޭންވާ ގަޑީގައި ނުދެވުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި މިއަދު ހެނދުނު ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ލިބިދޭ ބާރުތަކާއި ބަޖެޓާ ބެހޭގޮތުން މައުލޫމާތު ދެއްވައި އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ، ސްކޫލް ދަރިވަރުންނަށް ސަރުކާރުން ދޭ ހެނދުނުގެ ނާސްތާއަކީ އެކުދިންގެ ބަރުދަން ކައްސާލިޔަ ނުދޭން ކުރާ ކަމެއް ކަމަށެވެ.

މީގެ ކުރިން ހެނދުނު ނާސްތާ ނުލިބުނު ކުދިން، ނުރައްކާތެރި ކުށްތަކަށް ހުށަހެޅިފައިވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެކުދިން ހުސްބަނޑާ ސްކޫލަށް ދިއުމުގެ ސަބަބުން ފިޅާވަޅު ނެހެދި ސްކޫލުން ފެއިލްވެ މާލޭގެ މަގުތަކުގައި ވަޅި ހިފައިގެން ޑްރަގް ވިއްކަމުން ދުވާ ކަމަށެވެ.

އެއަށްފަހު އެކުއްޖާ ޑްރަގް ޑީލަރަކަށްވެ އޭގެ ފަހުގައި އައިސިސްއަށް ވަންނަނީ ކަމަށް ވެސް ވިދާޅުވިއެވެ.

"ފިޔޮރީ ހެލްތު ސެންޓަރުގައި ހުންނާނެ ޗާޓެއް ތަންކޮޅެއް ކުރީގައި، ބަރުދަން ޖަހައިފަ، އެ ޗާޓް ބަަލއިފައި ތިބޭފުޅުންގޮސް ބައްލަވާ 1994، 1995، އަދި 1996، އެ އަހަރުތަކުގައި ބަރުދަން ކައްސާލާފަ ތިބި ކުދިން މިހާރު ތިބޭނީ މާލޭ މަގުމަތީގައި ވަޅި ހިފައިގެން ޑްރަގް ވިއްކަން، އެންމެ ފުރަތަމަ ހެނދުނު ސައި ނުލިބި މަދަރުސާއަށް އަންނަނީ، ދެން ބޮލުގައި ރިއްސާތީ ފިލާވަޅު ނެހެދި ފެއިލްވަނީ، ދެން އޭނާ ސްކޫލުން ކެނޑި މަގުމައްޗަށް ވީއްލެނީ، ދެން އޭނަ ވަނީ ޑްރަގް ޑީލަރަކަށް ދެން އޭނަ ވަނީ އައިސިސްއަށް،" ރައީސް ނަޝިުދ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ގޯސް ނަހަދާނެ ކަމަށާއި، މިހާރުވެސް ފިޔޯރީގެ 141 ކުދިންނަށް ކޮންމެ ދުވަހަކު ސަރުކާރުން ހެނދުނުގެ ނާސްތާ ދޭ ކަމަށެވެ.