ބަތަލާ ކަންގްނާ ރާނޮތުއަކީ އޭނާ ކުޅޭ ކޮންމެ ފިލްމެއްގައިވެސް ކުޅޭ ކެރެކްޓަރަށް ވަރަށް ބޮޑަށް އިސްކަންދީ ތައްޔާރުވާ ތަރިއެކެވެ.
ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރުގެ ހަނދާނުގައި ނެރޭ ބައޯޕިކްގައި ކަންގްނާގެ ފުރަތަމަ ލުކް ދައްކާލުމާއެކު ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. އެ ރޯލު ކުޅުމަށް ކަންގްނާ ވަނީ ވަރަށް ބޮޑަށް ފަލަވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަރުދަން އިތުރުކުރުމަށް ކަންގްނާ ހޯމޯނަލް ޕިލްސްވެސް ވަނީ ބޭނުން ކޮށްފައެވެ.
މިފަހަރު މިއޮތީ އޭގެ އިދިކޮޅެވެ. ޖަޔާލަލީތާގެ ބައޯޕިކް "ތަލައިވީ"ގެ ޝޫޓިން ނިމުމާއެކު އޭނާގެ ދެން އޮތް ފިލްމުގެ ތައްޔާރީތައް މިވަނީ ފަށާފައެވެ. މި ފިލްމަށް އޭނާ ޖެހެނީ ބަރުދަން ލުއި ކުރާށެވެ. އެގޮތުން ދެމަސްތެރޭ 20 ކިލޯ އޭނާ ލުއިކުރަން ޖެހޭކަމަށް ވެއެވެ.
ކަންގްނާއަކީ މީސް މީޑިއާގައި މާ އެކްޓިވް ތަރިއެއް ނޫނެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓްވެސް ބަލަހައްޓަނީ އޭނާގެ ޓީމުންނެވެ. އެ ޓީމުގެ ފަރާތުން ވަނީ ކަންގްނާ އޭނާގެ ޓްރެއިނާއާއެކު ބަރުދަނާ ބެހޭގޮތުން ދައްކާ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ވީޑިއޯގައި ފެނިގެންދަނީ ކަންގްނާ ބަރުދަން ޗެކު ކުރާ ތަނެވެ. ކިރާލާއިރު ބަރުދަނުގައި 70.3ކިލޯ ހުއްޓެވެ. އަދި ދެމަސްތެރޭ 20 ކިލޯ ލުއިކުރަން ޖެހޭ ކަމަށް ބުނެއެވެ. ކަންގްނާގެ ޓްރެއިނާ އޭނާއަށް ހިތްވަރު ދެމުން އެކަން ވާނެ ވާހަކަ ބުނެއެވެ.
ދާކަޑްގެ ޓީޒާ މީސްމީޑިއާގައި ރިލީސްކޮށްފައިވާއިރު މި ފިލްމުގައި ގިނަ ސްޓަންޓްސް ތަކެއް ވެސް ހިމެނެއެވެ. އެ ޓީޒާ ފެނިފައި ގިނަ ބަޔަކު ވަނީ ހޮލީވުޑް ފިލްމު ޓޮމްރައިޑާއާ ވައްތަރު ކަމަށް ވެސް ބުނެފައެވެ.
އެކްޝަން ޑްރާމާ އެފިލްމު ރިލީސްކުރަނީ މިއަހަރު އިންޑިއާގެ ދިވާލީއަށެވެ.