ބޮލީވުޑް

އިސްތިހާރު ކުޅުމަށް ސަލްމާން ދުވާލަކަށް ހަތް ކްރޯޑް ރުޕީސް ނަގާ؟

ސުޕާސްޓާ ސަލްމާން ޚާން އަކީ ބޮޑު ތަރުހީބެއް ލިބޭ ގިނަ ފޭނުން ފޮލޯކުރާ ތަރިޔެކެވެ. ސަލްމާން ފިލްމުތަކާއި އިސްތިހާރުތައް ކުޅުމަށް ބޮޑު އަގެއް ނަގާ ވާހަކައަކީ މީޑިއާގައި އާންމު ވާހަކަ އެކެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސްމާޓްފޯނު އިސްތިހާރެއް ކުޅުމަށް ސަލްމާން ދުވާލަކަށް ހަތް ކްރޯޑް ރުޕީސް ޗާޖްކޮށްފައި ވެއެވެ. އެ އިސްތިހާރު އެކީ ކުޅެ އޭގެ މާކެޓިން ސްޓްރެޓެޖީއާއެކު ނިންމާލާފައިވަނީ ފަސް ދުވަހުންނެވެ. އެހެންކަމުން އެވޭތުވެދިޔަ ކޮންމެ ދުވަހަކަށް ސަލްމާނަށް ހަތް ކްރޯޑް ރުޕީސް ދުވާލެއްގެ މައްޗަށް ދޭނެ ކަމަށް ވެއެވެ.

ރިއަލްމީ ކިޔާ އެ ސްމާޓްފޯނު ރިލީސްކުރަން ހަމަޖައްސާފައިވަނީ މިއަދުއެވެ. ސަލްމާން ވަނީ އޭނާގެ އިންސްޓަގްރާމުގައި ވެސް ފޯނު ޕްރޮމޯޓް ކޮށްފައެވެ.

އެންމެ އަވަހަށް ސަލްމާންގެ ރިލީސްކުރާނެ ފިލްމަކީ "ރާދޭ: ޔުއާ މޯސްޓް ވޯންޓަޑް ބާއި" އެވެ. އެ ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ ކުޑަ އީދުގައެވެ. އެ ފިލްމުގައި ސަލްމާން ކުޅެނީ ފުލުހެއްގެ ރޯލެކެވެ. ބަތަލާއަކަށް ފެނިގެންދާނީ ދިޝާ ޕަޓަނީ އެވެ.

ސަލްމާން ބުނިގޮތުގައި ފިލްމުން އެކްޝަން އަދި ޑްރާމާ ފެނިގެންދާނެއެވެ. ޕްރަބޫދޭވާ ޑައިރެކްޓްކުރާ މި ފިލްމު ރިލީސްކުރަނީ ސުޕަސްޓާ އަކްޝޭ ކުމާރުގެ "ލަކްސްމީ ބޮމް"އާ އެއް ދުވަހެއްގައެވެ.

ހަމައެކާއެކު ސަލްމާންގެ ޅިޔަނު ބަތަލު އަޔުޝް ޝަރްމާ އާއެކު "ކަބީ އީދު ކަބީ ދިވާލީ" އިން ވެސް އަންނަ އަހަރު ސަލްމާން ފެނިގެންދާނެއެވެ.