Close
މިނިސްޓަރު ފައްޔާޒް އިސްމާއިލް

މިނިމަމްވޭޖް ކަނޑައެޅުމުން ދައުލަތުގެ ހަރަދަށް 3.8 ބިލިއަން ރުފިޔާ އިތުރުވާނެ: ފައްޔާޒް

އަހުމަދު އައުފް އަބްދުލް ސަމަދު

މިނިމަމްވޭޖް ކަނޑައެޅުމުން ދައުލަތުގެ ބަޖެޓަށް 3.8 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އިގުތިސާދަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ ދިރާސާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންދާޒާ އަކީ 3.8 ބިލިއަން ރުފިޔާ މިކަމާއި ގުޅިގެން ހިޓުވާނެކަމަށް. އެދެން ވަރަށް ބޮޑު އަދަދެއް. ދެން އަޅުގަނޑުމެން ޖެހޭނީ ކޮންމެވެސް ގޮތަކުން އެފައިސާ ހޯދަނަ." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ކޫޑަ އުޖޫރަ ކަނޑައެޅުމަކީ އޭގެ ސަބަބުން އިގްތިސާދަށް ރަނގަޅު އަސަރާއި ނޭދެވޭ އަސަރުވެސް ކުރާނެ ކަމެއް ކަމަށެވެ. އިގްތިސާދަށް ގެއްލުންވާނީ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ނުރަނގަޅު އަދަދެއް ކަނޑައެޅިއްޖެ ހާލަތެއްގައި ކަމަށާއި އެހެންކަމުން ދެ ފަރާތަށް ވެސް ރަނގަޅު އަދަދެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުން ވިޔަފާރި ހިންގާ ފަރާތްތަކުގެ ހަރަދުކުޑަކުރަން ޖެހި މުވައްޒަފުންނަށް ދަތިތަކާއި ކުރިމަތިވެދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މިނިމަމްވޭޖް ކަނޑައެޅުމުން، މިހާރު އުފެދިފައިވާ ބައެއް ވަޒީފާތައް މަދު ވެސް ވެދާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ގާނޫނު އޮންނަ ގޮތުން އަޅުގަނޑަށް ފުރަތަމަ ދުވަހުވެސް މަގާމާއި ހަވާލުވެފައި މިނިމަމް ވޭޖް ކަނޑައެޅިދާނެ އެހެން ނަމަވެސް މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށް ބަދަލުތަކެއް އަންނާނެ ކަމެއް ގާނޫނުގައި އެހެން އޮތަސް އަޅުގަނޑު އަމިއްލައަކަށް ނިންމާލެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ނުދެވި ލަސްވިނަމަވެސް މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެންފައިވަނީ މިއީ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ ކަމަކަށް ވާތީ ރައްޔިތުންގެ މަންދޫބުންގެ ލަފާ މިކަމަށް ބޭނުންވާތީ ކަމަށެވެ.

"މަޖިލީހުގެ ވެސް އެކަމުގެ ލަސްކަމެއް ނެތް. މީގައި އޮތީ ކަމުގެ މުހިންމު ކަމާއި އާންމު ރައްޔިތުން އެކަމަށް ބޭނުންވެފައި ތިބި ވަރުން ގޮސް ވާ ލަހެއް މިވަނީ. އެހެންނަމަވެސް ހަގީގަތަށް ބަލާއިރު ދިރާސާތަކެއް ވެސް ކުރަން އެބަޖެހޭ މިކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.