ކޮލަމް

އިސްލާމްދީނުގެ ސިޔާސީ ނިޒާމު

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ : އަބްދުﷲފާރޫގުޙަސަން

އިސްލާމްދީނުގެ ނަބިއްޔާ އިންސާނިއްޔަތަށްޓަކައި ރަހްމަތުގެ ނިޒާމަކާއިގެން ވަޑައިގެންނެވުމުގެ ކުރީންވެސް ފަލަކުގެ ލޯތައްވަނީ މިބިންމަތީގައި ގާއިމު ކުރެވުނު ވެރިކަމުގެ ތަފާތު ނިޒާމުތައް ދެކެފައެވެ. ރަސްކަމެވެ. އިމެއްނެތް ޝާހީ އިޚުތިޔާރު ތަކާއެކުގައެވެ. އެއްވެސް ޖަވާބުދާރީވުމެއްނެތް ވެރީންގެ މިނިވަންވެރިކަމެވެ. އަޝްރާފިއްޔާގެ ނިޒާމެވެ. މަދުބައެއްގެ އަތްމަތީގައި ހުރިހައި ބާރުތަކެއް އޮންނަވެރިކަމެވެ. ގްރީކުގައިވަނީ ޖުމްހޫރިއްޔަތެއްވެސް ގާއިމުވެފައެވެ. ސިޔާސީ ބާރުވެރިކަން އާއްމުންގެ އަތުގައި އޮންނަ ނިޒާމެވެ.

ޝައްކެއްތެވެ. ވެރިކަމުގެ ކޮންމެ ނިޒާމެއްގައިވެސް ކޮންމެވެސް ވަރެއްގެ ރަނގަޅު ކަންތައްތަކެއް ވެސްވަނީ އެކުލެވިފައެވެ. ރަސްކަމާއި ޑިކްޓޭޓަރޝިޕް ގައި ވަރަށް ގިނަފަރަހަރަށް ދެމިއޮތުން ބޮޑުވެއެވެ. ޖުމްހޫރިއްޔަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެއެވެ. އިސްލާމްދީނުގެ ސިޔާސީ ނިޒާމުގައިވަނީ އިންސާނުން ތަޖުރިބާކޮށްފައިވާ ވެރިކަމުގެ ހުރިހައި ނިޒާމުތަކެއްގައި ހިމެނޭ ހުރިހައި ރަނގަޅު ސިފަތަކެއް އެއްކޮށްލެވިފައެވެ. އިސްލާމީ ނިޒާމުގައި އަމީރަށް ނުވަތަ ޚަލީފާއަށް އަހައިކިޔަމަންވުން ވާޖިބުވެއެވެ. ރަސްކަމުގެ ނިޒާމުގައި ރަސްގެފާނަށް ބޯލަނބައިކިޔަމަންވާ ފަދައިންނެވެ. ޝައްކެއް ނެތެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތަކާ ފުށުއަރާ އެއްވެސް ކަމެއްގައި ކިޔަމަންވުމެއް ނެތެވެ.

އިސްލާމްދީނުގެ ސިޔާސީ ނިޒާމުގައި ވަނީ ޖުމްހޫރިއްޔަތުގައި ހިމެނޭ ހުރިހައި ރަނގަޅު ކަންކަން ވެސް ހިމަނައިލެވިފައެވެ. އާދެ، އަމީރަކު އިންތިޚާބު ކުރަނީ އާއްމުންގެ މަންދޫބުންނެވެ. ދައުލަތުގެ މުއާމަލާ ތަކުގައި އެންމެންނާ މަޝްވަރާ ކުރެވެއެވެ. ޝައްކެއްނެތެވެ. ސިޔާސަތަކީ އިންސާނީ ހަޔާތުގެ މުހިންމު ދާއިރާއެކެވެ. އިސްލާމްދީނުގެ ސިޔާސީ ނިޒާމުވަނީ އިންސާނިއްޔަތަށް ހެޔޮކަމުގެ އިންގިލާބެއް ގެނެސްފައެވެ.

މިއަދުވެސް ވަރަށް ގިނަ އިސްލާމީ ދައުލަތްތަކުގައި އެތަންތާނގެ ދީނީ ފިކުރުގެ މީހުން ގެންދަނީ ދައުލަތުގެ ސިޔާސީ ނިޒާމު އިސްލާމީ ސިޔާސަތުގެ ގިއުގަނޑަށް ފައްތަން ބާރުއަޅަމުންނެވެ. އިސްލާމްދީނުގެ ސިޔާސީ ނިޒާމަކީވެސް އިސްލާމްދީނުގެ ބައެއްކަމުގައިވާތީއެވެ. އެހެންކަމުން މުސްލިމުންގެ ސިޔާސީ ނިޒާމު ރޭވި ތަރުތީބު ވެފައިވާ ގޮތް ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްކަމެކެވެ. މުސްލިމު އާބާދީއެއްގެ އަޣުލަބިއްޔަތުގެ މައްޗަށް އެކުލެވިގެންވާ ދައުލަތެއްކަމުގައިވިޔަސް އެދައުލަތަކުން އިސްލާމީ ނިޒާމު ތަންފީޒު ނުކުރާނަމަ އެދައުލަތަކީ ޙަޤީޤީ މާނައިގައި އިސްލާމީ ދައުލަތަކަށެއް ނުވާނެއެވެ. އަދިކީއްތޯއެވެ. އެދައުލަތެއްގެ ފުރަދާނައިންނާއި ކަމުވޮށީން އިސްލާމްދީނަށް އަމަލު ނުކުރުމުގެ ކުށުން ކުށްވެރިވެސް ވާނެއެވެ.

ދީނަށް އަމަލުކުރުމަކީ ހަމައެކަނި "ކިތަށްވަދެމިސް" ނިތްތަޅައިލުން ކަމުގައި ދެކޭމީހުން މިޒަމާނުގައި ވަރަށް ގިނައެވެ. ހަމައެކަނި އަޅުކަމުގައި މަޝްޣޫލުވުން ކަމުގައި ދެކޭ މީހުން ސުމާރެއް ނެތްހައި ގިނައެވެ. އެބައިމީހުންގެ ނަޒަރުގައި ސަރުކާރު ހިންގުމާއި ސިޔާސަތާ ދީނާ ގުޅުމެއްނެތެވެ. ނަމަވެސް ކީރިތި ޤުރްއާނުގައި ސަރީހު ބަސްފުޅުން އަންގަވައިފައިވާ ގޮތުގައި އިސްލާމީ ގޮތް ފިޔަވައި އެހެން ގޮތެއް ދީނެއްކަމުގައި ބަލައިފިމީހެއްގެ ގޮތަކީ އަރަހުށި މާތްﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާނެ ގޮތެއް ނޫނެވެ. އެފަދަމީހުންނަކީ އާޚިރަތުގައި ގެއްލުން ލިބިގަންނާން ޖެހޭނެ މިހުންނެވެ.

"ދީނެއްގެ ގޮތުގައި އިސްލާމްދީންނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. (އާލުއިމްރާން : 85 )

އިސްލާމްދީނުގެ ވެރިކަން ހިންގުމުގެ ނިޒާމު ދޫކޮށްލައިފައި އެހެން ނިޒާމެއް ޚިޔާރުކުރުމަކީވެސް އިސްލާމީ ގޮތް ފިޔަވައި އެހެން ގޮތެއް ޚިޔާރު ކުރުމެވެ. އެހެންކަމުން ޣައިރު އިސްލާމީ މަންހަޖެއްގައި ތިމާގެވެރިކަން ހިންގާ މީހާ އަކީވެސް މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ވެރިކަން ހިންގާމީހެކެވެ. އެމީހަކުވާނީ ޤިޔާމަތްދުވަހުން އެކަމުގެ ޒިންމާ އުފުލާންޖެހޭނެ މީހަކު ކަމުގައެވެ.

އިސްލާމްދީނުގެ ސިޔާސީ މަންހަޖަކީ ކޮބައިކަން ބަޔާން ކުރެއްވުމަކީ އިސްލާމީ އިލްމުވެރީންގެ ކަމެކެވެ. ނަމަވެސް އިލްމުވެރީން އެ މަންހަޖު ހުށަހަޅުއްވައި އެ މަންހަޖާ އެއްގޮތަށް ވެރިކަން ކުރައްވަން ވެރިކަންކުރައްވާ ފަރާތްތަކުގައި އެދި ވަޑައިގެންނެވުމުން ތުހުމަތު ކުރައްވަނީ ސިޔާސީ އިސްލާމް ހުށަހަޅުއްވަނީކަމުގައެވެ. އެކަމާ ގުޅުވައިގެން އިލްމުވެރީންގެ އަތްޕުޅުގައި ބިޑި އަޅުވައެވެ. އަދަބުދެއެވެ.

މިދެންނެވި ޒާތުގެވެރީން އެއްފަރާތަކުން މާތްﷲއަށް އަޅުކަން ކުރައްވާ މުސްލިމުން ކަމުގައި ދަޢުވާ ކުރައްވާއިރު ވެރިކަން ހިންގެވުމާއި ސިޔާސަތު ރޭއްވެވުމުގައި އެގެންދަވަނީ މާތްﷲގެ ރަސްކަންފުޅަށް ބަޣާވަތް ކުރައްވަމުންނެވެ. ކަންމިހެންހުރުމާއެކު ނަމާދާއި ރޯދައިގެ ހުކުމްތައް ދަސްކުރާ ފަދައިން އިސްލާމްދީނުގެ ސިޔާސީ ނިޒާމާއި އިގްތިސާދީ ނިޒާމު ދަސްކުރުމަކީވެސް ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެކެވެ. އެންމެ ކުޑަމިނުން މުސްލިމުންގެ ތެރޭގައި ތިއްބަވާ ޢިލްމުގެ އަހްލުވެރީންނާއި ހޭލުންތެރިކަމުގެ އަހްލުވެރީންނާއި ފިކުރު ހިންގާ މީހުން ސިޔާސަތާއި އިޤްތިސާދީ އިލްމުގައިވެސް ރޯފިލައި ތިބި ބަޔަކު ކަމުގައި ވެގަތުން ލާޒިމެވެ.