ޚަބަރު

ރާއްޖޭގެ ތިން ރިސޯޓެއްގެ މެޖޯރިޓީ ހިއްސާ 43 މިލިއަން ޑޮލަރަށް ވިއްކާލައިފި

އަލީ ޔާމިން

ތައިލެންޑުގެ މައިނާ އިންޓަނޭޝަނަލުން ރާއްޖޭގައި ހިންގަމުން އައި ތިން ރިސޯޓެއްގެ މެޖޯރިޓީ ހިއްސާ ވިއްކާލައިފި އެވެ.

މިގޮތުން ވިއްކާލާފައި ވަނީ އެއް ފަޅެއްގައި އޮންނަ ކ. ވެލިގަނޑުހުރާގައި ހިންގާ އަނަންތަރާ ވެލި، ދިގުފިނޮޅުގައި ހިންގާ އަނަންތަރާ ދިގު އަދި ކުޑަހުރާގައި ހިންގާ ނަލަދު ޕްރައިވެޓް އައިލެންޑުގެ މެޖޯރިޓީ ހިއްސާ އެވެ.

މައިނާ އިންޓަނޭޝަނަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތިން ރިސޯޓުގެ ހިއްސާ ވިއްކާލާފައިވަނީ 43 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށެވެ. އަދި ރިސޯޓުތަކުގެ މެޖޯރިޓީ ހިއްސާ ވިއްކާލީ ދަރަނިތައް އަދާ ކުރުމަށް ކަމަށާއި، ރިސޯޓުތަކުގެ ހިއްސާ ވިއްކައިގެން 29.8 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ވެސް އެކުންފުންޏަށް ވެފައިވާ ކަމަށެވެ.

ނަމަވެސް އެ ތިން ރިސޯޓުގެ ހިއްސާ ވިއްކާފައިވަނީ ކޮން ކުންފުންޏަކަށް ކަމެއް މައިނާ އިން ހާމަކޮށްފައެއް ނުވެއެވެ.