ޚަބަރު

ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް އެއްވެސް ޖަމިއްޔާއަކަށް ފުރުސަތެއް ނެތް: ނަޝީދު

ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް އެއްވެސް ޖަމިއްޔާއަކަށް ފުރުސަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމްދީނާ ހިލާފު ވޯކްޝޮޕްތަކެއް ހިންގާފައިވަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އެއްވެސް ޖަމިއްޔާއެއް މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ އެހީތެރިކަމާއެކު އިސްލާމް ދީނާ ދެކޮޅު ޖަމިއްޔާތައް ގެންނަކަމަށް ވިދާޅުވެ ހަލީލު ދައްކަވާ ވާހަކަތަކަކީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކަވާ ވާހަކަ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް އިން ހިންގި އެ ވޯކްޝޮޕްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެޖެންޑާ ނުކުރުމުން ހަލީލު މިއަދު ކުރެއްވި ޓުވީޓުގައި އެ ވޯކްޝޮޕްތައް ހިންގަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކަމަށެވެ.

އޭގެ އިތުރުން އިންޑިއާގެ މުސްލިމުންނަށް ދެމުންދާ އަނިޔާއަށް ރާއްޖެއިން ހަނު ހުންނަމުންދާއިރު ދައުލަތުގެ ވެރިންގެ "އެޖެންޑާ 19" ރައްޔިތުންނަށް ސާފުވަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

އިސްލާމް ދީނާ ހިލާފު ކަންކަމަށް ރައީސް ނަޝީދު ހިތްވަރު ދެއްވަމުންދާ ކަމަށް ތުހުމަތުކޮށް ހަލީލުގެ އިތުރުން އިދިކޮޅަށް ނިސްބަތްވާ ގިނަ މެންބަރުން ނަޝީދަށް ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން އުޅޭ މީހުންގެ މައްސަލަތައް ސީރިއަސް ކަމާއެކު އަވަހަށް ބެލުމަށް އެމްޑީޕީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖުތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

އެފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަންއަމާންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.