ބޮލީވުޑް

ސޫރްޔަވަންޝީއަށްފަހު ކެޓްރީނާގެ ފޭނަކަށް ވެވިއްޖެ: އަކްޝޭ

2010 ގައި ރިލީސްކުރި ފިލްމު ތީސް މާރް ޚާން އަށްފަހު ސުޕާ ސްޓާ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާނެ ފިލްމު ސޫރްޔަވަންޝީގެ ޓްރެއިލާ ލޯންޗު ކުރީ މީގެ ދެދުވަސް ކުރިންނެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފުލުހުންގެ ފްރެންޗައިޒް މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި ކުރީ ދެ ފިލްމުގެ ތަރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި ރަންވީރު ސިންގުވެސް ބައިވެރި ވިއެވެ. މި ފިލްމުގައި އެދެތަރިންވެސް ކޮންމެވެސް ވަރަކަށް ފެނިގެންދާނެ ކަމަށް ވެއެވެ.

އެ ހަފުލާގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ އޭނާ މިހާރު ކެޓްރީނާގެ ފޭނަކަށް ވެފައިވާ ކަމަށެވެ.

"އެއް ސީން އޮންނާނެ، ވަރަށް ރީއްޗަށް އެ ސީން ކެޓްރީނާ ކުޅެލާފައިވަނީ. އަހަރެން މިހާރު އޭނަގެ ފޭނަކަށް ވެއްޖައިން. ކުރިން އަހަރެން އެޑްމަޔާ ކުރީ ކެޓްރީނާގެ ރީތި ކަމށް ނަމަވެސް މިހާރު އޭނާގެ އެކްޓިންއަށް ތައުރީފު ކުރެވޭ. ފިލްމީ ދާއިރާއަށް ކެޓްރީނާ ވަންއިރު ހިންދީ ބަހުން ވާހަކަދައްކަން އެއްވެސް ވަރަކަށް ނޭނގެ. ނަމަވެސް މިހާރު އިންޑަސްޓްރީގެ ބޮޑެތި ތަރިންނާއެކު ފިލްމުތައް އެކުޅެލަނީ" ކެޓްރީނާއަށް ތައުރީފު ކުރަމުން އަކްޝޭ ބުންޏެވެ.

މިމަހު 24ގައި ރިލީސްކުރަން ހަމަޖައްސާފައިވާ މި ފިލްމުގައި އަކްޝޭ ފެނިގެންދަނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ ރޯލުންނެވެ.