ޚަބަރު

ދީނާއި ގައުމުގެ ދިފާއުގެ ނަމުގައި ޖަލްސާ ބާއްވައިގެން ބަޣާވާތްކުރަން ނޫޅުމަށް ފޭދޫ މެންބަރު ގާސިމަށް ގޮވާލައިފި

އިބްރާހިމް ޒަކީ

ދީނާއި ގައުމުގެ ދިފާއުގެ ނަމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިިން ފެށުމުގެ ގޮތުން، ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބާއްވާ ޖަލްސާއަކީ ބަޣާވާތެއް ކުރަން އުޅުން ކަމަށް ސިފަކޮށް، މިގައުމުގައި ބަޣާވާތެއް ކުރަން ނޫޅުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިހާދު، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ، ސަރުކާރު ކޯލީޝަން ޕާޓުނަރުން ކަމުގައި ބުނަމުންދާ ޖުމްހޫރީ ޕާޓީން "ދީނާ ގައުމުގެ ދިފާއުގައި" ޖަލްސާއެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކޯލީޝަން ސަރުކާރުގެ ޕާޓްނަރު، ގައުމުގެ ދިފާއުގައި ނިކުންނަ ހާލަތަށް ދިއުމުން ކޯލީޝަން ޕާޓްނަރަކަށް ވާނެތޯ ވެސް ނިހާދު ސުވާލު ކުރެއްވިއެވެ.

ނިހާދު ވިދާޅުވީ، ގާސިމް ސަރުކާރު ކޯލީޝަނުން ނިކުންނެވުމަށްފަހު، ކޯލީޝަނުން ނިކުންނެވީ ބަޣާވާތެއްކުރަން ކަމަށް އަމިއްލައަށް އިއުލާން ކުރެއްވުމަށްފަހު އެ ޖަލްސާ ބޭއްވުމަށް ގޮވާލައްވާ ކަމަށެވެ.

"އަޑުއިވޭ ކޯލީޝަން ޕާޓުނަރުން ކަމުގައި ބުނަމުންދާ ޖުމްހޫރީ ޕާޓީން "ދީނާ ގައުމުގެ ދިފާއުގަ"އޭ ކިޔައިފަ ޖަލްސާއެއް ބާއްވަން އުޅޭކަމުގެ ވާހަކަ، އިއްޒަތްތެރި ރައީސް، ކޯލީޝަން ސަރުކާރުގެ ޕާޓްނަރު ގައުމުގެ ދިފާއުގައި ނިކުންނަ ހާލަތަކަށް ދިޔައިމަ ކޯލީޝަން މީހަކަށް ވާނެތޯ، ނޫން އިއްޒަަތްތެރި ރައީސް އަޅުގަނޑު މި ގޮވާލަނީ ޖުމްހޫރީ ޕާޓީގެ ލީޑަރަށް، މިގައުމުގައި ބަޣާވާތެއް ކުރަން ނޫޅޭށޭ، އެހެންކަމަށް ވާނަމަ ކޯލީޝަނުން ތިމަންނާ ނިކުމެއްޖައީމޭ، ތިމަންނާ މި ނިކުންނަނީ، އަނެއްކާވެސް ބަޣާވާތެއް ކުރަންށޭ ކިޔައިފަ އިއުލާން ކުރުމަށްފަހު މި އެއްވުމަށް ގޮވާލަން،" ނިހާދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެމްޕެއިން ލޯންޗުކުރުން އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް އެޕާޓީން ނިންމައި ރޭ ވަނީ އިއުލާން ކޮށްފައެވެ.

ޖޭޕީން ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވަން ނިންމީ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ކަމަށެވެ.

"ދީނާއި ގައުމުގެ ދިފާއުގައި" ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.