ކުޑަކުދީން

މޫހަބު (ގިފްޓަޑް) ކުދިން ދެނެގަންނާނީ ކިހިނެއް؟

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

9

(ފުރަތަމަ ބައި)

ނޯޓު: އިނގެރޭސި ބަހުގެ "ގިފްޓަޑް" (gifted) މި ލަފުޒުގެ ބަދަލުގައި މި ލިޔުމުގައި ބޭނުންކުރާނޭ ދިވެހި ލަފުޒެއް ހޯދުމަށް ކުރެވުނު މަސައްކަތުން، "ގިފްޓަޑް" މި ލަފުޒުގެ ފުރިހަމަ މާނަ ނެރެވޭ ދިވެހި ލަފުޒެއް އޮތްކަމަށް ނުފެނުމުން، ޢަރަބި ބަހުގެ "މައުހޫބް" (موهوب) މި ލަފުޒު ބޭނުންކުރަން ނިންމީ، ފޭސްބުކުގައި "ބަސްޖަގަހަ" އޮޅީގައި ކުރެވުނު މަޝްވަރާތަކަށް ފަހު، "މައުހޫބް" މި ލަފްޒަކީ ވެސް ދިވެހި ލަފުޒަކަށް ނުވިނަމަވެސް، "ގިފްޓަޑް" މި ލަފުޒަށް ވުރެ ދިވެހި އަޑުތަކާ ގާތް، އަދި ފަސޭހައިން ދިވެހި އަޑުތަކަށް ފައްތައިލެވިދާނޭ ލަފުޒެއްކަމަށް ވާތީ، ޢަރަބި ބަހުގެ "މައުހޫބް" ދިވެހިކޮށްލައިގެން، "މޫހަބު" މި ގޮތަށް، ކިޔާލަން ފަސޭހަ ގޮތަކަށް ލިޔުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ގަބޫލުކުރެވޭތީއެވެ. ކިޔުންތެރީންގެ ފާޑުކިއުމަށް މަރުހަބާއެވެ.

********************

އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ކޮންމެ ކުއްޖަކަށްވެސް ވަށައިޖެހޭ ތަޢުލީމެއް ލިބިދީ، އެ ކުއްޖެއްގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ތަންދޭ އެންމެ ރަނގަޅު ހިސާބަކަށް އެ ކުއްޖަކަށް ދެވޭކަން ކަށަވަރުކޮށްދިނުމަކީ ބެލެނިވެރިންނާއި ޓީޗަރުންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވެސް އޮތް ޒިންމާއެކެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ މާނައަކީ ހުރިހައި ކުދިންނަށް އެއް ކަހަލަ، އެއް ހަމައެއްގެ ފުރުޞަތުތަކެއް ލިބިދިނުމެއް ނޫނެވެ. އޭގެ މާނައަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން ދަނެ، ކިޔެވުމާއި ދަސްކުރުމުގައި ތަފާތުކަން ހުންނަ ކުދީންނަށް ވެސް ފަސޭހައިން ދަސްކުރެވޭ ގޮތަށް އެ ކުދިންގެ ތަޢުލީމުގެ ކަންކަން ފަހިކޮށްދިނުމެވެ.

މި ގޮތުން ބަލާއިރު، ދަސްކުރުމުގައި އެކި ކަހަލަ އުނދަގޫކަން ހުންނަ ކުދިންނާއި މޫހަބު (gifted) ކުދިންނަކީ އެ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ބެލެނިވެރިންނާއި ޓީޗަރުންވެސް ޚާއްޞަ މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކުދިބައެކެވެ. މި މަސައްކަތް ކޮށްދިނުމަކީ އެއީ ތަފާތުކުރުމެއް ނޫނެވެ. ކުދިންނަށް ލިބިދެވޭ ފުރުޞަތަކީ، ކުދިންގެ އުފެދުމުގައި ހުރި ތަފާތުކަމެއްގެ ސަބަބުން، ބޭނުން ނުކުރެވޭ ފަދަ ފުރުޞަތެއް ނަމަ، އެ ފުރުޞަތުގެ ބޭނުމެއް އެ ކުދިންނަކަށް ނުހިފޭނެއެވެ. ވަށައިގެން ހިނގާ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ ކޮންމެވެސް ކުދިބަޔަކަށް އެއްޗެއް ދަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތުތަކަކަށް ވާއިރު، އަނެއްބައި ކުދިންގެ ސަމާލުކަމަކަށް އެ ކަންކަމެއް ނާދެއެވެ. ހުރިހައި ކުދިންނަށް ހުރިހާ ފުރުޞަތުތަކެއް ބޭނުން ނުކުރެވެނީ އެކި ކުދިންނަކީ އުފެދުމުގައި ވެސް ތަފާތު ކުދިބައެއްކަމަށް ވާތީ އެކި ކުދިން ދަސްކުރާ ގޮތް ތަފާތު ވާތީއެވެ.

ދަސްކުރުމުގައި ތަފާތު ކުދިންތަކެއް ތިބޭ ކުލާހެއްގައި އެވަރެޖް ކުދިންނަށް އެކަނި ފުދޭ މިންވަރަށް ކިޔަވައިދިނުމަކީ މި މިންވަރުން ނުފުދޭ ކުދީން ބާކީވެ، ތަޢުލީމުން މަޙުރޫމުވާ ކަމެކެވެ. މިއީ އެކުދީންނާ މެދު ވެވޭ އިހުމާލެކެވެ. ބޭއިންސާފެކެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ހަޤީޤީ މާނައަކީ މި ކުދިން ވެސް ބާކީ ނުކޮށް، ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ގެންދެވެން އޮތް އެންމެ ރަނގަޅު ހިސާބަކަށް ގެންގޮސްދިނުމެވެ. މިކަން ކުރެވޭނީ ވަކިވަކި ކުދީންގެ ބޭނުންތައް ދެނެގަނެ، އެ ކުދިންގެ ބޭނުންތައް ވެސް ފުއްދައިދެވޭ ގޮތަށް ކަންކަން ބައްޓަންކޮށް، ކުދިން ގެންގުޅުމާއި، ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި ބޭނުންކުރާ އާލަތްތަކަށް ވެސް ބަދަލުތަކެއް ގެނެސްގެންނެވެ. އަދި މި ކަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް މުހިންމު ޒިންމާއެކެވެ.

އެހެންކަމުން، މި ލިޔުމުގެ މި ބައިގައި މި ބަލައިލަނީ އާންމު ކުލާސްރޫމެއްގައި ތިބޭ މޫހަބު (gifted) ކުދިންނަށް ކިޔަވައިދިނުމަށްޓަކައި އެންމެ ފުރަތަމަ އެ ކުދިން ދެނެގަތުމުގެ މުހިންމުކަމާއި، ދެނެގަންނާނޭ ގޮތުގެ މައްޗަށެވެ.

މޫހަބު ކުދިން ދެނެގަނެ އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ލިބިދިނުމަކީ ބައެއް ޓީޗަރުންނަށް އެހައި ފަސޭހަ ކަމަކަށް ނުވެއެވެ. މި ކުދިންގެ ޚާއްޞަ ސިފަތައް މަޑުމަޑުން ގޮސް ގެއްލުމުގެ ކުރީން މި ސިފަތައް ދެނެގަނެ، މި ކުދީންނަށް ލިބިދޭން ޖެހޭ އެހީތެރިކަން އަވަހަށް ލިބިދޭން ފެށުމަކީ ނުހަނު މުހިންމު ކަމެކެވެ.

އާންމު ސްކޫލުތަކުގައި ކިޔަވާ މޫހަބު ކުދިންގެ ތެރެއިން ކިޔެވުމުގައި އާދަޔާ ޚިލާފަށް މޮޅު ނަތީޖާ ނެރޭ ކުދިން ވަރަށް ފަސޭހައިން ފާހަގަ ކުރެވެއެވެ. އެހެނަސް، ކުލާހުގައި ދޭ މަސައްކަތް ފުރިހަމަ ނުކުރާ ކުދިންނާއި، އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައި ތިބޭ ކުދިންނާއި، ފޫހިވުމުގެ ސަބަބުން ޓީޗަރުންނާއި އެހެން ކުދިންނަށް އުނދަގޫވާ ކަހަލަ ގޮތްގޮތަށް އުޅޭ ކުދިންގެ މޫހަބުކަމެއް ހުރިކަމުގައި ވިޔަސް އެ ކަމެއް ފާހަގަ ނުކުރެވި، އެ ކުދިން އެހެން އުޅޭ ސަބަބަކީ ކޮންމެވެސް އެހެން ކަމެއް ކަމަށް ނިންމޭ ތަން ވަރަށް ގިނައިން އާދެއެވެ. ކުއްޖަކާ މެދު މި ފަދަ ނިންމުމެއް ނިންމުމަށް ފަހު، އެ ކުއްޖާއާ މެދު ޓީޗަރުންނާއި ކުދިން ވަކި ގޮތަކަށް ދެކި، ވަކި ނަޒަރަކުން ބަލަން ފަށައިފި ނަމަ، އެ ގަބޫލުކުރެވޭ ގަބޫލުކުރެވުމަކާ އެއްގޮތަށް އެ ކުއްޖާއާ މެދު ޢަމަލުކުރެވެން ފަށައެވެ. އަދި ދެން މި ކަމުން އަރައިގަތުމަކީ ކުއްޖާއަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ.

މޫހަބުކަމަކީ (giftedness) ކޮބާ؟

ކުއްޖަކު މޫހަބުވުމުގެ މާނައަކީ އޭނާ ކިޔަވާ ހުރިހައި މާއްދާއަކުން އެންމެ މަތީން ފާސްވުމެއް ނޫނެވެ. އަދި އެ އުމުރުގެ އެހެން ކުދިންނަށް ވުރެ ހުރިހައި ކަމަކަށް މޮޅުވުމެއް ވެސް ނޫނެވެ. މި ދާއިރާގެ މާހިރުން މޫހަބުކަން އެކި ގޮތްގޮތަށް މާނަކޮށްފައި ހުރެއެވެ. އަދި، ހުރިހައި މާހިރުން އެއްބަސްވާ ވަކި މާނައެއް ނެތެވެ. އެހެންނަމަވެސް، މޫހަބުކަން އާންމު ބަހުރުވައަށް ތިލަކުރާ ނަމަ، އެއީ ވަކި ދާއިރާތަކަކުން ނުވަތަ ހުނަރުތަކަކުން އެ އުމުރުގެ އެހެން ކުދީންނަށް ވުރެ ކުޅަދާނަވުން ކަމަށް ބުނެވިދާނެއެވެ.

މޫހަބު ކުދީންގެ ތެރެއިން ގިނަ ކުދިންނަކީ އެ ކުދީންނަށް ލިބިފައިވާ ކުޅަދާނަކަމާއެކު ވަރަށް ގިނަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހޭ ކުދިބައެކެވެ. މީގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ ބައެއް ޙިއްސުތައް އާދަޔާ ޚިލާފަށް ގަދަ ކުދިންނެވެ. މި ގޮތުން އަޑުއިވުމުގެ ޙިއްސު ގަދަ ނަމަ، ގަދަ އަޑުއަޑާއި ތޫލި އަޑުއަޑާއި ބައިބޯވުމުން އެހުންނަ އަޑުފަށްގަނޑުން އުނދަގޫވެ، އެހެން ކަމަކަށް ސަމާލުކަން ދޭން އެ ކުދިންނަށް ދަތިވެއެވެ. އަދި ބައެއް ކުދިންނަކީ އަލިވުމުން ވެސް އުނދަގޫވާ ކުދިންނެވެ. އެކި ކަހަލަ ބޮކި އައްޔާއި ދުވާލުގެ ވަގުތުގައި އިރުގެ ދަޅަ ހުންނަ ގޮތަކުން ވެސް އެ ކުދިންނަށް އުނދަގޫ ވެދާނެއެވެ. އަދި އަނެއްބައި ކުދިންނަކީ އެ ކުދިންގެ މޫހަބުކަން ލިބިފައިވާ ދާއިރާއަށް ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން އެހެން ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ކުދިންނެވެ.

މި ދެންނެވުނު އުނދަގޫތަކުގެ އިތުރުން ވެސް ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކުދިން މީގެ ތެރޭގައި ތިބެއެވެ. އެހެންކަމުން މޫހަބުކަމަކީ ހުރިހައި ކަމަކުން ފަސޭހަ ދިރިއުޅުމެއް ކަށަވަރުވާ ކަމެއް ނޫނެވެ. ކަން މިހެން ހުރި އިރު، މި ކުދީންނަށް ވަށައިޖެހޭ ތަޢުލީމެއް ލިބިދެވޭނީ އެ ކަމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ކޮށްގެންނެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަ ގޮތުގައި މޫހަބުވުމަކީ ކިޔެވުމަށް އާދަޔާ ޚިލާފަށް މޮޅުވުމެވެ. އެހެން ނަމަވެސް، ކިޔެވުމުގައި މާ ބޮޑަށް ފާހަގަ ނުކުރެވޭ ދާއިރާއަކުންވެސް ކުއްޖެއްގެ މޫހަބުކަން ހުރެދާނެއެވެ. އުމުރުން ދެތިން އަހަރުގައި 100 އާ ހަމައަށް ގުނަން ދަންނަ ކުއްޖާއާއި، އެ އުމުރުގައި ފަރިތަކޮށް ކިޔަން ދަންނަ ކުއްޖާއާއި، އަދި ލިޔަންކަން ނޭނގުނެއްކަމަކު، އަމިއްލައަށް ޕިއާނޯއިން ރާގު ހޯދައިގެން ރާގު ކުޅެލާ ކުއްޖާއަކީ ވެސް މޫހަބު ކުއްޖަކަށް ވެދާނޭ ކުއްޖެކެވެ.

އެހެން ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، މޫހަބުކަމަކީ އެއް އުމުރުގެ ކުދީންނަށް ވުރެ އަވަހަށް ކަންކަން ކުރެވުމަށް ވުރެ މާ ފުޅާ ކަމެއްކަމެވެ. މޫހަބު ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ތުއްތު އުމުރުގައި ވެސް އާދަޔާ ޚިލާފަށް ކަންކަމަށް ޝައުޤުވެރިކަން ހުންނަ، އެހައި ގިނައިން ސުވާލުކުރާ، އެހައި އަވަހަށް ކަންކަން ނަގައިގަންނަ، އެހައި ހަނދާން ގަދަ، އެ އުމުރުގެ އެހެން ކުދިންނާ ތަފާތު ގޮތްގޮތަށް ކަންކަމާ މެދު ވިސްނާ ކުދިބައެކެވެ. ކަންކަމާ މެދު ހުންނަ އާދަޔާ ޚިލާފު ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، އަބަދުވެސް ކޮންމެވެސް އެއްޗެއް މަސައްކަތް ކުރާ ގޮތް ބަލަން، ނުވަތަ ކޮންމެވެސް ކަމެއް އެ ގޮތަކަށް ހިނގަނީ ކިހިނެއްވެގެންތޯ ހޯދަން އުޅޭ މި ކުދިންނަކީ ގެންގުޅެން އެހައި ފަސޭހަ ކުދިބަޔަކަށް ވެސް ނުވެހިނގައިދެއެވެ. އާދަޔާ ޚިލާފަށް ހަކަތަވެރި މި ކުދިންނަކީ، ވަރަށް ގިނަ ފަހަރު ފަސޭހައިން އަސަރުކުރާ، ހުރިހައި ކަމެއްވެސް ބަރާބަރަށް ހުންނަން އެދޭ ކުދިބައެކެވެ. އެހެންކަމުން، ފަސޭހައިން ފޫހިވުމާއި މާޔޫސްވުމުގެ ހިރާސް މި ކުދިންނަށް އޮވެއެވެ.

ކުރިން ދެންނެވުނު ފަދަ ސިފަތަކެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ، އެ ކުއްޖާއަކީ މޫހަބު ކުއްޖެއްތޯ ބެލުން މުހިންމު ވާ ސަބަބަކީ ކުއްޖާގެ މޫހަބުކަން ދަމަހައްޓައި ކުރިއެރުވުމަށްޓަކައި ކުއްޖާއަށް ޚާއްޞަ އަޅާލުން ދޭން ޖެހޭތީއެވެ.

މޫހަބުކަން ދެނެގަތުން.

މޫހަބުކަން ދެނެގަންނަން އެންމެ ރަނގަޅީ ތަފާތު ގިނަ ގޮތްގޮތް ބޭނުންކޮށްގެން ދިގު މުއްދަތެއް ވާންދެން ކުއްޖާގެ ކަންކަން ބަލައިގެން އެކަން ކުރުންކަމަށް ވެއެވެ. ކުޑަކުދީންގެ ޖިސްމާނީ، އިޖުތިމާޢީ، އަދި ސިކުނޑީގެ ކަންކަން ތަރައްޤީވަމުން އަންނަނީ ވަރަށް ހަލުވިކޮށެވެ. އެހެންކަމުން، ކުއްޖެއްގެ ކިބައިން ކުރިން އެއްގޮތަކަށް ވެސް ނުފެންނަ ހުނަރެއް ހަމަ ކުއްލިއަކަށް ވެސް ފެނިދެއެވެ. މިހެންވެ، ކުއްޖެއްގެ ކިބައިގައި ހުރި މޫހަބުކަން ރަނގަޅަށް ދެނެގަތުމަށްޓަކައި އެކި ކަހަލަ މާޙައުލުތަކުގައި ކުއްޖާގެ ކަންކަން ހުންނަ ގޮތް ބެލުމާއި، ކުއްޖާގެ ބެލެނިވެރިންގެ ކިބައިން މަޢުލޫމާތު ހޯދުމާއި، ކުއްޖާ ލައްވައި އެކި ކަހަލަ އެއްޗެހި ހެއްދުވުން (މިސާލަކަށް، ކުރެހުން، ލެގޯ މަސައްކަތް، ވާހަކަ ލިޔުން) މިއީ ސްކޫލުތަކުގައި ތިބޭ އެ ކަމަށް ޚާއްޞަ ޓީޗަރުން ކުރާ ބައެއް ކަންކަމެވެ.

މޫހަބު ކުދިންގެ ކިބައިން ފެނިދާނެ ބައެއް ޢަލާމާތްތައް.

ކުލާހުގައި އިންނަ ކުއްޖެއްގެ ކިބައިން އާދަޔާ ޚިލާފަށް މޮޅު، ހުނަރުވެރި ކަންކަން ފެންނަ ނަމަ އެ ކުއްޖެއްގެ ހުރިހައި ކަމަކަށް ސަމާލުކަން ދިނުން މުހިންމެވެ. މި ގޮތުން ކުއްޖާ ދައްކާ ވާހަކަތަކާއި، އޭނާގެ ހަރަކާތްތަކާއި، އުޅުމާއި، ކުލާހުގައި އައު ކަންކަން ދަސްކުރާން ލިބޭ ފުރުސަތުތައް ބޭނުންކުރާ ގޮތަށް ޓީޗަރު ސަމާލުކަން ދޭންވާނެއެވެ. އަންނަނިވި ސިފަތަކަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މޫހަބު ކުދިންގެ ކިބައިން ފެނިދާނޭ ބައެއް ސިފަތަކެވެ.

  • އާދަޔާ ޚިލާފަށް އަވަހަށް ކަންކަން ނަގައިގަނެ، ދަސްކުރުން.
  • ތަފާތު ގިނަ ކަންކަމަށް ޝައުޤުވެރިކަން ހުރުން.
  • ވިސްނުންތެރިކަން ދޭހަވާ ފަދަ ސުވާލުކުރުން.
  • އުމުރުގެ އެހެން ކުދީންނާ އަޅާބަލާއިރު ބަސްކޮށާރު މުއްސަނދިވުން.
  • އުމުރުގެ އެހެން ކުދީންނާ އަޅާބަލާއިރު ޖުމުލަ ތަރުތީބުކުރުމުގައި ކުޅަދާނަވުން.
  • ބުނަން ބޭނުންވާ ވާހަކަ ރަނގަޅަށް ބުނެދެވުން.
  • މައްސަލަ ހައްލުކުރުމުގައި ތަފާތު، އުފެއްދުންތެރި ގޮތްތައް ގެންގުޅުން.
  • އާދަޔާ ޚިލާފަށް ހަނދާން ގަދަވުން.
  • ކުރެހުމާއި، މިއުޒިކާއި، އެކި ކަހަލަ އުފެއްދުންތެރި ކަންކަމުގައި އާދަޔާ ޚިލާފު ހުނަރުވެރިކަން ހުރުން.
  • އަމިއްލަ އުފެއްދުންތެރި ޚިޔާލު ހުރުން.
  • ކުރީން ދަސްވެފައި ހުންނަ ކަންކަން އައު ހާލަތުތަކުގައި ބޭނުންކުރަން އެނގުން.
  • ހަމަޖެހޭ ގޮތްގޮތަށް ކަންކަން ތަރުތީބުކުރުމާއި އެތުރުމުގައި އާދަޔާ ޚިލާފު ހުނަރުވެރިކަން ހުރުން.
  • ޚިޔާލުތަކާ މެދު ފުޅާކޮށް ބަހުސްކުރެވުން.
  • އަމިއްލައަށް ކަންކަން ކުރަން ބޭނުންވުން.
  • ސަމާސާ ގޮތް ހުރުން.
  • ޝައުޤުވެރިކަން ހުންނަ ކަމަކާ ޖެހިއްޖެ ނަމަ އާދަޔާ ޚިލާފަށް ގިނަ ވަގުތު އެކަމަކަށް ސަމާލުކަން ދެވުން.
  • ޝައުޤުވެރިވާ ކަމަކީ ކިތަންމެ އުނދަގޫ ކަމެއް ވިޔަސް އެކަން ކާމިޔާބު ކުރަން ގަދައަޅައި މަސައްކަތްކުރުން.
  • ޝައުގުވެރިވާ ކަންކަން ހިނގާނުހިނގާ ގޮތް ރަނގަޅަށް ބަލަން ބޭނުންވުން.
  • އަމިއްލައަށް ވާހަކަ ހަދައިގެން ކިޔައިދިނުމުގެ ހުނަރު ހުރުން.
  • ކިޔުމަށް ޝައުޤުވެރިކަން ހުރުން.

ބެލެނިވެރިންނާ ވާހަކަދެއްކުން.

ގާތްގަނޑަކަށް %80 ބެލެނިވެރިންނަށް އެ މީހުންގެ ދަރީންގެ ކިބައިގައި މޫހަބު ސިފަތަކެއް ހުރިކަން އެ ކުދީންގެ އުމުރުން ހަތަރުފަސް އަހަރެއްހައި ހިސާބުގައި ފާހަގަވެއެވެ. އެހެންނަމަވެސް، މި ސިފަތަކަކީ މޫހަބުކަމުގެ ސަބަބުން ހުންނަ ސިފަތަކެއްކަމެއް ބެލެނިވެރިންނަށް ނޭނގިދާނެއެވެ. ވީމާ، ކުއްޖެއްގެ ކިބައިގައި މޫހަބުކަމެއް ހުރިކަމަށް ޓީޗަރަށް ފެންނަ ނަމަ ބެލެނިވެރިޔާއާ ވާހަކަދައްކާލުން މުހިންމެވެ. އެހެނީ، ކުއްޖާ އުފަންވީއްސުރެ އެތައް އަހަރެއް ވާންދެން، ކޮންމެ ދުވަހަކު ކުއްޖާއާ އެކު އެތައް ގަޑިއިރެއް ހޭދަކުރާ އިރު، ތަފާތު އެކި މާޙައުލުގައި ކުއްޖާގެ ކަންކަން ހުންނަ ގޮތް އެންމެ ގާތުން ފެންނާނީ ބެލެނިވެރިޔާއަށެވެ. އެހެންކަމުން ކުއްޖާގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ބެލެނިވެރިޔާއަށެވެ.

ވީމާ، ކުއްޖާގެ ކިބައިގައި ހުރި މޫހަބުކަމަކާއި، ޚާއްޞަ ހުނަރަކާއި، ދަސްކުރުމުގެ ވައްޓަފާޅިއާއި، ކުއްޖާ ޝައުޤުވެރިކަން ހުންނަ ކަންކަމާ މެދު ބެލެނިވެރިޔާއާ ސުވާލުކޮށް އޮޅުންފިލުވިދާނެއެވެ. އަދި ސްކޫލުގައި މިކަމަށް ޚާއްޞަކޮށް ތިބޭ ޓީޗަރުންނާއި، ކުއްޖާއަށް ކިޔަވައިދޭ ޓީޗަރުންނާއި ބެލެނިވެރިޔާއާ މަޝްވަރާކޮށްގެން ކުއްޖާއަށް ޚާއްޞަ މަގުޗާޓެއް ހެދިދާނެއެވެ. އަދި، ދިރާސީ އަހަރުގެ ތެރޭގައި މި މަގުޗާޓުގައި ކުއްޖާ ކުރިއަށް ދާއިރު ޙާޞިލުކުރަން ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއި، ކުއްޖާ ކުރިއަރައި ދާ ގޮތާއި މިންވަރާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރެވޭ ފެންވަރާއި މިންވަރާ މެދު މަޢުލޫމާތު ބަދަލުކުރާނޭ ގޮތްތަކާއި އެކަން ކުރާނޭ ތާވަލެއް ކަނޑައެޅިދާނެއެވެ.

ޕޯޓްފޯލިއޯ

ޕޯޓްފޯލިއޯއަކީ ވެސް ކުލާހުގައި ތިބޭ ކުދިންގެ ހުނަރުވެރިކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވިދާނޭ އާލަތެކެވެ. ޕޯޓްފޯލިއޯއަކީ ވަކިވަކި ކުދިންގެ މަސައްކަތްތައް (މިސާލަކަށް: އެސައިންމަންޓާއި، ކުރެހުމާއި، ވާހަކައާއި...) އެއްކޮށް، ކޮންމެ ކުއްޖަކަށް ވަކިން ހަދާފައި އޮންނަ ފައިލެކެވެ. މިއީ ކުއްޖާގެ ހުނަރުވެރިކަމުގެ ރެކޯޑެކެވެ. ޕޯޓްފޯލިއޯ އެކުލަވާލުމުގައި ދާއިރާތައް ވަކިކޮށްލާފައި ވެސް ބެހެއްޓިދާނެއެވެ. މިސާލަކަށް، ބަހުގެ ހުނަރު، ސުވާލުކުރުމުގެ ފެންވަރު، މައްސަލަ ހައްލުކުރުމުގައި ގެންގުޅޭ އުކުޅުތައް، މަޢުލޫމާތު ހުންނަ މިންވަރު، އުފެއްދުންތެރިކަން، ސަމާލުކަން ހިފެހެއްޓޭ މިންވަރު، ވިސްނުންތެރިކަން، މިއީ ޕޯޓްފޯލިއޯ އެކުލަވާލުމުގައި ބައިކޮށްލެވިދާނެ ބައެއް ދާއިރާތަކެވެ. ޕޯޓްފޯލިއޯއަކީ ކުދިންގެ މޫހަބުކަމާއި ހުނަރުވެރިކަމަށް އަންނަ ބަދަލުތައް ބެލުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ.

ނިންމުން.

ހަނދާން ބަހައްޓަންވީ އެއް ކަމަކީ، ކުލާހުގައި އެންމެ މަތީން މާކްސް ހޯދާ ކުދިންގެ ތެރޭގައި މޫހަބު ކުދިން ތިބެދާނެކަމެވެ. އަދި އެއަށްވުރެވެސް ބޮޑަށް ހަނދާން ބަހައްޓަންވީ ކަމަކީ މޫހަބު ކުދިންނަކީ ކޮންމެހެން އެންމެ މަތީން މާކްސް ހޯދާ ކުދިބައެއް ނޫންކަމެވެ. އަދި ހުރިހައި ކަމަކަށް، ނުވަތަ ހުރިހައި މާއްދާތަކަކަށް އެއް މިންވަރަކަށް ކުޅަދާނަ ކުދިބައެއް ވެސް ނޫންކަމެވެ. ކުލާހުގައި އެއްވެސް މަސައްކަތެއް ނުކޮށް، ފޫހިވެގެން ހިނގާލަ ހިނގާލަ އެ ހުންނަ ކުއްޖާއާއި، އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އެ އިންނަ ކުއްޖާއާއި، އެހެން ކުދިންނަށާއި ޓީޗަރަށް އުނދަގޫވާ ގޮތަށް އެކި ކަންކަމުގައި ޝާމިލުވެގެން އެ އުޅޭ ކުއްޖާއަކީ ވެސް މޫހަބުވުމުގެ ސަބަބުން ފިލާވަޅަށް ސަމާލުކަން ނުދެވޭތީ އެހެން އުޅޭ ކުއްޖަކަށް ވެދާނޭ ކަމެވެ. އަދި މި ފަދަ ކުދިން އެހެން އެ އުޅޭ އަސްލު ސަބަބު ދެނެގަނެގެން، އެ ކުއްޖާ ވެސް ބާކީ ނުކޮށް، އެ ކުއްޖާއަށް ވެސް ކިޔަވައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ނުހަނު ބޮޑު ޒިންމާއެއްކަމެވެ.

މަޢުލޫމާތު:
Azzam, A. (April 2016). Six Strategies for Challenging Gifted Learners. ASCD Education Update, Volume 58, Number 4
Smutny, J. F. (May 2000). Teaching Young Gifted Children in the Regular Classroom. The ERIC Clearinghouse on Disabilities and Gifted Education (ERIC EC).
Differentiating Instructions for Gifted Students in the Regular Education Classroom. Bright Hub Education. Retrieved from: https://www.brighthubeducation.com/teaching-gifted-students/64963-differentiated-instruction-to-reach-gifted-learners-in-the-mainstream-classroom/ Supporting Gifted Children, National Association for Gifted Children. Retrieved from: https://www.nagc.org/resources-publications/resources/supporting-gifted-children.