ބޮލީވުޑް

ރިތިކްގެ "ޓަވަލް ލުކް" ގެ ކްރެޑިޓް ރަންވީރަށް

2

ދުބާއީގައި ޗުއްޓީ ހޭދަކުރަމުން އަންނަ ސުޕަސްޓާ ރިތިކް ރޯޝަން ތުވާޔެއްގައި ހުރި ފޮޓޯއެއް ހިއްސާކޮށް އެއީ އޭނާގެ "ޓަވަލް ލުކް" ކަމުގައި ބުނެފިއެވެ.

ފޮޓޯ ހިއްސާކުރަމުން އޭގެ ކެޕްޝަނުގައި ރިތިކް ވަނީ އެ ސްޓައިލްގެ ހުރިހާ ކްރެޑިޓެއް އަދި އެކަމަށް އިންސްޕަޔާވީ ބަތަލު ރަންވީރު ސިންގުގެ ފަރާތުން ކަމަށް ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރިތިކް ރަންވީރަށް އެ ލުކްގެ ކްރެޑިޓް ދިނީ އާންމުކޮށް ރަންވީރަކީ ތަފާތުކޮށް ހެދުން އަޅާ ތަރިއަކަށް ވާތީ ކަމަށެވެ.

ފޮޓޯގައި ރިތިކް ފެންނަނީ ރަތްކުލައިގެ ޓީޝާޓެއް ލާފައި ހުއްޓައެވެ. ހުދު ތުވާއްޔެއް އަނދެފައި ހުރިއިރު ދަބަހެއް ވެސް އޮތެވެ. ފެންނަ ފެނުމަށް ހީވަނީ މޫދަށް ނޫނީ ޕޫލަށް ދާހެނެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ރިތިކް މިހާރު ބޭނުންވަނީ ހޮލީވުޑަށް ނުކުންނާށެވެ. އެހެންކަމުން އޭނާވަނީ ކެލިފޯނިއާގެ އެޖެންސީއަކާ ގުޅިފައެވެ. އެ އެޖެންސީގެ ފަރާތުން ވަރަށް އަވަހަށް ރިތިކްގެ ހޮލީވުޑް ފިލްމެއް އިންޑިއާގައި ޝޫޓް ކުރާނެ ކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.

ރިތިކްގެ ބައްޕަ އުފައްދާ ފްރެންޗައިޒް ފިލްމު "ކްރިޝް 4" ގެ ޝޫޓިން ރިތިކް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެއެވެ. ފިލްމުގެ ލީޑް ބަތަލާއަކަށް ދީޕިކާ ޕަޑުކޯން ނަގާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ރަސްމީކޮށް އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އަމީތާބް ބަޗަންގެ ފިލްމު ސައްތޭ ޕޭ ސައްތާގެ ރީމޭކުގައި އަމީތާބް ކުޅެފައިވާ ކެރެކްޓަރު ކުޅުމަށްވެސް ރިތިކަށް ހުށަހަޅައިފައި ވެއެވެ. ނަމަވެސް އަދި ރަސްމީ އެއްބަސްވުމަކަށް ނުދާކަމަށް ވެއެވެ.