ޚަބަރު

އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އުރީދޫގެ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިދިޔަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓް އަދި 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އާއި ހާއްސަ ގޮތުން ބޭއްވި އެ ކުންފުނީގެ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ވަނީ ފާސްކޮށްފައެވެ.

އެގޮތުން މިރޭގެ ޖަލްސާގައި ހިއްސާގެ ގޮތުގައި ޖުމްލަ 488 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފައެވެ. އެއީ ހިއްސާއަކަށް 3.30 ރުފިޔާއެވެ. މިދިޔަ 2018 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 3.22 ރުފިޔާއެވެ. އެއީ އެ އަހަރު އެކުންފުނީގެ ފައިދާގެ 88 ޕަސެންޓެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.

މިރޭގެ ޖަލްސާގައި އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާއެކު ހަމަޖައްސާފައި ވަނީ ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އެ ކުންފުންޏަށް އޮޑިޓް ކުރުމަށް ހަވާލުކުރީ 60،000 ޑޮލަރު ނުވަތަ 925،200 ރުފިޔާއެވެ.

ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ.