އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 14" މިއަދު ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި "ދޯސްތީ 14" ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އޭޝިއާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމުގައި އަވަށްޓެރި ގައުމުތަކާއި ގުޅިގެން ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައެވެ.
އަދި "ދޯސްތީ 14"ގެ ސަބަބުން ސަރަހައްދުގެ ކަނޑުމަތީގެ ރައްކާތެރިކަމަށް އިތުރު އަމާންކަމެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހަރަކާތުގައި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ސިފައިންނަށް ލިބިގެންދާ އިތުރު ތަމްރީނުތަކާއެކު ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އަވަށްޓެރި ގައުމުތަކާއެކު އަސްކަރީ ގުޅުން އިތުރަށް ގާއިމުކުރުމުގެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ރިއަރ އެޑްމިރަލް ސަމަންތާ ވިމަލަތުންގެ ވިދާޅުވީ އިންޑިއާއާއި ރާއްޖެ އަދި ސްރީލަންކާ ވަނީ އެކި ދާއިރާތަކުން އެކުވެރިކަމުގެ ގުޅުމަކުން ގުޅިލާމެހިފައި ކަމަށާއި ހާއްސަކޮށް މެރިޓައިމް ކޯޕަރޭޝަންގެ ދާއިރާ ފާހަގަ ކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ރަޖެންދްރަ ސިންހް ވިދާޅުވީ މިއެކްސަސައިޒް ސަބަބުން އިންޑިއާ ކަނޑުގެ މެރިޓައިމް ސޭފްޓީއަށް ވަރަށް ފައިދާވެގެން ދާކަމަށާއި މިފަހަރުގެ އެކްސަސައިޒް ވެސް ވަރަށް ކާމިޔާބު ވާނެކަމަށް އުއްމީދު ކުރާކަމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިއެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަޤްސަދުގައި ބާއްވާ އެކްސަސައިޒެކެވެ. މި އެސްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދާނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.
"ދޯސްތީ 14" ފެށުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އާއި ސްރީލަންކާ ކޯސްޓްގާޑުގެ ސެއިލަރުން ބައިވެރިވިއެވެ.