އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމެވުމަށް ޝުކުރު އަދާކުރަމެވެ. އަޅުގަނޑުގެ ނަޒަރުގައި އެކަން ކުރުން ކުޑަތަންކޮޅެއް ލަސްވެސް ވެއްޖެ އެވެ. ކޮރޯނާގެ ނުރައްކާތެރިކަން މުޅި ދުނިޔޭގައި ނުރައްކާތެރިިކަމުގެ ރަނގަބީލު ޖަހަމުންދާ އިރު، އެބަލި އެއްވެސް ގައުމަކަށް ނާންނާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އެކަމަށް ތައްޔާރުވެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮރޯނާގެ ނުރާއްކާ އެއް ފަރާތުގައި ބާއްވާށެވެ. މާލޭގައި ހިމަބިހި ވެސް ދަނީ ފެތުރެމުންނެވެ. އޭގެ މައްޗަށް ފާނަ ބަސަންދާއި އަރިދަފުސް ރޯގާވެސް ފެތުރެމުންދާ ކަމަށް އައިޖީއެމްއެޗުން ދެ ދުވަސް ކުރީން ވަނީ ބުނެފަ އެވެ. އަރިދަފުސް ރޯގާ އަދި ހުމަކީ ކޮރޯނާގެ ވެސް މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވާތީ، ދިވެހީންގެ ތެރޭން ގިނަ މީހުންނަކީ އަބަދުވެސް އަރިދަފުސް ރޯގާ ޖެހިފައި ތިބޭ މީހުން ކަމަށް ވާތީ، ރާއްޖޭން ކޮރޯނާ ފެނިއްޖެ ނަމަ އެންމެން ޝައްކުގައި ހޮސްޕިޓަލަށް ދިޔުމަކީ ވެސް ވުން ކައިރި ކަމެކެވެ. ނުވަތަ އިންތިހާ ދަރަޖައަށް ޕެނިކްވެ ހާސްވުމުގެ ފުރުސަތު އޮތީ ބޮޑުކޮށެވެ.
މި ހުރިހާކަމެއް މި ހިނގަނީ، އެންމެ ދެކިލޯ މީޓަރު ބައިގެ ކެޕިޓަލް ސިޓީއެއްގަ އެވެ. ދެލައްކައަށްވުރެ ގިނަ މީހުން މި ދެކިލޯ މީޓަރުގެ ތެރޭގައި ދިރިއުޅެއެވެ. އޭގެ ތެރޭގައި ދެބައިކުޅަ އެއްބަޔާއި ގާތަށް އުޅެނީ ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ވެސް ބޮޑު ބަޔަކީ، ބަންގްލަދޭޝް މީހުންނެވެ. އެމީހުން ކައިބޮއި ނިދައި ހަދާ ތަންތަނުގެ ހާލަތު އެއްވެސް މީހަކަށް އޮޅިފައެއް ނެތެވެ. 30 ނުވަތަ 40 މީހުން ކައިބޮއެ ނިދައި ހަދަނީ އެއް ކޮޓަރީގައެވެ. އެކަކު އަނެކަކާއި ޖެހި ފިތި ބާރު ވެގެންނެވެ. ސާފުތާހިރުކަން އެހާމެ ކުޑަ އެވެ. ރާއްޖޭގެ ގިނަ ރެސްޓޯރެންޓުތަކުގެ ބަދިގެ ތަކުގައި ކައްކައި ކާތަކެތި ޑެލިވަރީ ކުރަނީ ވެސް އެމީހުންނެވެ. ފިހާރަތަކުގައި ވެސް އެމީހުންނެވެ. ޕާކުތަކުގައި ވެސް އެމީހުންނެވެ. މިފަދަ ރޯގާއެއް ނުވަތަ ބަލިމަޑުކަމެއް އެމީހުންގެ މެދުގައި ފެތުރިއްޖެ ނަމަ، އެކަހެރިކޮށް އެމީހުން ގެންގުޅޭނެ ގޮތެއް ނުވިސްނެ އެވެ. އެ ބުރަ އުފުލަން ޖެހޭނީ ވެސް ދައުލަތަށެވެ. އެއީ އެމީހުން ދިރިއުޅޭ ތަނުގައި އެކަން ވާނެ ގޮތެއް ނޯންނާނެތީ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލު ކުދީންގެ އިތުރު ހަރަކާތްތައް ހުއްޓާލަން އެންގި ނަމަވެސް، އެހެން ގިނަ މުއައްސަސާތަކުން ރަސްމީ ސިފައެއްގައި އެކަން ކުރާ ތަނެއް ނުފެނެ އެވެ. ވަކި ވަކީން ފޯނު ކޯލުން ބައެއް ކަންކަން ހުއްޓާލަން އެންގި ނަމަވެސް، އަދިވެސް ބައެއް ކަންކަން ބޭއްވޭތޯ ސިއްރުސިއްރުން މަސައްކަތް ކުރާތަން ވެސް ފެނެ އެވެ. މި ވަގުތަކީ ރިސްކު ނަގަން ޖެހޭ ވަގުތެއް ނޫނެވެ. ހުރިހާ މިނިސްޓްރީއަކުންވެސް އަދި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެ ތަނަކާ ގުޅޭ ހުރިހާ ތާކުން ބާއްވާ އެއްވެ އުޅޭ ޒާތުގެ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ހުއްޓައިލަން އަންގަވައިދެއްވާށެވެ. އަދި ހަމަ މިއާ އެކު، އަމިއްލަ މީހުން ނުވަތަ ޖަމިއްޔާ ޖަމާއަތްތަކުން ރާވައި ހިންގާ މީހުން އެއްވާ ޒާތުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ވެސް ދައުލަތުގެ ވެރީން ވަޑައި ނުގަންނަވާށެވެ. އެއީ ވެސް ވާނީ ދެއްވޭ ހިތްވަރަކަށެވެ.
ދައުލަތުގެ ހުރިހާ ދިމާއަކުން މިކަންކަން އެއް މިސްރާބަކަށް ނުކުރައްވާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން މަރުކަޒީކޮށާއި ލާމަރުކަޒީކޮށް ކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އަންގަވައިދެއްވާށެވެ.
ދައުލަތާއި ހަމައިން މިކަން ނިންމައިލުމަކުން ނުފެދެ އެވެ. ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނި ތަކާއި އަމިއްލަ ފަރުދުން ވެސް އެމީހުންގެ ޒިންމާ ނަގަން ޖެހެ އެވެ. އެންމެންވެސް ވިސްނާންވީ އެއްވެ އުޅޭ ޒާތުގެ ކަންކަން ހުއްޓާލުމަށެވެ. ހާލަތާ މެދު ސީރިއަސްކޮށް ވިސްނައި، ހަރަދުވެސް ކުޑަކުރުމަކީ ފަރުދީ ގޮތުންނާއި ގައުމީ ނިސްބަތުގައި ވެސް ކުރާން ލާޒިމުވެފައިވާ ކަމެއްކަން ގަބޫލުކުރާން ޖެހެ އެވެ.
މިއަދުވެސް ފެންނަމުންދަނީ، މާލެއާއި އަތޮޅުތަކުގައި އެއްވެއުޅޭ ކިތަންމެ ކިތަންމެ ހަރަކާތެއް ބާއްވަމުންދާ ތަނެވެ. އޭގެ ތެރޭގައި އެކި ޒާތުގެ ކުޅިވަރު މުބާރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތައް ހިމެނޭ ގޮތުން ހިންގާ ހަރަކާތްތައް ވެސް ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބިޔަ ބޮޑު ޖަލްސާތަކާއި ކެމްޕޭން ހަރަކާތްތަކަކީ ވެސް ވިސްނައިލާން ޖެހޭ ސީރިއަސް ކަމެކެވެ. އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ އެކަމުގެ މީހުން އެއްވެ ގޮތެއް ކަނޑައަޅާން ޖެހެ އެވެ. ވޯޓުލުމާއި ކެމްޕޭން ހަރަކާތަކީ އެތައް ހާސް ބަޔަކު ޖަމާވާ، ދޭސީންނާއި ބިދޭސީން މަސްހުނިވެގެން އުޅޭ ކަމެއް ކަމުން އޭގެން ނުކުމެދާނެ ހިއްޗަށް ވެސް ވިސްނާން ޖެހެ އެވެ.
ކޮރޯނާ ފަދަ ބައްޔެއް މާލެތެރެޔަށް ފެތުރިއްޖެ ނަމަ، ދެން ވާނެ ގޮތެއް، ހާލަތު ބަދަލުވެގެން ދާނޭ ގޮތެއް އަޅުގަނޑުމެންގެ ހިތަށް ވެސް ގެންނާކަށް ނޭނގެ އެވެ. މި ވަގުތަށް ބަލާ އިރު އެންމެ މުހިންމު އެއް ކަމެއް ގޮތުގައި، މާލޭގެ ބޮޑެތި ޕާކުތައް ވެސް ވަކި އުސޫލުތަކެއްގެ ތެރެޔަށް ފައްތާން ޖެހޭނެ ކަމަށް ފެނެ އެވެ. ކުޑަކުދީން އެއްވެ އުޅޭ ތަންތަނާ މެދު ވެސް ސަމާލު ކުރުވައި އެކަންކަން ކޮންޓްރޯލު ކުރުވުމަށް ކެމްޕޭން ހިންގަން ޖެހެ އެވެ.
މި ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއް ކުރީ ސަފަށް ނިކުންނަން ޖެހެ އެވެ. އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތައް ވެސް ގައުމުގެ ރައްޔިތުންގެ ސަލާމަތަށް އިސްކަން ދެއްވައި ކެތްތެރިކަން އިސްކޮށް، ސިއްހީ އިދާރާތަކުން ދޭ ލަފަޔާއި އިރުޝާދުތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ތަބާވެ، އެޔަށް ހެޔޮ ހިތުން އަމަލު ކުރަން ޖެހެ އެވެ. އާނއެކެވެ. ސްކޫލް ތަކާއި ހަމައިން މިކަން ނިންމައިލެވޭކަށް ނެތެވެ. މީހުން އެއްވާ އެހެން ހުރިހާ ކަމެއް ވެސް ހުއްޓާލަން ޖެހެ އެވެ. ރައްކާތެރިކަމުގެ ފުރުސަތު ބޮޑު ކޮށްދޭ ކޮންމެ ކަމެއްމެ ކުރާން މި ވަގުތު އިސްކަން ދޭން ޖެހެ އެވެ.