ޚަބަރު

ރައްޔިތުން ބޭނުންވާ އިންސާފުވެރި، ހެޔޮ ބަދަލު ގެނެސްދޭނަން: އިބޫ

ރައްޔިތުން ބޭނުންވާ އިންސާފްވެރި ހެޔޮ ބަދަލު ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވުނީ އެތައްބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ވޯޓު ދެއްވި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރަން. އިންތިހާބުގެ ކެމްޕޭން ތެރޭގައި ގައުމީ މަޖިލީހުގެ މެމްބަރުންނާއި އާންމު މެންބަރުން ކޮށްދެއްވި ބުރަ މަސަކްކަތަށް ޝުކުރު ދަންނަވަން. އިލެކްޝަންސް ކޮމިޝަނުން ކުރިމަތިކުރުވި ފިއްތުންތަކެއް. އެކަމަކު ފަހަރަކު ކަމެއް ގިރާކޮށް މި ކާމިޔާބީއާ ހަމައަށް އާދެވުނީ. ވޯޓު ގުނަމާ ހަމައަށްވެސް އެ ފިއްތުންތައް ކުރިމަތިލީ، އަދި މިހާރު މިތިބީ ރައްޔިތުން ބޭނުންވާ އެކުވެރިކަން ބަދަހިކޮށް، އެންމެނަށް ފައިދާވާނެ ވެރިކަމެއް ކުރުމަށް ތައްޔާރަށް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އިއްތިހާދުގެ ކެމްޕޭން ދަތުރުތަކުގައި ފެނުނީ ރާއްޖެއަށް އިންސާފު ބޭނުންވެފައިވާ މަންޒަރު ކަމަށާއި، ރައްޔަތުން އެދެމުންދާ އެ ބަދަލު ގެނެސްދޭނެ ކަމަށެވެ.

"ގުޅިފައިވާ ޕާޓީއަކުން އަޅުގަނޑުމެން ކުރިމަތިލީ. ރާއްޖެއިން ފެނުނީ ބަދަލަކަށް ބޭނުންވެފައި އޮތް މަންޒަރު. އިންސާފަށް ބޭނުންވާ ވާހަކަ ހުރިހާ ރައްޔިތުންވެސް ބުނަމުންދިޔަ. އިިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާ ބަދަލު، ރައްޔިތުން އެދޭ ގޮތަށް ގެނެސްދޭނަން. ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް، ކުރަން އޮތް މަސައްކަތް ގިނަ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އިންތިހާދުގެ ވެރިކަން ދަމަހައްޓަން، އަދި ބޭނުންވާ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަން ފުރިހަމައަށް ބޭނުންވާ ކަމަށެވެ.

މިއަހަރުގެ އިންތިހާބު އިބޫ ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އިލެކްޝަންސްއިން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.