އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 39

އަބްދުﷲ ފާރޫގް ހަސަން

8

(29 ފެބުރުއަރީގެ އަދަދާއި ގުޅޭ)

އެއްދުވަހެއްގެ އަސުރެއްހައި އިރެވެ. ماه بانو އިންނެވީ ބޭސްވެރިޔާއާއެކު ބައްޕާފުޅުގެ އަރިހުގައެވެ. ކާއޫސް ކުއްލިއަކަށް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ދެންނެވިއެވެ. "ޒަރުބަޚުތު ވަޑައިގެންފިއެވެ."

قبــاد ގެ މިލައިފައިވާ މޫނުފުޅުމަތީން އުފާވެރިކަން ފާޅުވާންފަށައިފިއެވެ. އޭނާ މަގަތަށް އެނބުރިވަޑައިގެން ދޮރާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ماه بانو އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައިގެން ދުވެވަޑައިގެންފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. އިރުކޮޅެއްގެފަހުން ماه بانو ބޭބޭފުޅުގެ އަރިހުގައި ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. ޒަރުބަޚުތު ހުންނެވީ ދަގަނޑު ދަހަނާ އަޅުއްވައިގެންނެވެ. އޭނާގެ އިސްތަށިފުޅުގައި ދަގަނޑު ތާކިހާކޮޅު ވިދަވިދައި ހުއްޓެވެ. قبــاد އެނދުދާންކޮޅުގައި އޮންނަވައި ދެއަތްޕުޅު ދަންމަވައިލެއްވިއެވެ. ޒަރުބަޚުތު އަވަސްއަވަހަށް އޭނާގެ ދަގަނޑު ތާކިހާކޮޅު ނަންގަވައި ކާއޫސްގެ އަތަށް ދެއްވައިފައި މުސްކުޅިފުޅު ބައްޕާފުޅުގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. އޭނާ ބައްޕާފުޅުގެ މޭފުޅުމަތީގައި އިސްތަށިފުޅު ބޭއްވެވިއެވެ.

"ލޯބިވާ ބައްޕާފުޅާއެވެ! ޙާލުކޮޅު ރަނގަޅުތޯއެވެ؟"

قبــاد ޒަރުބަޚުތުގެ ނިތްކުރިފުޅާއި ކޯތާފަތްޕުޅުގައި ބޮސްދެއްވުމަށްފަހު ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ބައްޕަ މުޅީން ރަނގަޅެވެ."

ޒަރުބަޚުތު قبــاد ގެ އެނދުދާންކޮޅުން ތެދުވެވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަންނަވަމުން ބޭސްވެރިޔާއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ކަލާއަށް ވަރަށްބޮޑަށް ޝުކުރުވެރިވަމެވެ."

ބޭސްވެރިޔާ ޖަވާބު ދިނެވެ. "މިއީ އަޅުގަނޑުގެ ވާޖިބެވެ. އަޅުގަނޑުގެ ހިތާމަޔަކީ އަޅުގަނޑަށް ތަންކޮޅެއްކުރީން މިތަނަށް އައުމަށް އަމުރުނުކުރެވުނުކަމެވެ. އެހެންނަމަ މިހާ ހާލުކޮޅު ބޮޑެއް ނުވީހެވެ."

قبــاد ވިދާޅުވިއެވެ. "ބައްޕަޔަށް ހީވަނީ ދަރިފުޅު ކޮންމެވެސް ހަނގުރާމަޔަކަށް ދަނީހެންނެވެ."

"ބައްޕާފުޅާއެވެ. އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަކަށް މާގިނައިރަކު ގެއަކު ނުހުރެވޭނެއެވެ. މުސްލިމުން ޙުފައިރާ ދިމާޔަށް ކުރިއަރަމުން އަންނަނީއެވެ. އަޅުގަނޑުމެންގެ ލަޝްކަރު އެދިމާޔަށް ހިނގައްޖެއެވެ."

قبــاد ކުއްލިޔަކަށް ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. "ދަރިފުޅު މުސްލިމުންނާ ހަނގުރާމަޔަށް ދާކަމުގައިވާނަމަ ލަޝްކަރާ ވަކިވެގެން ގެއަށް ތިޔައައީ ކީއްވެގެން ހެއްޔެވެ؟"

"ބައްޕާފުޅު ކަންބޮޑުވެވަޑައިނުގަންނަވާށެވެ. އަޅުގަނޑު އިރުއޮއްސުމުގެ ކުރީން އަޅުގަނޑުގެ އެކުވެރީންނާ ބައްދަލުކުރާނަމެވެ."

ބޭސްވެރިޔާ ދެންނެވިއެވެ. "މަނިކުފާނު ހުންނެވީ މަދާއިނަކު ނޫންތޯއެވެ؟"

ޒަރުބަޚުތު ޖަވާބުދެއްވިއެވެ. "ލައްބައެވެ. އަޅުގަނޑު މިއަންނަނީ މަދާއިނުންނެވެ. އަޅުގަނޑަށްވަނީ އެއްހާސް އަސްވާރުންގެ އޮފިސަރުކަން ލިބިފައެވެ."

قبــاد ސުވާލުކުރެއްވިއެވެ. މަދާއިނުން ފޮނުވީ ހަމައެންމެ އެއްހާސް އަސްވާރުން ހެއްޔެވެ؟"

"ނޫނެކެވެ. ބައްޕާފުޅާއެވެ. ލަޝްކަރުގެ ބާކީބައި އަޅުގަނޑުމެންގެ ފަހަތުން އެބައާދެއެވެ. އަޅުގަނޑަށް އަމުރުވެވިފައިވަނީ ހުރުމުޒުގެ ހިތްވަރު އެލުނަ ނުދިނުމަށްޓަކައި އިސް ލަޝްކަރާއެކު އަވަހަށް ދަތުރުކުރުމަށެވެ. މިހައި އަވަހަށް އަޅުގަނޑާ މުހިންމު މަސްއޫލިއްޔަތެއް ޙަވާލުކުރެވޭނެ ކަމަކަށް އަޅުގަނޑު ހީއެއް ނުކުރަމެވެ. ނަމަވެސް ފުރޭބުރުޒު މިފަހަރުވެސް އަޅުގަނޑަށް އެހީތެރިވެދެއްވީއެވެ. ސިފައިންގެ ވެރިޔާއަށް އޭނާގެ އެދިވަޑައިގަތުން ރައްދެއް ނުކުރެއްވުނެވެ. ފުރޭބުރުޒު ވިދާޅުވިއެވެ. "ހަނގުރާމައިގެ މައިދާނުގައި ޝުހުރަތު ހޯދުމަށްފަހު އަޅުގަނޑުގެ ކުރިމަތީގައި ކުރިޔަށް ދިއުމުގެ މަގު އޮންނާނީ ހުޅުވިފައެވެ."

قبــاد ވިދާޅުވިއެވެ. "ދަރިފުޅުގެ އަތަށް ތަޢާރުފުގެ ސިޓީއެއް ދީފައި ބައްޕަ ފުރޭބުރުޒުގެ އަރިހަށް ދަރިފުޅު ފޮނުވިއިރު އޭނާ ބައްޕަގެ މަތީން ހަނދުމަފުޅުވެސް ނުހުންނާނެކަމަށް ބައްޕަހުރީ ވަރަށް ޖެހިލުންވެފައެވެ. ނަމަވެސް އޭނާއަކީ ވަރަށް ރަނގަޅު ރަޙުމަތްތެރިއެއްކަން ސާބިތުކޮށްދެއްވައިފިއެވެ. ދަރިފުޅަށް ކޮންމެވެސް ދުވަހަކުން އޭނާގެ އިޙުސާންތެރިކަމުގެ ބަދަލުދެވޭނެނަމައެވެ. ދަރިފުޅާއެވެ! ތިޔަ މަޤާމަށް އޭނާ ދަރިފުޅުގެ ނަން ހުށަހަޅުއްވައިފައިވާނަމަ އޭނާގެ އެންމެމަތީ އުންމީދުތަކަށްވެސް ދަރިފުޅު ފުރިހަމަޔަށް ފެތޭކަން ދަރިފުޅު ސާބިތުކޮށްދޭންވާނެއެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އޭނާ މާޔޫސްވެވަޑައިގެންނެވިޔަކަ ނުދޭނަމެވެ. ނަމަވެސް އަޅުގަނޑަށް ހީވަނީ މަދާއިނުގެ ލަޝްކަރަށް ފޯރުމުގެ ކުރީން ޢިރާޤުގެ ހަނގުރާމަ ނިމިދާނެހެންނެވެ. ކޯރު ހުރަސްކުރުމުން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި ހުރުމުޒު ފުރުޞަތުގެ ބޭނުންކުރައްވައި ޙުފައިރުގެ ކައިރިކައިރީން މުސްލިމުންނަށް ފެންލިބޭނެ ހުރިހައި ތަނެއް ހިއްޕަވައިފިއެވެ. އަޅުގަނޑަށް ކުރީންވެސް ޔަޤީންކުރެވެއެވެ. ހުރުމުޒު ކުޑަކޮށްވެސް ހިތްވަރު ކުރައްވައިފިނަމަ އަށާރަހާސް މުސްލިމުންނަކަށް ހުރުމުޒުގެ ލަޝްކަރުގެ ކުރިމައްޗަކު ހިފަހައްޓައެއް ނުލެވޭނެއެވެ. އޭނާ ހަމައެކަނި އޭނާގެ އަހަންމިއްޔަތު މީހުންނަށް ދެއްކެވުމަށްޓަކައި ޝަހެންޝާހަށް އުނދަގޫކުރެއްވީއެވެ. ބައްޕާފުޅާއެވެ. މިހާރު އަޅުގަނޑު ނިންމައިގެން މިހިރީ އަޅުގަނޑު އެނބުރިދާއިރު ބައްޕާފުޅު އަޅުގަނޑާއެކު ގެންދާން ކަމަށެވެ. އަޅުގަނޑު އެނބުރި އަންނައިރަށް ބައްޕާފުޅަށް ހިންގަވައި އުޅުއްވޭވަރު ވާނެނަމަ ހާދަރަނގަޅެވެ."

ބޭސްވެރިޔާ ދެންނެވިއެވެ. "އަދި ވަރަށްގިނަދުވަހު ބައްޕާފުޅަށް އަރާމުކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. އެކަމަކު އަޅުގަނޑު އުއްމީދުކުރަނީ މަނިކުފާނު ފަތަޙައަށްފަހު އެނބުރިވަޑައިގަންނަވާއިރު ތިންހަތަރު ހަފްތާއަކު ގޭގައި ހުންނެވުމުގެ އަމުރު ލިބިވަޑައިގެންފާނެ ކަމަށެވެ. ބޭނުންވެއްޖެ ހިނދެއްގައި އަޅުގަނޑު ސިފައިންގެ ވެރިޔާއަށް ލިޔެވެސްފާނަމެވެ. އަޅުގަނޑުގެ ދެންނެވުމެއް އޭނާ ރައްދެއް ނުކުރައްވާނެއެވެ."

قبــاد އަނެއްކާވެސް އޮށޯވެވަޑައިގަންނަވަމުން ސުވާލު ކުރެއްވިއެވެ. "އެއްކަލަ ކުއްޖާގެ ހާލު މިހާރު ކިހިނެއްބާވައެވެ؟" سُهيل ގެ ޙާލު މުޅީން ރަނގަޅެވެ. ޢަސްކަރީ މަކްތަބުގައި މިހާރު އޭނާވަނީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. އެތާނގެ އެދުރުން އޭނާގެ ވިސްނުންތެރިކަމަށް ވަރަށް ތާރީފު ކުރެއެވެ. އޭނާއާ އެއްއުމުރުގެ އެއްވެސް ކުއްޖަކަށް ކަނޑިހެވިކަމާއި، ދުނިއުކުމުގައި އޭނާއަކާ ވާދައެއް ނުކުރެވެއެވެ. އޭނާ މިހަނގުރާމައަށް އަޅުގަނޑާ އެކުގައި އަންނާންވެގެން ވަރަށް ގަދަހެދިއެވެ. އޭނާގެ އުމުރު އެންމެ ތިންއަހަރު ދޮށިނަމަވެސް އަޅުގަނޑާއެކު އޭނާ ގެނައީމުހެވެ."

قبــاد ވިދާޅުވިއެވެ. "އޭނާގެ ބޭބެ މިތަނަށް ވަޑައިގެންނެވިއެވެ."

’ކޮންއިރަކުތޯއެވެ؟"

"ދިހަވަރަކަށް ދުވަސް ކުރީންނެވެ."

"މިހާރުވީ ކޮންތަނަކުތޯއެވެ؟"

"ބައްޕައަކަށް ނޭނގެއެވެ. ބައްޕައޮތީ ބޭސްކައިގެން ނިދައިފައެވެ. ބައްޕައަކަށްވެސް އޭނާއަކާ ބައްދަލެއް ނުވެވުނެވެ."

"އޭނާ މިތާ ހުންނެވިނަމަ އަޅުގަނޑު އޭނާ ސިފައިންގެ ތެރެއަށް ވައްދައިފީމުހެވެ. މިހާރަކު ހުރުމުޒުވެސް އޭނާގެ ނަސަބާއި ހަސަބު އައްސަވާން ބޭނުންފުޅުވާނެހެނެއް ހީއެއްނުވެއެވެ. އޭނާ ކޮއްކޮ ހޯއްދަވާން މަދާއިނަށް ވަޑައިގަތީކަމުގައި ވެދާނެއެވެ."

ماه بانو ވިދާޅުވިއެވެ. "ނޫނެކެވެ. އޭނާ މަދާއިނަކަށް ވަޑައެއް ނުގަންނަވައެވެ."

"އެހެންވީއިރު އޭނާ ވަޑައިގަތީ ކޮންތަނަކަށް ބާވައެވެ؟ ކޮއްކޮއާ އޭނާއާ ބައްދަލުވިތޯއެވެ؟"

"އާދޭހެވެ. ބައްޕަ އޮންނެވީ ބޭސްފަރީއްކުޅުއްވައިގެން އަވަހާރަފުޅު ލެއްޕެވިފައެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލައްވައިފައި އެނބުރިވަޑައިގަތީއެވެ."

"ތިޔައީ އޭނާގެ ނަސީބުފުޅުގެ ދެރަކަމެވެ. އެހެންނޫންނަމަ ހުރުމުޒު އުފާކުރުވަން މިއަށްވުރެ ރަނގަޅު ފުރުޞަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ."

ماه بانو حسّان އާ ބެހޭގޮތުން ވާހަކަދައްކަވާ ހިތްޕުޅުވިއެވެ. ނަމަވެސް ބޭބޭފުޅާ ދިމާޔަށް ބައްލަވައިލެއްވުމުން އިތުރު އެއްޗެއް ވިދާޅުވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. حسّان އިސްލާމްވެވަޑައިގެންނެވި ވާހަކަ އޭނާ ބައްޕާފުޅުގެ އަރިހަކުވެސް ވިދާޅެއް ނުވެއެވެ. ހުރުމުޒުގެ ދަރުބާރަށް މުސްލިމުންގެ ސަފީރެއްގެ ޙައިޘިއްޔަތުން ވަޑައިގަތީ އޭނާކަމާއި، އީރާނާއި އޭނާއާ ދެމެދުގައިވާ ހުރިހައި ގުޅުމެއް އަބަދަށްޓަކައި ކެނޑިއްޖެކަން ماه بانو ވަނީ ވަންހަނާ ކުރައްވައިފައެވެ. އޭނާ ކަންބޮޑުވެވަޑައިގަތުމާއެކު އެއްފަހަރު ބައްޕާފުޅުގެ މޫނުފުޅު، އަނެއްފަހަރު ބޭބޭފުޅުގެ މޫނުފުޅު، އަނެއްފަހަރު ބޭސްވެރިޔާގެ މޫނު ބައްލަވަމުން ގެންދެވިއެވެ. އޭނާގެ ހުވަފެންފުޅުތަކުގެ ދުނިޔޭގެ ހަތަރު އުދަރެސް މާޔޫސްކަމާއި އާރެއްބާރެއް ނެތުމުގެ އަނދިރީގައި ފެނުޖެހެމުން ދަނީއެވެ.

ޒަރުބަޚުތު ތެދުވެވަޑައިގެންފިއެވެ. ނޯކަރުގެ އަތުން ދަގަނޑު ތާކިހާކޮޅު އަތުލައްވައިގެން އިސްތަށިފުޅުގައި ތުރުކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ބައްޕާފުޅާއެވެ! ދެން އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވާށެވެ."

قبــاد އޭނާގެ ތުރުތުރުއަޅާ އަތްޕުޅު ޒަރުބަޚުތާ ދިމާޔަށް ދިއްކޮށްލެއްވިއެވެ. އޭނާ ބަލިކަށި އަޑުފުޅަކުން ވިދާޅުވިއެވެ. "ދަރިފުޅާއެވެ. އަވަހަށް ދާށެވެ. މިއީ ދަރިފުޅުގެ އެންމެ ފުރަތަމަ އިމްތިޙާނެވެ. ބައްޕަ އުންމީދުކުރަނީ ދަރިފުޅު ހުރުމުޒުގެ ކުރިފުޅުމަތީގައި ބައްޕަ ލަދުނުގަންނަވާނެ ކަމަށެވެ."

ޒަރުބަޚުތު ބައްޕާފުޅާ މުޞާފަޙާ ކުރެއްވުމަށްފަހު ގުދުވެވަޑައިގެން އޭނާގެ އަތްޕުޅުގައި ބޮސްދެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ލޯބިވާ ބައްޕާފުޅާއެވެ. ހުރުމުޒުގެ ކުރިފުޅުމަތީގައި ބައްޕާފުޅު ލަދުފުޅުގެން ވަޑައިގަންނަވާނެގޮތް މެދުވެރިކުރުމަށްވުރެ މަރުވުންވެސް އަޅުގަނޑުގެ ހިތަށް މާފަސޭހައެވެ."

قبــاد ގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. ޒަރުބަޚުތު އަވަސް އަވަހަށް ބޭސްވެރިޔާއާ ސަލާމްކޮށްލެއްވުމަށްފަހު މޮޅިވެރި ލޯފުޅަކުން ماه بانو އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ماه بانو ތެދުވެވަޑައިގެން ގިސްލައްވަމުން ބޭބޭފުޅާ އޮޅުލައިވަޑައިގެންނެވިއެވެ.

قبــاد ކުޑަކޮށް ނުޤަބޫލުފުޅު ވެވަޑައިގަތުމާއެކު ވިދާޅުވިއެވެ. "ކަނބުލޮ ކެތްތެރިވާށެވެ. ބޭބެގެ ވަގުތު ނަގައިނުލާށެވެ." ماه بانو އެއްފަރާތަކަށް ޖެހިވަޑައިގެންފިއެވެ. ނަމަވެސް ޒަރުބަޚުތު ދޮރާދިމާޔަށް ހިންގަވައިގެންނެވުމުން އޭނާގެ އަތްޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "ބޭބޭއެވެ! އަޅުގަނޑު ބޭބެގެ އަރިހުގައި ދޮރާއްޓާ ހަމަޔަށް ދާނަމެވެ."

އިރުކޮޅެއްގެ ތެރޭގައި ދެބޭފުޅުން ދޮރާއްޓާ ހަމައަށް ވަޑައިގެންފިއެވެ. އެތާނގައި ނޯކަރުންގެ ބަޔަކު ތިއްބެވެ. އެކަކުހުރީ ޒަރުބަޚުތުގެ އަސްކޮޅުގެ ލަގަނުގައި ހިފަހައްޓައިގެންނެވެ. ޒަރުބަޚުތު ނޯކަރުގެ އަތުން އަހުގެ ލަގަން އަތުލައްވައިފިއެވެ. އޭނާ ماه بانو އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"ކޮއްކޮ ދެން އެތެރެއަށް ވަޑައިގަންނަވާށެވެ. ބައްޕާފުޅަށް ތަސައްލީ ދެއްވޭތޯ ބައްލަވާށެވެ. ބައްޕާފުޅުގެ އެންމެބޮޑު އެދިވަޑައިގަތުމަކީ ހުރުމުޒަށް އަޅުގަނޑުމެންނާ ދިމާޔަށް ލޯނޭޅުއްވޭގޮތްވުމެވެ. އަޅުގަނޑަށް ޔަޤީނެވެ. މިސަރަޙައްދުގައި އަޅުގަނޑުމެންގެ ނޯކަރުންނަށްވެސް ޢިއްޒަތާއެކު ދިރިއުޅުމުގެ ޙައްޤު ލިބިފައިވާކަން ހުރުމުޒަށް މިހަނގުރާމައިން ބޭބެޔަށް ޔަޤީންކޮށްދެވޭނެއެވެ. އަޅުގަނޑުމެންނަށް އަނިޔާކުރެވޭނަމަ އަޅުގަނޑުމެންގެ އަޑު ކިސްރާގެ ކަންފަތްޕުޅާ ހަމަޔަށް ފޯރާނެކަން ކަށަވަރުކޮށްދެވޭނެއެވެ. حسّان މިތަނަށް ވަޑައިގަތުމުން ކޮއްކޮ އޭނާ މަޑުކުރުއްވާން ނުއުޅުއްވީތީ އަޅުގަނޑު ވަރަށް ހިތާމަކުރަމެވެ. އެހެންނޫންނަމަ އޭނާ އަޅުގަނޑާއެކު ހަނގުރާމަޔަށް ގެންދެވިއްޖައީހެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަށްފަހު އޭނާއަށް ހުރުމުޒަށް ފިލައިވަޑައިގެން އުޅުއްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. މަދާއިނުން އަޅުގަނޑަށްވަނީ ޖިހާންދާދާއެކު ރޫމީންނާ ހަނގުރާމަކޮށްފައިވާ އެތައްބަޔަކާ ބައްދަލުވެފައެވެ. އޭގެތެރެއިން ވަރަށްގިނަބަޔަކު ބުނިގޮތުގައި ޢަރަބި ޒުވާނެއް އަބަދުވެސް ޖިހާންދާދުގެ އަރިހުގައި ހުރެއެވެ. ދުނީގެ ވާރޭގެ ތެރޭގައިވެސް އޭނާ ސާބިތުވެ ހުންނަނީ ހިނިތުންވުމާ އެކުގައެވެ. އަޅުގަނޑު ވަރަށް ހިތާމަކުރަމެވެ. حسّان އީރާނު ސަރުކާރާއި ހުރުމުޒު އުފާކުރެއްވުމުގެ ރަނުގެ ފުރުޞަތެއް ނަންގަވައިލައްވައިފިއެވެ. ކޮއްކޮ އޭނާ މަޑުކުރުއްވިނަމައެވެ. އޭނާ މިތާ ހުންނެވިނަމަ ކުޑަވެސް ފަސްޖެހިވަޑައިގަތުމަކާ ނުލައި އަޅުގަނޑާއެކު ވަޑައިގަތީސްކަން ކަށަވަރެވެ."

"ނޫނެކެވެ. ބޭބޭއެވެ! އޭނާ މިތާހުންނެވިނަމަ ބޭބެއާ ބައިވެރިވެވަޑައިގަތުމުގެ ބަދަލުގައި ބޭބެ ހުއްޓުވާން މަސައްކަތް ކުރެއްވީހެވެ."

"ކާކުތޯއެވެ؟ حسّان ތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑަށް ޔަޤީނެވެ. ބޭބެ އޭނާގެ ވާހަކަފުޅު އަޑުއެއްސެވިނަމަކަ މުސްލިމުންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ނަތީޖާއާމެދު ތިޔަހައިބޮޑު އުއްމީދެއްގައެއް ނުހުންނެވީހެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އޭނާ އަޅުގަނޑު މުސްލިމުންދެކެ ބިރުގަންނަވާން އުޅުއްވިނަމަ އަޅުގަނޑު އޭނާގެ ދޫފުޅު ދަމައިގެންފީމުހެވެ. އޭނާ ވަޑައިގަތީ ބަޙުރައިނަށެވެ. ޔަޤީނެވެ. އެތަނުން މުސްލިމުންގެ މަދުމީސްކޮޅެއް އަޅުގަނޑުމެންގެ ސަރަޙައްދުގައި ހިންގި ޙަރަކާތްތަކުގެ ޚަބަރު އިވިވަޑައިގަތުމުން އޭނާއަށް އަސަރުކުރީއެވެ. ނަމަވެސް އޭނާ އަޅުގަނޑުމެން ބިރުގަންނަވާން ނުވަތަ އަޅުގަނޑުމެންނަށް ފިނޑިކަމުގެ މަގުދައްކަވާން ވަޑައިގަތުމުން ކޮއްކޮ އޭނާގެ ވާހަކަޔަށް ސަމާލުކަން ދެއްވައި އަޑުއެއްސެވިކަމީ ވަރަށް ދެރަކަމެކެވެ."

(ނުނިމޭ)