އަބްދުﷲ ޝާހިދު

ދަތިތަކުން އަރައިގަތުމަށް އިންޑިއާގެ އެހީ ބޭނުންވޭ: ފޮރިން މިނިސްޓަރު

އަހުމަދު ޖައިޝަން

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިންޑިއާގެ ދީލަތި އެހީ ބޭނުންވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޑަބްލިއުއައިއޯއެން އަށް ދެއްވި އިންޓަވިއުއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސަަބަބުން ރާއްޖެ އޮތީ ބެންކްރަޕްޓް ވާން ގާތްވެފައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ އިންޑިއާގެ ދީލަތި އެހީ. އިންޑިއާގެ ފަރާތުން ބަޖެޓަރީ އެސިސްޓެންސް ބޭނުންވޭ އަޅުގަނޑުމެން،" ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕެއިން ވައުދުތައް ފުރިހަމަ ކުރައްވަން ވެސް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި އިންޑިއާ ސަރުކާރުގެ ފަރާތުން އާންމު އެހީތެރިކަންވެސް ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ޝާހިދު އަރުވާފައެވެ.