ލައިފް ސްޓައިލް

އޮނުން ހަދާފައިވާ ފެން އަޅާ ފުޅި، މާބޮޑަށް ވެސް ސަޅި

އަލީ ޔާމިން

ޕްލާސްޓިކަކީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެއްކަން ނުދަންނަ މީހަކު މިއަދަކު ނެތެވެ. އެކަމަކު ޕްލާސްޓިކަކީ މިއަދުވެސް އަހަރެމެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި އޮންނަނީ ވެފަ އެވެ. ގޭތެރޭގެ މާހައުލަށް ބަލައިލިޔަސް ގިނައިން ފެންނަން ހުރީ ޕްލާސްޓެވެ. އެންމެ ކުޑަމިނުން އަރުތެރެއަށް އެތެރެކޮށްލާ ފެންފޮދުވެސް އަޅާފައި މިހުންނަނީ ޕްލާސްޓިކް ފުޅިއަށެވެ. ސުވާލަކީ ބޯފެން އަޅަން ޕްލާސްޓިކް ފުޅި ނޫން އެހެން ގޮތެއް ހަމަ ނެތީތޯއެވެ؟

ނޫނެކެވެ. އެ ސަގާފަތަށް ވެސް ނިމުން އަންނަނީ އެވެ. ރާއްޖޭގައި ކުންފުނިތަކުން ވިއްކާ ފެން ޕްލާސްޓިކު ފުޅީގައި ހުރި ނަމަވެސް، އެޔާއި ދުރަށް ދާން ގައުމީ ފެންވަރުގައި ވަނީ މަސައްކަތް ފަށާފަ އެވެ. ސްކޫލުތަކަށް މިހާރުވެސް ޕްލާސްޓިކު ފުޅިއެއް ނުވެއްދެ އެވެ. އަމިއްލަ މީހުން އެމީހުންގެ ދަބަހުގަ އާއި އޮފީސް އަދި ގޭގައި ޕްލާސްޓިކާ ދުރު ތިމާވެއްޓާ ރައްޓެހި ފުޅިތަކުގައި ފެން ގެންގުޅެން ފަށައިފި އެވެ.

އަލަށް އީޖާދު ވެގެން އަންނަ އެފަދަ ފުޅިތަކުގެ ތެރޭގައި ސިލަވަރާއި ދަގަނޑާއި އެލްމިނިއަމް ފަދަ މައުދަންތަކުން ހަދާފައި ހުންނަ ފުޅިތައް ހިމެނެ އެވެ. ތިމާވެއްޓާ ރައްޓެހި ތިމާވެއްޓާ އެކުގައި ދިރިއުޅޭ ވެއްޓެއް ގާއިމު ކުރުމުގެ ވާދަވެރި މާހައުލުގައި ބޯފެން އަޅާ ފުޅިތައް އެކި ކަހަލަ މައުދަންތަކުން އުފެއްދުމުގެ ފޯރިވެސް ވަނީ ގަދަވެފަ އެވެ.

މި ރޭހުގައި، އިންޑިއާގެ ސްޓޭޓެއް ކަމަށްވާ "ސިއްކިމް"އިން މިވަނީ އޮނުން ހަދާފައިވާ ފެންބޯ ފުޅި ތައާރަފުކޮށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ. އޮނު ބޭނުންކޮށްގެން ހަދާފައިވާ މި ފުޅިތައް ބޮޑަށް ޓާގެޓް ކޮށްފައިވަނީ އެ ސްޓޭޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށެވެ.

ސިއްކިންގައި ޕްލާސްޓިކް ފެން ފުޅި ބޭނުން ކުރުން މަނާކޮށްފައިވާއިރު، އެ ސްޓޭޓުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަނާކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 1998 ވަނަ އަހަރުއެވެ. އަދި 2016 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ޕްލާސްޓިކް ޕެކިންގައި ހުންނަ ފެން ފުޅި ބޭނުން ކުރުން މަނާ ކުރި އެވެ.

އޮނުން ހަދާފައި ހުންނަ ފެން އަލާ ފުޅި އެންމެ އާދައިގެ ޕްލާސްޓިކު ފުޅިއަށް އަގު ބޮޑު ނަމަވެސް، ގިނަ މީހުން ބުނާ ގޮތުގައި މި ފަދަ ވައްތަރުތަކުގެ ފުޅީގެ މަގުބޫލުކަން ހުރިހާ ގޮތަކުންވެސް ބޮޑެވެ. ދިރިއުޅޭ ވެށި އަގު ހެޔޮ ޕްލާސްޓިކް ފުޅިޔަށް ޓަކައި، ގުރުބާން ކުރުމަށް ވުރެ، މިފަދަ މައުދަނަކުން ހަދާފައި ހުންނަ ތިމާވެއްޓާ ރައްޓެހި ފުޅިތައް ވީހާވެސް ގިނައިން ބޭނުންކުރަން ފެށުމަކީ، އޭގެ ފައިދާ ހުރިހާ ގޮތަކުން ވެސް މާބޮޑު ގޮތެއް ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.