ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންނަ މަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޑަބްލިއުއައިއޯއެންގައި ފޮރެން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި އިންޓަވިއުގައި ރައީސް އިންޑިއާއަށް ވަޑައިންގެންނެވުމާ ގުޅޭ ގޮތުން ވަނީ ސުވާލުކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ދިވެހި ރާއްޖޭގެ ގުޅުން ކުރީގެ އޮތް ގޮތަށް ރަނގަޅު ކުރުމާ ގުޅިގެން މެސެޖެއް ދެއްވާނެ ކަމަށެވެ. އަދި އިންޑިއާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް ސޯލިހް އަންނަ މަހު އިންޑިއާއަށް ވަޑައިގަތުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޝާހިދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެކަމަށް ދެކޮޅު ހަދާފައެއްވެސް ނުވެއެވެ.
އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތުމާ ގުޅިގެން ރައީސް އޮފީހުން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ކުރީން ވިދާޅުވެފައެވެ.